ޚަބަރު

ޑިޖިޓަލް އައިޑެންޓިޓީ ބިލު މަޖިލީހަށް ވައްދައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
MAJLIS

މައުލޫމާތުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ފުރިހަމަ ނިޒާމެއް ޤާއިމުކުރުމުގެ މަޤުސަދުގައި ސަރުކާރުގެ ފަރާތުން "ޑިޖިޓަލް އައިޑެންޓިޓީގެ ބިލު" ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ވެއްދެވީ އަލިފުށީ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް ޢަބްދުއްރަޙްމާންއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މި ޤާނޫނުގެ އެންމެ ބޮޑު އަމާޒަކީ ދައުލަތުގެ މުއައްސަސާތަކާއި އަމިއްލަ ކުންފުނިތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ހޯދާ ފަރާތްތަކުގެ ޒާތީ މައުލޫމާތުތައް ޙިމާޔަތްކުރުމާ އެކު، އާންމުންގެ އިތުބާރު ލިބިފައިވާ ހަރުދަނާ ޑިޖިޓަލް ވިއުގައެއް ބިނާކުރުމެވެ.

އަލަށް އެކުލަވާލެވޭ މި ޤާނޫނުގެ ބާރު ހިނގާނީ ހަމައެކަނި ރާއްޖޭގައި ދިރިއުޅޭ މީހުންނަކަށް ނޫނެވެ. ރާއްޖެއިން ބޭރުގައި ވަޒަންވެރިވެފައިވާ ދިވެހިންނާއި، ރާއްޖޭގައި އުޅުމުގެ ހުއްދަ ބޭނުންވާ ބިދޭސީންގެ އިތުރުން ރާއްޖެއާ ގުޅުންހުރި އޮންލައިން ވިޔަފާރިތަކާއި ޚިދުމަތްތައް ދޭ ފަރާތްތަކުގެ މައްޗަށް ވެސް މި ޤާނޫނު ތަންފީޒުކުރެވޭނެއެވެ.

މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމު ހިންގުމުގެ ކަންކަން ބެލެހެއްޓުމަށްޓަކައި 90 ދުވަހުގެ ތެރޭގައި "ޑިޖިޓަލް އައިޑެންޓިޓީ ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީ" ގެ ނަމުގައި ޚާއްޞަ ކޮމިޓީއެއް އުފައްދަންޖެހެއެވެ. މި ކޮމިޓީ އެކުލަވާލުމުގެ އިޚްތިޔާރު ދީފައި ވަނީ މި ދާއިރާގެ ކަންކަން ބަލަހައްޓަވާ ވަޒީރަށެވެ. ކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތަކީ އުސޫލުތަކާ އެއްގޮތަށް ނިޒާމު ހިނގާތޯ ކަށަވަރުކުރުމާއި، ގަވާއިދުތައް އެކުލަވާލުމުގައި ފަންނީ ލަފާދިނުމެވެ.