ޚަބަރު

ބޮޑެތި މައްސަލަތައް ތަހުގީގުކޮށްފައިވާ ފުލުސް އޮފިސަރުންގެ އަގު ވަޒަންކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ހިންގާފައިވާ ޖިނާއީ ބޮޑެތި މައްސަލަތައް ތަހުގީގުކުރުމުގައި އިސްދައުރެއް އަދާކުރި އޮފިސަރުންގެ އަގު ދިވެހި ފުލުހުންގެ ހިދުމަތުން ވަޒަންކޮށްފިއެވެ.

Ads by Allied

މިއަދު އިސްކަންދަރު ބިލްޑިންގައި އެކަމަށްޓަކައި ހާއްސަ ރަސްމިއްޔާތެއްވެސް ވަނީ ބާއްވައިފައެވެ.

ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދުވެސް ބައިވެރިވެވަޑައިގެންނެވި އެ ރަސްމިއްޔާތުގައި ވަނީ ޖިނާއީ ބޮޑެތި މައްސަލަތަށް ތަހުގީގުކޮށް ކާމިޔާބުކަމާއިއެކު ނިންމުމުގައި އަމަލީގޮތުން ބައިވެރިވެ މަސައްކަތްކޮށްފައިވާ ފުލުހުންނަށާއި، ތަހުގީގުކުރުމަށް އެކިގޮތްގޮތުން އެހީތެރިވެދީފައިވާ ފުލުހުންގެ މަސައްކަތް ބަލައިގަނެ، އަގުވަޒަންކޮށް ހަނދާނީ ލިޔުން ދީފައެވެ.

އެގޮތުން 117އޮފިސަރުންނަށް ވަނީ ހަނދާނީ ލިޔުންދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފާއިތުވި ފަސް އަހަރު ތެރޭގައި ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ ޑިޕާޓްމަންޓްތަކުގައި ތަހުގީގުކޮށްފައިވާ ބޮޑެތި މައްސަލަތަކުގައި ބައިވެރިވެފައިވާ އޮފިސަރުންނެވެ. މީގެ ތެރޭގައި މިހާރު އެހެނިހެން ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ އޮފިސަރުން ވެސް ހިމެނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު ވަނީ ތަހުގީގުތައް ކުރިއަށް ގެންދިއުމުގައި އޮފިސަރުން ބެހެއްޓި ސާބިތުކަމާއި، ދެއްކި ހުނަރުވެރިކަމުގެ އިތުރުން މަސައްކަތަށް ދިން އަހަންމިއްޔަތު ފާހަގަކުރައްވައި އެ ބޭފުޅުންނަށް ތައުރީފުކުރައްވާފައެވެ. އަދި ކާމިޔާބު ތަހުގީގެއް ފުރިހަމަ ކުރުމަށްޓަކައި ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމާއި، ކުދިކުދި ތަފްސީލުތަކަށް ސަމާލުކަންދިނުމުގެ މުހިންމުކަން ފާހަގަކުރައްވައި، އިންސާފު ގާއިމުކުރުމުގައާއި މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި އިންވެސްޓިގޭޝަން އޮފިސަރުން އަދާކުރައްވާ ދައުރަކީ ފުލުހުންގެ ޚިދުމަތަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް ކޮންމެހެން ބޭނުންތެރި މަސައްކަތެއްކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.

Ads by Allied Insurance