ކޮވިޑް19: ގޭގައި މަސައްކަތް ކުރަން ޖެހުމުން ޑިޕްރެސްވެ އިންޑިއާ މީހަކު އަމިއްލައަށް މަރުވެއްޖެ
ކޮވިޑް19އާ ގުޅިގެން ގޭގައި މަސައްކަތް ކުރަން ޖެހި ، ޑިޕްރެސްވެ އިންޑިއާ މީހަކު އަމިއްލައަށް މަރު ވެއްޖެއެވެ.
އިންޑިއާގެ މީޑިއާތައް ރިޕޯޓް ކޮށްފައިވާ ގޮތުގައި ގުޖުރާތުގެ ސޫރަތުގައި ހިނގި މި ހާދިސާގައި ދަން ޖެހިގެން އަމިއްލައަށް މަރުވެފައި ވަނީ 32 އަހަރުގެ ފިރިހެނެކެވެ. ޖިގަރު ސިންގު ކިޔާ މި މީހާއަކީ ހަރްޔާނާގައި މަސައްކަތް ކުރަމުން ދިޔަ އިންޖިނޭރެއް ކަމަށާއި އޭނާ އެނބުރި އަމިއްލަ ވަޒަނަށް ދިޔައީ ލޮކްޑައުންގެ ސަބަބުން ކަމަށް ވެސް މީޑިއާތައް ބުނެފައި ވެއެވެ. އަދި ލޮކްޑައުންގެ ސަބަބުން ގޭގައި މަސައްކަތް ކުރަންޖެހި ޑިޕްރެސްވާ ވާހަކަ އާއިލާ މެމްބަރުންގެ ގާތުގައި އޭނާ ބުނެފައިވާކަން އާއިލާއާ ހަވާލާދީ މީޑިއާތައް ބުނެފައި ވެއެވެ.
އިންޑިއާގެ ނެޝަނަލް އިންސްޓްޓިއުޓް އިފް މެންޓަލް ހެލްތުން ބުނެފައިވާ ގޮތުގައި ކޮވިޑް19ގެ ސަބަބުން ޑިޕްރެޝަންގެ ބަލި ތަހައްމަލް ކުރަމުންދާ އެގައުމުގެ ރައްޔިތުންގެ އަދަދު 70 އިންސައްތަ އިތުރުވެފައި ވެއެވެ.
**
އަމިއްލަށް މަރުވުމާއި އެކަމަށް މަގު ފަހިވާނެ ކަންކަން ވެސް މާތްﷲ ވަނީ ޙަރާމް ކުރައްވާފައެވެ. ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އުއްމަތަށް އިރުޝާދު ދެއްވާފައިވަނީ ، މި ޙަޔާތާ ވަކިވެގެންދާ ގޮތަކީ އަމިއްލައަށް މަރުވުން ކަމަށް ކުޑަމިނުން އުންމީދުވެސް ނުކުރުމަށެވެ.
މާތްﷲ ވަހީ ކުރައްވާފައިވެއެވެ.
يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ إِلَّا أَن تَكُونَ تِجَارَةً عَن تَرَاضٍ مِّنكُمْ ۚ وَلَا تَقْتُلُوا أَنفُسَكُمْ ۚ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا
މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! باطل ގޮތުގައި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! އެހެނެއްކަމަކު، ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިޔަކަށްވުން މެނުވީއެވެ. އަދި، ތިޔަބައިމީހުންގެ އަމިއްލަ نفس ތައް ތިޔަބައިމީހުން قتل ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް رحيم ވަންތަ ރަސްކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ.