ޚަބަރު ރައްޔިތުންގެ މަޖިލިސް

ވެންޓިލޭޓަރުގެ މައްސަލަ ނިމި، ގެއްލުނު ފައިސާ ލިބެންދެން އެ މައްސަލަ ބެލުމަކީ ޤާނޫނީ ވާޖިބެއް: ރައީސް ނަޝީދު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ގެންނަން ނިންމި ވެންޓިލޭޓަރު ގެނައުމަށް ދުބާއީ ކުންފުންޏަކަށް ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި، ދައުލަތުން ގެއްލުނު ފައިސާ ދައުލަތަށް ލިބެންދެން އެ މައްސަލަ ބަލަން ޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް ނަޝީދު މިހެން ވިދާޅުވީ، ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނަވައެވެ.

އެގޮތުން ރައީސް ނަޝީދު ވިދާޅުވީ މި މައްސަލައިގައި ކޮރަޕްޝަންގައި ބައިވެރިވާ ފަރާތްތައް ކަނޑައެޅިގެން ހޯދި އެ ފަރާތްތަކަށް ހައްގު އަދަބު ދެވި އަދި ދައުލަތަށް ގެއްލުންވި ފައިސާ އަނބުރާ ހޯދެން ދެން ރައްޔިތުންގެ މަޖިލިސް މި މައްސަލާގައި ފާރަވެރިވުމަކީ މަޖިލީހުގެ ޤާނޫނީ ވާޖިބެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޕޮލިސް ގުޅިގެން މިނިސްޓްރީ އޮފް ހެލްތަށް ވެންޓިލޭޓަރު ގަތުމާއި ގުޅޭގޮތުން ހިންގި ތަހުގީގުގަށް ފަހު، ޕްރޮސިކިއުޓަރ ޖެނެރަލް އިން ހިލާފު އުފެދިފައިވާކަން ފާހަގަކުރައްވައި ނަޝީދު ވަނީ މި ޚިލާފު އުފެދިފައިވާތީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މި މައްސަލަ އިތުރަށް ބެއްލުވުމަށް އެދިވަޑައިގެންފައެވެ.

"މިޚިލާފް އުފެދިފައިވާތީ އަޅުގަނޑު އެދެން، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިމައްސަލަ އިތުރަށް ބައްލަވައި ދެއްވުމަށް. މި ވެންޓިލޭޓަރުތައް ގަތުމުގައި ބައިވެރިވި ފަރާތްތައް ކަނޑައެޅިގެން ހޯދި އެފަރާތްތަކަށް ހައްޤު އަދަބު ދެވި، އަދި ދައުލަތަށް ގެއްލުންވި ފައިސާ އަބުރާ ދައުލަތަށް ހޯދުން. އެކަން ނިމެންދެން މި މަޖިލިސް މިމައްސަލާގައި ފާރަވެރިކަމާ އެކީގައި އޮތުމަކީ އަޅުގަނޑު ދެކޭ ގޮތުގައި މިމަޖިލީހުގެ ޤާނޫނީ ވާޖިބެއް" މަޖިލިސް ރައީސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ހެލްތް މިނިސްޓަރު އަމީންގެ އިތުބާރު ނެތްކަމުގައި މައްސަލަ މަޖިލީހަށް ވައްދާފައިކަން ހާމަކުރައްވައި ނަޝީދު ވިދާޅުވީ އަމީން އިސްތިއުފާ ދެއްވިކަން ރަސްމީކޮށް މަޖިލީހަށް އެންގުމުން އިތުބާރު ނެތްކަމުގެ އެ މައްސަލަ މަޖިލީހުން ކުރިއަށް ނުގެންދިއުމާއިއެކު ގޮތެއް ނިމިގެންދާނެ ކަމުގައި ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!