ޚަބަރު

އިބްރާގެ މަންދު ކޮލެޖުންވަނީ އަންހެން ކުދިންގެ ތަޢުލީމަށް ހުރަސް އަޅާފައި: 30 މަދަނީ ޖަމްޢިއްޔާ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އަންހެންކުދިންގެ ތައުލީމަށް މަންދު ކޮލެޖުން ހުރަސް އަޅަމުންދާތީ، 30 ޖަމިއްޔާއިން ގުޅިގެން އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފިއެވެ.

Ads by STELCO

މި ޖަމިއްޔާތަކުން ބުނެފައިވަނީ އެމް.ޑީ.ޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖްލީހުގެ މާލޭގެ މެމްބަރު އިބްރާހީމް އިސްމާޢީލު ހިންގާ މަންދު ކޮލެޖުން ވަނީ އަންހެންކުދިންގެ ތަޢުލީމަށް ހުރަސް އަޅާފައިވާ ކަމަށެވެ.

މިއަދު ހަވީރު އެޖަމްޢިއްޔާތަކުން ގުޅިގެން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ ޢިލްމު އުނގެނުމާއި ބާރުއަޅާ އިސްލާމީ ރިސާލަތުގެ ނޫރު ފެތުރިފައިވާދިވެހި ރާއްޖޭގައި، އަންހެންކުދިން ތަޢުލީމުން މަޙްރޫމްކޮށް އެކުދީންނަށް ޢިލްމު އުނގެނުމުގެ ދޮރުތައް ބަންދުކުރެވިފައިވާ ކުރެވުން މާޒީގައި ވަނީ ނެތިގޮސްފައި ކަމަށެވެ. ނަމަވެސް ހިތާމައަކީ ދާދި މިދާކަށް ދުވަހު އަނެއްކާވެސް އަޅުގަނޑުމެންނަށް ދިވެހި މީޑިޔާއިން ހާމަވެގެން މިދިޔައީ ނެތިގޮސްފައިވާ ބޯދާ އަދި އިސްލާމީ އުޞޫލުތަކާއި ޚިލާފު މި ނުބައިކަން ބޮޑު ޖަރީމާ ދިވެހި ރާއްޖޭގެ މަތީ ތަޢުލީމުދިނުމަށް ހިންގޭ އަމިއްލަ ކޮލެޖެއްކަމަށްވާ "މަންދު ކޮލެޖުން" ހިންގަމުންދާ ކަމުގެ ހިތާމަވެރި ޚަބަރެއްކަމަށް ބަޔާންކޮށްފައި ވެއެވެ.

މާލެއާއި އަތޮޅުތަކަށް ނިސްބަތްވާ 30 ޖަމްޢިއްޔާއިން ގުޅިގެން ނެރެފައިވާ ބަޔާނުގައި މަންދުކޮލެޖުން ރައްޔިތުންނަށް އޮޅުވާލާފައިވާކަމަށް ވަނީ ހާމަކޮށްފައެވެ. އަދި އެކޮލެޖުގެ ކޯހަކަށް ކުރިމަތިލި އަންހެން ކުއްޖެއްގެ މޫނު ނިވާކޮށް ބުރުގާއަޅާތީ އެކަށް ބަހަނާއަކަށް ދެއްކުމަކީ ނާތަހުޒީބު ޢަމަލެއްކަމަށް ވެސް ވަނީ ޞިފަކޮށްފައެވެ.

ދެޞަފްޙާގެ މި ބަޔާން ނިންމާލާފައިވަނީ މަންދު ކޮލެޖުގެ އެ ޢަމަލު ތަޙްޤީޤުކުރަން ގޮވާލަމުންނެވެ.

"ވީމާ މަންދުކޮލެޖުން އަންހެންކުދިންގެ ތަޢުލީމަށް ހުރަސްއެޅުމަށް ދަޥުލަތުގެ ތަޢުލީމު ދިނުމުގެ އެއްވެސް އިދާރާއަކުން އަންގާފައިނުވާ ޤަވާއިދެއް އަމިއްލައަށް އުފަންކޮށްގެން ހިންގާފައިވާ އެ ނާތަހުޒީބު ޖަރީމާ އަދި ހައްދުފަހަނައެޅުމުގެ ފިކުރުތަކާއި އެއްގޮތް، ފިނޑި، ޣައިރުޤާނޫނީ ޢަމަލު ތަޙްޤީޤުކޮށް އެ ކޮލެޖުގެމަސްއޫލުވެރީން ޒިއްމާދާރު ކުރުވުމަށް ސަރުކާރުގެ ކަމާއިބެހޭ ހުރިހާ އިދާރާތަކަށް، އަޅުގަނޑުމެން ގޮވާލަމެވެ. އަދި އިސްލާމްދީނުގައި ކަށަވަރު ކޮށްދީފައިވާ އަންހެނުންނަށް ތަޢުލީމު ލިބިގަތުމުގެ ޙައްޤުން އެކަހެރިކު ރެވިފައިވާ އަޅުގަނޑުމެންގެ އެއުޚުތާ އަށާއި، އަދި އެފަދަ އެހެނިހެން އަޚަވާތުންނަށް ވެސް އެއުރެންގެ ޙައްޤު ކަށަވަރު ކޮށްދިނުމަށް ވެސް މިފުރުޞަތުގައި ހަރުއަޑުން މަދަނީ މުޖުތަމަޢުގައި ޙަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާތަކުގެ ހައިޘިއްޔަތުން ދިވެހި ސަރުކާރަށް އަޅުގަނޑުމެން ގޮވާލަމެވެ." ބަޔާން ނިންމާލަމުން ލިޔެފައިވެއެވެ.

މަންދު ކޮލެޖުން ވަނީ ދަރިވަރަކު މޫނު ބުރުގާ އަޅާތީ އެކޮލެޖުން ވަކިކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!