އިންޑިއާގެ 'ގްލޯބަލް ދުކާން'އިން ކުރާ ވިޔަފާރިތައް ދިވެހި ރުފިޔާ ބަލައިގަންނަން ފަށައިފި
މޯލްޑިވްސް ޕޯސްޓާއި އިންޑިއާ ޕޯސްޓް ގުޅިގެން، އިންޑިއާގެ މަޝްހޫރު އީ-ކޮމާސް ޕްލެޓްފޯމްތަކުގެ މުދާ ރާއްޖެއަށް ގެނެސްދޭ "ގްލޯބަލް ދުކާން" އެޕްލިކޭޝަން މެދުވެރިކޮށް ކުރާ މުއާމަލާތްތަކަށް އަންނަ ހުކުރު ދުވަހުން ފެށިގެން ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
މި ބަދަލާ އެކު، ބޭރު ފައިސާ ނުވަތަ ޑޮލަރުގެ ލިމިޓަށް ބަރޯސާނުވެ، އޮންލައިންކޮށް މުދާ ގަނެގެން ވިޔަފާރިކުރާ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށާއި އާންމު ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަމަށް އެ ފަރާތުން މައުލޫމާތުދެއެވެ. "ގްލޯބަލް ދުކާން" އަކީ އިންޑިއާގެ ބާޒާރުގައި ހުރި ތަކެތި ފަސޭހަކަމާ އެކު ސީދާ ރާއްޖެއަށް ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ހާއްސަ ހިދުމަތެކެވެ.
މި ޑިޖިޓަލް މާކެޓްޕްލޭސްގެ ތެރެއިން ދުނިޔޭގެ ނަންމަޝްހޫރު ގިނަ ބްރޭންޑްތަކެއްގެ އުފެއްދުންތައް ގަންނަން ލިބެން ހުރެއެވެ. އޭގެ ތެރޭގައި އެމެޒަން، ފްލިޕްކާޓް، އިކިއާ، މިންތްރާ އަދި ނައިކާ ފަދަ ޕްލެޓްފޯމްތައް ހިމެނޭއިރު، އަންނައުނާއި، ގޭތެރެއަށް ބޭނުންވާ ސާމާނާއި، ރީތިވާ ބާވަތްތަކުގެ އިތުރުން އިލެކްޓްރޯނިކްސްގެ އާލާތްތައް ފަސޭހަކަމާ އެކު އެއްތަނަކުން އޯޑަރުކުރެވޭނެއެވެ.
މި ހިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކުން އެޕަލް އެޕް ސްޓޯރުން ނުވަތަ ގޫގުލް ޕްލޭ ސްޓޯރުން އެޕްލިކޭޝަން ޑައުންލޯޑް ކުރުމަށް ފަހު، ނުވަތަ ރަސްމީ ވެބްސައިޓް މެދުވެރިކޮށް އެކައުންޓެއް ހުޅުވޭނެއެވެ. އެޕްލިކޭޝަނަށް ވަނުމަށް ފަހު ބޭނުންވާ ފިހާރައެއް ހިޔާރުކޮށް، ގަންނަން ބޭނުންވާ މުދާ ކާޓަށް ލުމަށް "ޝޮޕް ވިއާ ގްލޯބަލް ދުކާން"އަށް ފިތާލުމުން، ހުރިހާ އެއްޗަކަށް އެއްފަހަރާ ދިވެހި ރުފިޔާއިން ފައިސާ ދެއްކުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިވެގެންދާނެއެވެ.