ދުނިޔެ

ބިހާރު އިލެކްޝަންގައި "މޯދީ" އެއް

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

މިމަހު 28 ވަނަ ދުވަހު އިންޑިއާގެ ބިހާރުގައި އޮންނަ އެ ސްޓޭޓްގެ ގާނޫނު ހަދާ މަޖިލީހަށް ކުރިމަތިލާ، ބޮޑު ވަޒީރު ނަރެންދުރަ މޯދީއާ އެއް ވައްތަރު މީހަކަށް ބޮޑު ސަމާލު ކަމެއް ލިބިއްޖެއެވެ.

Ads by Sosun Fihaara

އިންޑިއާގެ މީޑިއާތައް ރިޕޯޓްކޮށްފައިވާ ގޮތުގައި ބިހާރުގެ ގޮޕަލަންޖު ޑިސްޓްރިކްޓަށް ކުރިމަތިލާ ކެނޑިޑޭޓެއް ކަމަށްވާ އަބީނާންދަން ޕަތަކުގެ ސިފައާއި ވާހަކަ ވެސް ބޮޑު ވަޒީރު މޯދީއާ އެއްގޮތެވެ. ކެމްޕޭންގެ ހަރަކާތްތަކުގައި އަބީނާންދަން ދައްކާ ވާހަކަތައް ވެސް ބައްޓަން ކުރަނީ މުޅިން މޯދީއާ އެއްގޮތަށެވެ. އެގޮތުން ބޮޑު ވަޒީރުގެ "ސިގްނޭޗަރ" ލަފުޒެއް ކަމަށްވާ "މިތުރޯން" (އެކުވެރީން) ، އަބީނާންދަންގެ އާންމު ލަފުޒަކަށްވާއިރު އެހެން ވާހަކަތައް ވެސް ހުންނަނީ ބޮޑު ވަޒީރުގެ ވާހަކައާ އެއްގޮތަށެވެ.

"އަހަރެންގެ ހަނގުރާމައަކީ ބިހާރުގެ ތަރައްގީއަށް ކުރާ ހަނގުރާމައެއް، ބިހާރުގެ މޫނުމަތި ރީތި ކުރުމަށް އެންމެން އެހީތެރިވެދީ" ބޮޑުވަޒީރުގެ އާންމު ބަހުރުވައާ އެއްގޮތަށް އަބީނާންދަން ކެމްޕޭންގައި ބުނެފައިވެއެވެ.

ބޮޑު ވަޒީރު މޯދީއާ ވައްތަރުވެގެން އުޅުނަސް ހަމައެހެންމެ އިންތިޚާބާ ކުރިމަތިލައިގެން އުޅުނު ނަމަވެސް ހައިރާންވާ ކަމަކީ އިންތިޚާބު ކާމިޔާބު ކުރުމަށް އޭނާ ސަމާލުކަން ނުދޭ ކަމަށް ބުނުމެވެ. އޭނާ ބުނެފައިވާ ގޮތަކީ އިންތިޚާބު ކާމިޔާބު ކުރުމަކީ އޭނާއަށް މުހިންމު ކަމެއް ނޫން ކަމަށާއި މަގާމު ލިބިއްޖެނަމަ އޭނާ އުޅެން ޖެހޭނީ ޑިމޮކްރަސީއަށް މަސައްކަތް ކުރުމުގެ ބަދަލުގައި މަގާމު ދިފާއު ކުރުމަށް ކަމަށެވެ.

މީޑިއާތައް ބުނާ ގޮތުގައި އަބީނާންދަން ދަތުރު ކުރެއްވުމުގައި ބޭނުން ކުރައްވަނީ ބައިސްކަލެވެ. އެގޮތުން ދަތުރު ކުރައްވާއިރު އާންމުން އޭނާއަށް މަލާމާތްކޮށް ދިމާކުރާ ކަމަށް ވެސް މީޑިއާތައް ބުނެއެވެ. އަބީނާންދަން ބުނެފައިވަނީ އޭނާއަކީ މޯދީގެ ސަޕޯޓަރެއް ނޫން ކަމަށާއި ހަމައެހެންމެ ދުޝްމަނެއް ވެސް ނޫން ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!