ޚަބަރު

މަޖިލީހުގެ އަމާޒަކީ ވޭނުގައި އުޅޭ އާއިލާތަކަށް އުންމީދެއް ދިނުން: ރައީސް ނަޝީދު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ އަމާޒަކީ ވޭނުގައި ދިރިއުޅޭ އާއިލާތަކަށް އުންމީދު ދިނުމާއި އެ އުންމީދު ގެއްލި ނުދާނޭ ގޮތެއް ހޯދޭތޯ މަސައްކަތް ކުރުން ކަމުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރާއްޖޭގައި ދެވޭ ތެލަސީމިއާ ފަރުވާ ދިރާސާ ކުރުމަށް، ރައްޔިތުންގެ މަޖިލީހާއި މޯލްޑިވްސް ތެލަސީމިޔާ ސޮސައިޓީ ގުޅިގެން، ބާއްވާ މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ގައުމިއްޔަތެއް އުފެދިގެން އަންނަނީ މުޖުތަމައުގައި އުޅޭ ނިކަމެތި އަދި ވޭން އަޅާ މީހުންނާ މެދު އަމަލުކުރާ ގޮތެއްގެ މައްޗަށް ކަމަށެވެ.

ތެލެސީމިޔާ ބަލީގައި މަރުގެ ތުންފަތްމަތީގައި ހޭދަ ކުރަންޖެހޭ އާއިލާތަކުގެ ވޭނާއި، މާޔޫސްކަން ގިނަ ރައްޔިތުންނަށް އިހުސާސު ނުކުރެވޭ ކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ބްލަޑް ބޭންކުތަކުން ލޭ ހުސްވެ، ތެލެސީމިއާ ކުދިންނަށް ލޭ ނުލިބޭ ކަމުގެ ކަންބޮޑުވުންތަކާއި އެ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ވަސީލަތްތައް މަދުކަމުގެ ޝަކުވާ އަބަދު ވެސް އިވޭ ކަމަށެވެ.

އަދި މިފަދަ މަސައްކަތުގެ ބައްދަލުވުންތަކުގެ ބޭނުމަކީ މިފަދަ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުން ކަމުގައި ވެސް ނަޝީދު ވިދާޅުވިއެވެ.

"މަޖިލީހުގެ އަމާޒަކީ އަދި ކޮމިޓީގެ ވެސް ބޭނުމަކީ އުއްމީދެއް ދިނުން. ރައްޔިތުންނަށް އުއްމީދު ގެއްލި ނުދާނޭ ގޮތެއް ހޯދޭތޯ މަސައްކަތް ކުރުމަކީ މި މަޖިލީހުގެ އަބަދުވެސް އަމާޒު،" ނަޝީދު ވިދާޅުވިއެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!