ޚަރަދުތައް ހަމަޖެއްސުމަށް 15 ބިލިއަން ރުފިޔާ އިތުރަށް ބޭނުންވޭ: މިނިސްޓަރު އަމީރު

ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ދައުލަތަށް މިހާތަނަށް ލިބިފައިވާ އާމްދަނީގެ އިތުރުން 15 ބިލިއަނެއް ހާ ރުފިޔާ ބޭނުންވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީރު މިހެން ވިދާޅުވީ މިހާރު ކުރިއަށްދަމުންދާ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން އަމީރު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން، 2020 ވަނަ އަހަރަށް ހުށަހެޅި ބަޖެޓުތަކުގެ އަންދާޒާތައް ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށާއި މީގެ ކުރިން ހިލޭ އެހީގެ ގޮތުގައި ގާތްގަނޑަކަށް 30 ބިލިއަން ލިބޭނެކަމަށް އަންދާޒާ ކުރި ނަމަވެސް މިހާރު ލިބޭނެ ކަމަށް ލަފާކުރެވެނީ ގާތްގަނޑަކަށް 14 ބިލިއަން ރުފިޔާކަމަށެވެ.
އަދި މި ދަނޑިވަޅުގައި ރައްޔިތުންނަށް ސަރުކާރުން ކޮށްދޭން ޖެހޭ ހުރިހާ އަސާސީ ހިދުމަތްތަކެއް ފަހި ކޮށްދެމުން އަންނަ ކަން އަމީރު ފާހަގަކުރެއްވިއެވެ.
"ސަރުކާރެއްގެގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރަމުން މިދަނީ، އޭގެތެރޭގައި ފާހަގަ ކޮށްލަން ބޭނުންވޭ ، އެއްވެސް ޕްރޮޖެކްޓެއް ނުހުއްޓި، ޕްރޮޖެކްޓުތަކަށް ދައްކަން ޖެހޭ ފައިސާ ވެސް ދައްކަމުން، އިންކަމް ސަޕޯޓު އެލަވަންސް ވެސް ދެމުން މިދަނީ،" މިނިސްޓަރ ވިދާޅުވިއެވެ.