ޚަބަރު

އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅިގެން އާޒިމާގެ ތުހުމަތުތަކެއް ބިޝާމް އަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރްސީ)ގެ ބޮޑު ޚިޔާނާތުގައި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްގެ ބައިވެރިވުން އޮތް ކަމަށް ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

Ads by MWSC

އާޒިމާގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރ ކުރުމަށް މަގުފަހި ކޮށްދިން ކަމުގެ ދައުވާތަކާއި ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި މިހެން ވިދާޅުވަމުން އާޒިމާ ވަނީ ބިޝާމްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ.

އެގޮތުން ދައުލަތުގެ އެކި މުއައްސަސާތަކުގެ ވެރިން މެދުވެރި ވެގެން ހިންގާފައިވާ އެމްއެމްޕީއާރްސީގެ ހިޔާނާތް ހިންގިއިރު ރައީސް އޮފީހުގެ ލީގަލް އެފެއާޒްގެ އެންމެ އިސް މީހަކަށް ހުންނެވީ ބިޝާމް ކަމަށާއި އެމްއެމްޕީއާރުސީގެ ހިޔާނާތް ބޮއްސުންލާފައި ވަނީ އޮޑިޓް ރިޕޯޓަށް އަމަލު ނުކުރުމުން ކަމަށް މިހާރުގެ އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ނެރުއްވި އޮޑިޓު ރިޕޯޓުން އެނގެން އޮންނަ ކަމަށް އާޒިމާ މިއަދު ވިދާޅުވިއެވެ.

މީގެއިތުރުން އާޒިމާ ވިދާޅުވީ، އެމަގާމުގައި ހުންނަވައިގެން ބިޝާމް ޚިޔާނާތާއި ގުޅޭ އޮޑިޓު ރިޕޯޓަށް އަމަލު ނުކުރައްވާ ކަމަށާއި، ދައުލަތުގެ ވަޒީފާއަކަށް އޭނާ ވަޑައިގެންނެވީ އެމްއެމްޕީއާރްސީގެ ހިޔާނާތާއި އަދި ރިޔާސީ ލޯންޗްކޮޅު ގޮވައި މިހުރިހާ ކަމެއް ނިމުނު ފަހުން ކަމަށެވެ.

އެމްއެމްޕީއާރްސީ ގެ ފައިސާއިން ނިންމި ސިޔާސީ ބޮޑެތި ނިންމުންތަކުގައި ބިޝާމްގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރައްވާ އާޒިމާ ވަނީ އޭނާގެ މައްސަލަ ބިޝާމަށް ބެލޭނެ އެއްވެސް ހަމައެއް ނެތް ކަމަށް ވިދާޅުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!