ދީން

ބަލިމަޑުކަމުގެ ޙާލަތުން ލިބިގަންނަށް ޖެހޭ ހިތްވަރާއި ދަރުސް މީގެ 500 އަހަރު ކުރިން ލިޔުއްވި ފޮތަކުން

ދެން އެމްވީ ، ދެން އޮންލައިން

އަޙުމަދު އިބްނި ހަޖަރުލް އަސްޤަލާނީ އަކީ އިސްލާމީ ތާރީޚު ދުށް ޒުހުދުވެރި ޢިލްމުގެ ކަނޑެއްފަދަ ބޭކަލެކެވެ. ހިޖުރައިން 773 ވަނަ އަހަރު މިސްރުގައި އުފަންވެ ވަޑައިގަތް އިބްނި ހަޖަރުގެ ބައްޕާފުޅަކީ ވެސް އެހާމެ ޢިލްމްވެރި ބޭކަލެކެވެ. ޢިލްމުގެ މަގުގައި އަރާ ހުންނެވި ބޭކަލަކަށް ދަރިކަލުން ހައްދަވަން ބޭނުންފުޅު ވި ނަމަވެސް ދަރިކަލުންގެ އުމުރުން އެންމެ ހަތަރު އަހަރުގައި އިބްނި ހަޖަރުގެ ބައްޕާފުޅު ދުނިޔެ ދޫކުރައްވައިފިއެވެ.

Ads by MWSC

އެހެން ނަމަވެސް އެވަގުތު އިބްނި ހަޖަރުގެ އަތްޕުޅުގައި ބައްޕާފުޅުގެ ތިމާގެ އަދި މިސްރުގެ ބޮޑު ވިޔަފާރިވެރިއެއް ހިއްޕެވިއެވެ. އިބުނި ހަޖަރުގެ ހުރިހާ ކަމެއް ބެލެހެއްޓެވިއެވެ.

ދަސްކުރައްވާ އެއްޗެއް ކިޔާލުމުން ހިތުދަސްވާ ފަދަ ހިތްޕުޅު އަލި ، އިބުނި ހަޖަރު ޢުމުރުފުޅުން އެންމެ 12 އަހަރުފުޅުގައި ޤުރުއާން ހިތުދަސް ކުރެއްވިއެވެ. ބޮޑެތި ޢާލިމުންގެ ކިބައިން ޢިލްމް ލިބިވަޑައިގެންނެވި އިބުނި ހަޖަރު ފާހަގަ ކުރެވެނީ ފިޤްޙްގައި އަރާ ހުންނެވި ބޭކަލެއްގެ ގޮތުގައެވެ. ޙަދީޘާއި ފިގުހުގެ 200 އަށް ވުރެ ގިނަ ފޮތް ލިޔުއްވިއެވެ. މިސްރަށް ސިހުމާއި ހިތާމަ ލިބިގެން ދިޔަ ޙާދިޘާއެއް ކަމަށްވި އިބުނި ޙަޖަރު ދުނިޔެއާއި ވަކިވުން ހިނގީ ހިޖުރީ ގޮތުން 852 ވަނަ އަހަރުގައެވެ.

ކީރިތި ޤުރުއާނަށްފަހު ދުނިޔޭގައި އޮތް އެންމެ ޞައްޙަ ފޮތް ކަމުގައިވާ ޞަހީޙުލް ބުޚާރީގެ ތަރުޖަމާއެއްގެ ގޮތުގައި މަޝްހޫރު ، ފަތުޙުލްބާރީ ލިޔުއްވި އިބުނި ހަޖަރުގެ މަޝްހޫރު އަނެއް ފޮތަކީ ''بذل الماعون في فضل الطاعون'' އެވެ. އެ ދުވަސްވަރު މިސްރުގައި ފެތުރުނު ތާޢޫން ބަލީގައި އިބުނު ހަޖަރުގެ ލޮބުވެތި ތިން ދަރިކަނބަލުން ދުނިޔެ ދޫކުރައްވުމާއި ގުޅިގެން ލިޔުއްވި މިފޮތަކީ މިއަދު ދުނިޔެ ދެކެމުންދާ ބަލިމަޑުކަމާއި ގުޅުވާލެވޭ ފޮތެކެވެ. އިބްނި ޙަޖަރު ދުނިޔެ ދޫކުރެއްވުމުގެ ދެއަހަރު ކުރިން ލިޔުއްވި މިފޮތުން މި ޙާލަތުގައި އަހަރެމެންނަށް އުއްމީދާއި ހިތްވަރު ލިބޭ އެތައް ވާހަކަތަކެއް ވެއެވެ.

ތާޢޫން ބައްޔާއި އެފަދަ އެހެނިހެން ބަލިމަޑުކަމުގެ ޙާލަތްތަކުގެ ފައިދާ ހެޔޮގޮތުގައި ނެގުމަށް އިރުޝާދު ދެއްވާ ، އެކަންކަމުން ނެނގޭނެ ހަތަރު ފައިދާއެއް މި ފޮތުގައި އިބްނި ޙަޖަރު ލިޔުއްވާފައިވެއެވެ.

އެއީ:

تقصير الأمل (ދުނިޔެވީ އުއްމީދުތަައް މަދުވުން)
تحسين العمل (ޢަމަލުތައް ފުރިހަމަވުން)
يقظة من الغفلة (ޣަފްލަތްތެރިކަމުން ހޭލެވުން) އަދި تزود للرحلة (ދަތުރަށް އެބަހީ އުޚްރަވީ ޙަޔާތަށް ތައްޔާރުވުން) އެވެ.

ތެދެކެވެ. ވަޒީފާ އަދާކުރުމާއި އެހެނިހެން ގިނަ ހަރަކާތްތަކާއި ދަރީންގެ ކަންކަމުގައި އަހަރެމެންގެ ހަޔާތް މިވަނީ އަވަދިނެތިކޮށްލާފައެވެ. ދުނިޔަވީ އުއްމީދުތައް ހައްދުން ބޭރުވެ އޭގެ ޒީނަތަށް ހެއްލި އަހަރެމެން މިވަނީ ޣާފިލްކޮށްފައެވެ. ހަމައެހެންމެ ހެއްލުންތެރި މިދުނިޔެއިން ފުރައިގެން "ދަތުރަކު" ދާންޖެހޭ ކަމުގެ ފިކުރެއް ވެސް ނެތް ފަދައެވެ. ވުމާއެކު މިފަދަ ބަލިމަޑުކަމަކީ މިކަންކަމާމެދު އަހަރެމެންގެ ލޯ ހުޅުވާލަން ލިބޭ ފުރުސަތެކެވެ.

ބަލިމަޑުކަން ފެތުރޭ ދުވަސްވަރާއި ގުޅޭ ގޮތުން އެފޮތުގައި އިބްނި ހަޖަރު ލިޔުއްވިއެވެ.

''ގިނަ ބަލިމަޑުކަން ކުރިމަތިވަނީ ފިނި މޫސުމުގައެވެ. އަދި ހޫނު މޫސުން އައުމާއެކު އެ ބަލިމަޑުކަން ފިލާދެއެވެ.''

އަހަރެމެންނަށް އޮތީ ﷲއަށް ވަކީލު ކުރުމާއި އެއިލާހަށް ދެންނެވުމެވެ. ތައުބާވެ އިސްތިޣްފާރު ކުރުމެވެ. ހަމައެއާއެކު ސަބަބުތަކުގައި ހިފުމެވެ.

ދުޢާ އަކީ މި ބަލިމަޑުކަން ވެސް އަވަހަށް ފިލާ ދިޔުމެވެ. ޝައްކެއް ނެތް ގޮތުގައި މިއަދުގެ ޙާލަތު ވެސް ބަދަލު ވާނެއެވެ. އެއީ ﷲގެ ވަޢުދުފުޅެވެ. ހަމަކަށަވަރުން އުނދަގޫ ކަމަކަށްފަހު ފަސޭހަކަން ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!