ދައުލަތުގެ އާންމު މަންފާއަށް ހިންގާނެ ޤައުމީ ބޮޑެތި މަޝްރޫޢުތަކެއް ރައީސް ކަނޑައަޅުއްވައިފި
ދައުލަތުގެ އާންމު މަންފާއަށްޓަކައި ކުރިއަށް އޮތް ތަނުގައި ހިންގުމަށް ހަމަޖެހިފައިވާ އެންމެ މުހިންމު ޤައުމީ މަޝްރޫޢުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ޤަރާރަކުން މިއަދު ކަނޑައަޅުއްވައިފިއެވެ.
ޓޫރިޒަމާ ބެހޭ ޤާނޫނުގެ ދަށުން ގެޒެޓުކުރެއްވި މި ޤަރާރުގައި، ސަރުކާރުގެ ބޮޑެތި ސިޔާސަތުތަކުގެ ތެރެއިން ތަންފީޒުކުރާނެ އުމްރާނީ އަދި އިޤުތިޞާދީ މަޝްރޫޢުތަކާއި، އެ މަސައްކަތްތަކާ ހަވާލުވާ ފަރާތްތަކުން ކުރަންޖެހޭނެ އެންމެ ކުޑަ އިންވެސްޓްމަންޓްގެ މިންވަރު ވަނީ ތަފްސީލުކޮށްދެއްވާފައެވެ.
ތަފާތު އެކި ދާއިރާތަކަށް ބަހާލައިގެން އިއުލާނުކުރި މި ލިސްޓުގައި އެންމެ އިސްކަމެއްދީފައި ވަނީ ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރާ ގުޅޭ އިންވެސްޓްމަންޓްތަކަށެވެ. އޭގެ ތެރޭގައި އައްސޭރި ފަތުރުވެރިކަން ކުރިއެރުވުމާއި، ހުރިހާ އަތޮޅެއްގައި ނޭޗަރ ޕާކުތައް ހެދުމުގެ އިތުރުން ހެރިޓޭޖް ޓޫރިޒަމް ތަޢާރަފުކުރުން ހިމެނެއެވެ. ހަމައެއާ އެކު އަތޮޅުތެރޭގައި އައު އެއަރޕޯޓުތައް ބިނާކުރުމާއި، މިހާރު ހުރި ޑޮމެސްޓިކް އެއަރޕޯޓުތައް ބައިނަލްއަޤުވާމީ ފެންވަރަށް ތަރައްޤީކުރުން ވެސް ހިމެނެއެވެ.
މުޖުތަމަޢުގެ ރައްކާތެރިކަމާއި އިސްލާޙީ ފިޔަވަޅުތަކަށް ޚާއްޞަކޮށްގެން ވެސް ބޮޑެތި މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ކުށުގެ ވެއްޓަށް ހުށަހެޅުމުގެ ނުރައްކާ އޮތް ކުޑަކުދިންނަށް ފަރުވާދިނުމަށް "ހޯޕް އައިލެންޑް" ގެ ނަމުގައި މަރުކަޒެއް ހެދުމަށް 15 ހެކްޓަރުގެ ބިން ހިއްކައި ތަރައްޤީކުރުމާއި، ޒަމާނީ "ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް" އެއް ބިނާކުރުމަށް 30 ހެކްޓަރުގެ ބިން ހިއްކައި ތަރައްޤީކުރުން ހިމެނެއެވެ. މީގެ އިތުރުން ޤައުމުގެ ސަލާމަތާއި ސިޔާދަތު ދިފާޢުކުރުމަށް ބޭނުންވާ މުހިންމު މަޝްރޫޢުތަކެއް ވެސް މީގެ ތެރޭގައި ވަނީ ހިމަނާފައެވެ.
ޢުމްރާނީ ތަރައްޤީއާއި ތިމާވެށީގެ ދާއިރާއިން ވެސް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ވަނީ ކަނޑައަޅާފައެވެ. ކޯޒްވޭ މެދުވެރިކޮށް ރަށްތައް ގުޅާލުމާއި، ހިއްކާފައިވާ ބިންތަކުގައި މަގުހަދައި އަސާސީ ޚިދުމަތްތައް ޤާއިމުކުރުން އުމްރާނީ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ. ތިމާވެއްޓާ ގުޅޭގޮތުން، ރަށްރަށުގެ ފެނާއި ނަރުދަމާގެ ނިޒާމުތައް މަރާމާތުކުރުމާއި، 50 ރަށެއްގައި ކޮމްޕޯސްޓް ޕްލާންޓް ބެހެއްޓުމާއި، 10 ރަށެއްގައި ކުނި މެނޭޖުކުރާނެ މަރުކަޒުތަކާއި ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތައް ހެދުމަށް ވަނީ ރާވާފައެވެ.
މީގެ އިތުރުން ކުޅިވަރުގެ ދާއިރާއަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ ޚާއްޞަ މަޝްރޫޢެއްގެ ގޮތުގައި ރާއްޖޭގައި ހައިޕަރފޯމަންސް ސެންޓަރުތަކެއް ބިނާކުރުމުގެ މަސައްކަތް މި ޤަރާރުގައި ވަނީ ހިމަނާފައެވެ.