ޞާލިޙުގެ ލީޑަރޝިޕުގައި ސިޔާސީ ކުލައެއް ނެތް، ނަޝީދާ ނުލައި އެމްޑީޕީ ކުރަންޖެހުނީ ހިތްދަތި ތަޖުރިބާއެއް: މޫކޭ
ޞާލިޙުގެ ލީޑަރޝިޕަކާ އެކު ސިޔާސީ ގޮތުން ޕާޓީއަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށް ކުރިން އުންމީދު ކުރެވުނު ނަމަވެސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ޕާޓީގައި ނެތުމުން ކުރަންޖެހުނީ ވަރަށް ހިތްދަތި ތަޖުރިބާތަކެއް ކަމަށް އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މޫސާ ޢަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މޫކޭ ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކޮށްގެން އެމްޑީޕީއަށް ޖެހުނީ ނާކާމިޔާބީއާ ކުރިމަތިލާން ކަމަށެވެ. އަދި ފުރަތަމަ ބުރުގައި އެމްޑީޕީއަށް 40 އިންސައްތަ ވޯޓު ވެސް ނުލިބި ބޮޑުތަނުން ޖެހުނީ ބަލިވާން ކަމަށް މުކޭ ވިދާޅުވިއެވެ.
މަޖިލިސް އިންތިހާބުގައި ޑިމޮކްރެޓްސްއާއި ވާހަކަ ދައްކައިގެން ކުރިޔަށް ދިއުމުގެ ފުރުސަތު ޕާޓީއަށް އޮތް ކަމަށާއި ނަމަވެސް އެއްބަސްވުންތަކަށް ނާދެވުނު ކަމަށް މޫކޭ ވިދާޅުވިއެވެ. އެކަމުގެ ސަބަބުން އެމްޑީޕީއަށް އެ އިންތިޚާބުގައި ލިބުނީ އެންމެ 12 ގޮނޑި ކަމަށާއި އެއީ ރައީސް ނަޝީދުއާ ދެކޮޅުވެރިވުމުގެ ނަތީޖާ ކަމަށް ވެސް މޫކޭ ވިދާޅުވިއެވެ.
"ރައީސް ނަޝީދު ޗެއާޕާސަންގެ މަގާމު ބޭނުންވަނީ ވެސް، ސަރުކާރުން މީކާއިލް ޗެއާޕާސަނަކަށް ގެނެސް އެމްޑީޕީއަކީ ރޫހެއް ނެތް މަރުވެފައިވާ ޕާޓީއެއްގެ ގޮތުގައި ނިމޭނީ." މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވިއެވެ.
ރައީސް ޞާލިޙަކީ ސިޔާސީ ލީޑަރެއްގެ ގޮތުގައި ނުދެކޭ ކަމަށާއި ސިޔާސީ ކަންކަން ހިނގެވުމުގެ ވައްޓަފާޅިއެއް ވެސް ނެތް ބޭފޫޅެއް ކަމަށް ފާހަގަ ކުރެވުނު ކަމަށް މޫކޭ ވިދާޅުވިއެވެ. އަދި ޞާލިޙަކީ އެއްވެސް ކަމެއްގައި އަމިއްލައަށް ގުޅުއްވައި އެއްވެސް އިރެއްގައި ޚިޔާލު ހޯއްދަވައި، ކަންކަން ބެއްލެވި ބޭފުޅެއް ނޫން ކަމަށް ވެސް މޫކޭ ފާހަގަކުރެއްވިއެވެ.