ވިޔަފާރި

ރެޖިސްޓަރ ނުކޮށް ތަރުކާރީ އަދި މޭވާ ވިއްކާނަމަ 10،000 ރުފިޔާއިން ޖޫރިމަނާ ކުރަން ފަށައިފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ތަރުކާރީ އާއި މޭވާ ފަދަ ތަކެތި ވިއްކުމުގެ ވިޔަފާރި ރަޖިސްޓަރީ ކުރަން ލާޒިމްކުރި ގަވައިދަށް އިކޮނޮމިކް މިނިސްޓްރީން އަމަލު ކުރަން ފަށައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން އާންމުކުރި މި ގަވައިދަށް އަމަލު ކުރަން ފަށާފައިވަނީ މި މަހުގެ 3 ވަނަ ދުވަހުން ފެށިގެންނެވެ.

އެ ގަވައިދު ބުނާގޮތުން، ތަނެއްގައި ތިބެގެން ނުވަތަ އޮންލައިންކޮށް ނުވަތަ ވަގުތީ ގޮތުން އަދި ދާއިމީ ގޮތުން ވިޔަސް ތަރުކާރީ އާއި މޭވާ ވިއްކާ ނަމަ ވިޔަފާރިއެއް ނުވަތަ ޕާޓްނާޝިޕެއް ނުވަތަ ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓަރީ ކުރަން ޖެހޭނެ އެވެ.

އެގޮތުން ގަވައިދުގައި ވާ ގޮތުގައި، ރަޖިސްޓަރީ ނުކޮށް އެފަދަ ވިޔަފާރިއެއް ހިންގާ ކޮންމެ ފަރާތެއް 10،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. އެފަދަ ތަންތަނުގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަ ނުވާ ނަމަ 5،000ރ. އިން ޖޫރިމަނާ ކުރާނެ ކަމަށް އެ ގަވާއިދުގައި ވެއެވެ.

މިހާރު ހިންގާ އެފަދަ ވިޔަފާރިތައް ވެސް ގަވައިދަށް އަމަލުކުރަން ފަށާތާ 30 ދުވަސް ތެރޭގައި ރަޖިސްޓަރީ ކުރަން ޖެހޭނެ ކަމަށް ގަވައިދުގައި ވެއެވެ. އެފަދަ ތަންތަނުގައި ބިދޭސީންނަށް މަސައްކަތް ކުރެވޭނީ އެ މީހުން ވަޒީފާ އަދާ ކުރުމުގެ ގަވާއިދުގެ ދަށުން ކަމަށް ވެސް އާ ގަވައިދުގައި ބަޔާންކޮށްފައި ވެއެވެ.

ގަވާއިދު ބުނާގޮތުން، ތަރުކާރީ އާއި މޭވާ ވިއްކުމުގެ ވިޔަފާރި ރަޖިސްޓަރީކޮޮށް ދޭނީ އެ ވިޔަފާރިއެއް ހިންގާ އިމާރާތުގައި އެކަން ކުރުމަށް ސިޓީ ކައުންސިލް ނުވަތަ ރަށު ކައުންސިލުން ދޭ ހުއްދައެއް އޮތް ނަމަ އަދި ވިޔަފާރިކުރާ ތަނެއްގައި ހުންނަން ޖެހޭ ޝަރުތުތައް ފުރިހަމަވާ ނަމަ އެވެ. އެ މިންގަނޑަށް އެފަދަ ތަންތަން ފެތޭތޯ ކައުންސިލްތަކުން އިންސްޕެކްޓް ކުރާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!