ޖިންސީ ގޯނާގެ ބޮޑެތި ދައުވާތަކަކާ އެކު، ސަނީ އުމަރު މާދަމާ ކްރިމިނަލް ކޯޓަށް
ޙުސައިން ސަނީ އުމަރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ބޮޑެތި މައްސަލަތަކުގެ ޝަރީއަތް، މާދަމާ މެންދުރުފަހު 2:00 ގައި ކްރިމިނަލް ކޯޓުގައި ފެށުމަށް ތާވަލުކޮށްފިއެވެ.
މާދަމާ ކުރިއަށްގެންދާ އަޑުއެހުމުގައި އޭނާގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލިފައިވާއިރު، އޭގެ ތެރޭގައި ކުޑަކުދިންގެ ހަށިގަނޑުގައި ޖިންސީ ގަސްތެއްގައި އަތްލުމުގެ ތިން ދައުވާއެއް ހިމެނެއެވެ. މި ދައުވާތައް އުފުލާފައި ވަނީ އުމުރުން ހަތް އަހަރުގެ ކުއްޖަކަށް އެކި ދުވަސްމަތިން ގޯނާކުރިކަމަށް ބުނާ މައްސަލައަކާއި، އިތުރު ދެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ މައްސަލައެއްގައެވެ. ކުށެއް ސާބިތުވެއްޖެނަމަ، ކޮންމެ ދައުވާއަކަށް 10 އަހަރާއި 14 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އޭނާއަށް ކުރިމަތިވާނެއެވެ.
ޖިންސީ ގޯނާގެ ދައުވާތަކުގެ އިތުރުން، ފުލުހުންގެ ތަހުގީގަށް ހުރަސްއެޅުމުގެ ގޮތުން ފޯނު ގެއްލިފައިވާ ކަމަށް ބުނެ ހެކި ނައްތާލަން މަސައްކަތްކުރުމުން، އަދުލު އިންސާފު ގާއިމުކުރަން ހުރަސްއެޅުމުގެ ދައުވާ ވެސް ވަނީ އުފުލާފައެވެ. އަދި އޭނާ ބޭނުންކުރި ސިމް ކާޑާ ގުޅޭގޮތުން ފުލުހުންނަށް ދޮގު މައުލޫމާތު ދީފައިވާތީ، ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ވެސް ސަނީގެ މައްޗަށް ކޮށްފައިވެއެވެ. އިންސާފަށް ހުރަސްއެޅުމުގެ ކުށަށް އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް ކަނޑައެޅިފައިވާއިރު، ދޮގު މައުލޫމާތު ދިނުމުގެ ކުށަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެއެވެ.
ކުޑަކުދިންގެ ހައްގުތަކާއި މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި، ގާނޫނުއަސާސީން ލިބިދޭ ބާރުގެ ދަށުން ކްރިމިނަލް ކޯޓުން މި ޝަރީއަތްތައް ކުރިއަށް ގެންދާނީ އާންމުންނަށް ނުވަދެވޭގޮތަށް ސިއްރުކޮށްގެންނެވެ. އެހެންނަމަވެސް މައްސަލައިގެ ނިހާއީ ހުކުމް އިއްވާނީ އާންމުކޮށް ހުޅުވާލައިގެން ބާއްވާ މަޖިލީހެއްގައެވެ. މި މައްސަލައިގެ ތަހުގީގު މަރުހަލާއިން ފެށިގެން، މިދިޔަ ޖަނަވަރީ މަހުން ފެށިގެން ސަނީ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.