އަދަދު ނޫހުގެ ދެ ނޫސްވެރިން ޖަލަށް ލާން ހުކުމްކޮށްފި
އަދަދު ނޫހުން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ގުޅޭ ގޮތުން ނެރުނު ޑޮކިއުމަންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފުވި މައްސަލަ ސާބިތުވެ އެ ނޫހުގައި މަސައްކަތް ކުރާ ދެ ނޫސްވެރިއަކު ޖަލަށް ލާން މިއަދު ހުކުމްކޮށްފިއެވެ.
ޑޮކިއުމަންޓްރީއާ ގުޅިގެން ކޯޓުން މިދިޔަ އާދިއްތަ ދުވަހު ނެރުނު އަމުރުގައި ވަނީ އެއްވެސް ފަރާތަކުން ދައުވާއާ ގުޅުން ހުރި ޑޮކިއުމަންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި އަދި ޑޮކިއުމަންޓްރީގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށާއި ޝަރީއަތަށް ހުށަހަޅާފައިވާ ޑޮކިއުމަންޓްރީއާ ގުޅިގެން މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަކަށްވީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް ވެސް އަމުރުނެރެފައެވެ.
ނަމަވެސް އިއްޔެ ރައީސް އޮފީހުގައި ބޭޢްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މައްސަލައާ ގުޅޭ ގޮތުން އަދަދުގެ ނޫސްވެރިޔާ މުހައްމަދު ޝަހްޒާން ވާހަކަ ދެއްކި އިރު އަދަދުގެ އެހެން ނޫސްވެރިއަކަށްވާ ލީވާން އަލީ ނާސިރު ވަނީ އެކަމާ ގުޅޭ ހަބަރެއް ވެސް ގެނެސްދީފައެވެ. އެހެންވެ ދެ މީހުން ވެސް ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ ވަނީ މިއަދު ކޯޓަށް ހާޒިރުކޮށްފައެވެ.
ސިއްރުން ގެންދިޔަ މިއަދުގެ ޝަރީއަތުގައި ވަނީ ދެ މީހުންގެ މައްޗަށްވެސް ކުށް ސާބިތުވާކަމަށް ކަނޑައަޅައިފަ އެވެ. އަދި ޝަހުޒާން 15 ދުވަހަށް އަދި ލީވާނަށް 10 ދުވަހަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފައެެވެ.
އެހެންވެ ދެ ،މީހުންވެސް ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ މާދަމާ ކްރިމިނަލް ކޯޓަށް ހާޒިރުވާން ވަނީ އަންގައިފައެވެ.
ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން މުޖުތަމައުގެ އަހުލާގީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން އެ ޝަރީއަތް ކުރިއަށް ގެންދާނީ އާންމުކޮށް ހުޅުވާނުލައި ސިިއްރުކޮށްގެން ކަމަށާއި މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުން ހުރި މައުލޫމާތުތައް ނުފެތުރުމަށް ވެސް ވަނީ އަމުރު ނެރެފައެވެ.