އާންމުތަނެއްގައި ތޫނު ހަތިޔާރު ގެންގުޅުނު މީހަކު ހައްޔަރުކޮށްފި
އާންމުތަނެއްގައި ތޫނު ހަތިޔާރު ގެންގުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިިގައި ހައްޔަރުކުރީ ހދ. ނޮޅިވަރަމް، ހީރޯސީ ވިލާ، އަހުމަދު ފިރާޒް(41އ.)އެވެ.
އެ މައްސަލައިގައި އޭނާ 10 ބަންދު ކުރަން ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ބަންދު އަމުރުގައި ބުނެފައިވާ ގޮތުން ފުލުހުން އޭނާ ހުއްޓުވާ ބެލިއިރު ވަޅިއެއް ފެނިފައިވެއެވެ.
އަދި އޭނާ އެ ވަޅި ގެންގުޅުނީ މަގުބޫލު ސަބަބެއް ނެތި ކަމަށް ވެސް ބަންދު އަމުރުގައި ބުނެފައިވެެއެވެ. އަދި ވަޅި ގެންގުޅުމުގެ ޒާތަށް ބަލާލާއިރު އޭނާގެ ފަރާތުން މުޖުތަމައުއަށް ނުރައްކާވުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.
ކުރިން މާލޭގައި ގޭންގުތަކުން އެންމެ އާންމުކޮށް ވަޅި ޖަހައި ހެދި ދުވަސް ވަރު މަގުމަތީ ވަޅި ހިފައިގެން އުޅުނެވެ.
ނަމަވެސް މިހާރު ގޭންގުތަކުން ވަޅި ޖެހުމުގެ ކަންކަން ވަނީ ވަަރަށް ބޮޑަށް މަޑުޖެހިފައެވެ.