ޚަބަރު

ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ލިބިދާނެތީ ކުރީގެ ތިން ރައީސުން ކަންބޮޑުވޭ: ޝާޑު

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ކުރީގެ ތިން ރައީސުން ގުޅިވަޑައިގެން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ފާޑުވިދާޅުވަމުން ގެންދަވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް އިތުރު ދައުރެއް ކާމިޔާބުކުރެއްވިދާނެކަމުގެ ބިރު އޮތުމުންކަމަށް އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.

Ads by Allied

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސިޔާސީ މަސްރަޙުގައި މިހާރު ހިނގަމުންދާ ކަންކަމަށް އަލިއަޅުއްވާލައްވައި ޝާޑު ފާހަގަކުރެއްވި ގޮތުގައި، އިދިކޮޅު ފަރާތްތަކުންނާއި ކުރީގެ ވެރިން ސަރުކާރަށް އަމާޒުކުރަމުންދާ ފިއްތުންތަކަކީ ސީދާ ސިޔާސީ މަޤުޞަދެއްގައި ކުރަމުންދާ ކަންތައްތަކެކެވެ. އެގޮތުން، ރައްޔިތުންގެ މެދުގައި ރައީސް މުޢިއްޒުގެ މަޤުބޫލުކަން އިތުރުވަމުންދާތީ، އެކަން ހުއްޓުވުމަށްޓަކައި އެކި ގޮތްގޮތުން ހުރަސްއެޅުމަށް މަސައްކަތްކުރަމުންދާކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

ރައީސް މުޢިއްޒުގެ ފަހަތުގައި 70،000 މެމްބަރުން އެބަތިބިކަމަށާއި، އެ ހުރިހާ މެމްބަރުން ވެސް ތިބޭނީ ރައީސް މުއިއްޒާއި އެކު ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ހުރިހާ މެމްބަރުން ވެސް އެ އިޚުލާސްތެރިކަން ދަމަހައްޓާނެ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. އަދި މީގެ ވިހި އަހަރު ކުރިން ރާއްޖޭގެ ވެރިކަން ބަދަލުކުރި ގޮތަށް ދެން މި ގައުމުގެ ވެރިކަން ބަދަލުނުކުރެވޭނެ ކަމަށާއި ވެރިކަން ބަދަލުކުރާނެކަމަށް، ކުރީގެ ރައީސް ނަޝީދު ވިދާޅުވެފައި ވާތީ އެކަމަށް ރައްދު ދެއްވައި ޝާހިދު ވިދާޅުވީ ޕީއެންސީއަކީ ވެރިކަން ބަދަލު ކުރަން މާ ފަރިތަ ޕާޓީއެއްކަމަށާއި، އެކަން ކުރަނީ އިންތިހާބުތަކުން ކަމަށެވެ. އަދި 2023 ގައި އެމްޑީޕީގެ ވެރިކަން ބަދަލު ކުރީ ވެސް އެގޮތުގެ މަތީންކަމަށް ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން، ޤައުމުގެ ތަރައްޤީއަށް ސަރުކާރުން ފަށާފައިވާ މުހިންމު މަޝްރޫޢުތައް ކާމިޔާބުކަމާ އެކު ނިމިއްޖެނަމަ، ދެވަނަ ދައުރަކަށް ރައީސް މުޢިއްޒު އިންތިޚާބުވެވަޑައިގަތުމުގެ ފުރުޞަތު ވަރަށް ބޮޑުކަން ކުރީގެ ރައީސުންނަށް ވެސް ޤަބޫލުފުޅުކުރެއްވޭ ކަމަށް ޝާޑުގެ ވާހަކައިގައި ވަނީ ބަޔާންކުރައްވާފައެވެ.

Ads by Allied Insurance