ޚަބަރު

ބޮންޑޭ މަލީހަށް: ޓެކްނޮލޮޖީ މިނިސްޓްރީ އަކީ ވަޅުދިޔަ ހިއްކާ ތަނެއް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ އަކީ "ވަޅުދިޔަ ހިއްކާ" ތަނެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިިމް ރަޝީދު (ބޮންޑޭ) މިއަދު ސިފަ ކުރައްވައިފި އެވެ.

ރާއްޖޭގެ އިންޓަނެޓުގެ ޚިދުމަތް އަގު ހެޔޮ ކުރަން މިނިސްޓަރ މަލީޙް ނޫޅުއްވާ ކަމަށް ބޮންޑޭ އިއްޔެ ވިދާޅުވުމުން އެފާޑުކިޔުންތަކަށް މިނިސްޓަރ ރޭގައި ވަނީ ރައްދު ދެއްވާފައެވެ.

އެގޮތުން މަލީހު ވިދާޅުވީ މަލީހު ސަރުކާރުން އެކުލަވައިލި ސްޓްރެޓަޖިކް އެކްޝަންސް ޕްލޭން (އެސްއޭޕީ) އާ އެއްގޮތަށް މަސައްކަތްތައް ހިިނގަމުންދާ ކަމަށާއި އެކަން ބޮންޑޭ އަށް އެނގިވަޑައިނުގަންނަވާ ނަމަ، އިސްތިއުފާ ދެއްވަން ޖެހޭނީ ބޮންޑޭ ކަމަށެވެ.

މިނިސްޓަރ ގެ އެވާހަކަތަކަށް މިއަދު ރައްދު ދެއްވަމުން ބޮންޑޭ ވިދާޅުވީ އޮންލައިން ޕޭމަންޓްތަކަށް ރައްކާތެރިކަން ދެވޭނީ ސައިބާ ސެކިއުރިޓީ ގާނޫނާއި ޑޭޓާ ރައްކާތެރި ކުރުމުގެ ގާނޫނުތައް ވުޖޫދަށް ގެނެސްގެން ކަމަށެވެ. އެހެންވެ، "ވަޅު ދިޔަ ހިއްކާ މިނިސްޓްރީން" އެ ބިލްތައް މަޖިިލީހަށް ފޮނުވައިދޭން އެދިވަޑައިގަންނަވާ ކަމަށާއި އެ ބިލްތައް ނެތުމުން ރައްކާތެެރިކަމެއް ނެތް ކަމަށް ބޮންޑޭ ވިދާޅުވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!