ގެމަނަފުށީ އިސް މެޖިސްޓްރޭޓަށް ފިޔަވަޅު އަޅަން ޖޭއެސްސީން ނިންމައިފި

ގއ. ގެމަނަފުށި އިސް މެޖިސްޓްރޭޓަށް ފިޔަވަޅު އަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
އެގޮތުން އެކޮމިޝަނުން ފިޔަވަޅު އަޅަން ނިންމާފައި ވަނީ ގެމަނަފުށި އިސް މެޖިސްޓްރޭޓް އިބްރާހިމް މުނީރަށެވެ.
ޖޭއެސްސީން ބުނީ އިސް މެޖިސްޓްރޭޓް މުނީރުގެ ސުލޫކީ މައްސަލައަކާއި ގުޅިގެން އޭނާއަށް ފިޔަވަޅު އެޅުމުގެ ގޮތުން ނަސޭހަތް ދިނުމަށާއި އެ ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރަގްރާމެއް ފުރިހަމަ ކުރުމަށް އެންގުމަށް މިއަދު އެކޮމިޝަނުން ބޭއްވި ބައްދަލްވުމުގައި ނިންމާފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި މުނީރުގެ މައްސަލައެއް ބަލަން ފެށީ ގެމަނަފުށީ ގެއެއްގެ މިލްކުވެރިކަން ސާބިތު ކުރުމަށް ހިންގި ގަޒިއްޔާގައި ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓްގައި ކުށް މައުލޫމާތުތަކެއް ހިމަނާފައި ވަނިކޮށް އެ ރިޕޯޓްގައި އިސް މެޖިސްޓްރޭޓު ސޮއިކޮށް ރިޕޯޓް ދޫކުރި މައްސަލައަކާއި ގުޅިގެންނެވެ.
މިއީ މުނީރު ގަސްތުގައި ކޮށްފައިވާ ކަމަކަށް ނުވި ނަމަވެސް ފަރުވާ ކުޑަ އަމަލެއް ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.