އާންމުން ބުނަނީ ޓްރަމްޕް ވައިޓްހައުސްއަށް އެނބުރި އައީ ޝާހްރުކްއާ އެއް ފަދައިން ކަމަށް!

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަކީ އަބަދުވެސް މީހުންގެ ސަމާލުކަން ހޯދުމަށް ވަރަށް މަސައްކަތް ކުރާ މީހެކެވެ. އަދި މީހުންގެ ސަމާލުކަން ހޯދަން ވަރަށް ބޭނުންވާ މީހެކެވެ. އޭނާގެ ވާހަަކަތަކުގައި ވެސް އަބަދުވެސް މަސައްކަތް ކުރަނީ އާންމުންގެ ސަމާލުކަން ހޯދުމަށެވެ. މިފަހަރު ވެސް އޭނާ ކޮށްފައި މިވަނީ އެފަދަ ކަމެކެވެ.
ކޮވިޑް-19 އަށް ޓްރަމްޕް ފައްސިވުމަށްފަހު އޭނާ 3 ދުވަސް ވަންދެން ހޮސްޕިޓަލުގައި އެނދުމަތިކޮށްފައި ބޭއްވިއެވެ. އެނދުމަތި ކޮށްފައި ބޭއްވުމަށްފަހު އޭނާ ގެއަށް ދޫކޮށްލި ނަމަވެސް އޭނާ އަދިވެސް ބަލިން މުޅިން ފަސޭހަ ވެފައެއް ނުވެއެވެ.
ހޮސްޕިޓަލުން ދޫކޮށްލުމުން ވައިޓް ހައުސްއަށް އޭނާ އެނބުރި އައީ ހެލިކޮޕްޓަރެއްގައެވެ. ވައިޓް ހައުސް ކުރިމަތީގައި އޮންނަ ޖާގައަށް އެ ހެލިކޮޕްޓަރު މަޑު ކުރުމުން ޓްރަމްޕް ވަނީ އެއިން ފައިބައިފައެވެ. އަދި މި މަންޒަރު ދައްކުވައިދޭ ފޮޓޯތައް މީސްމީޑިއާގައި ވަނީ އާންމުވެފައެވެ.
ގިނަ ބަޔަކު މި މަންޒަރު ސިފަކޮށްފައި ވަނީ ބޮލީވުޑްގެ މަޝްހޫރު ފިލްމު ކަބިހުޝި ކަބިގަމްގައި ޝާހްރުކްޚާން ހެލިކޮޕްޓަރުން ފައިބައިގެން އަންނަ މަންޒަރާ އެއްފަދަ މަންޒަރެއް ކަމުގައެވެ. މިހެން ބުނުމުން އެ މަންޒަރު ސިފަ ވެއްޖެ ދޯއެވެ؟
ޑޮނާލްޑް ޓްރަމްޕް ވަނީ އޭނާ ހެލިކޮޕްޓަރުން ފައިބައިގެން ވައިޓް ހައުސްއަށް ވަންނަން ދަނިކޮށް ނަގާފައިވާ ފޮޓޯއެއް އޭނާގެ އޮފިޝަލް ޓްވީޓާ އެކައުންޓުގައި ވެސް ހިއްސާ ކޮށްފައެވެ. މީސްމީޑިއާގައި ގިނަ ބަޔަކު ވަނީ މި ފޮޓޯއަށް ޖޯކު ޖަހާފައެވެ. އަދި ކަބިހުޝި ކަބިގަމް ނުބަލާ މީހުން ވެސް ވަނީ މިކަމަށް ތާއިދުކޮށް މި ފޮޓޯ ހިއްސާކޮށްފައެވެ.
މި ފޮޓޯގައި މަދުވަނީ އެންމެ ކަމެކެވެ. ޖަޔާ ބައްޗަން ޝާހްރުކްހާން އަށް "ވެލްކަމް" ކުރަން ދާ މަންޒަރު އެކަންޏެވެ. އެނޫންނަަމަ މިއީ ހަމަ ސީދާ ކަބިހުޝި ކަބިގަމްގެ ރިމޭކް އެކެވެ.