ބޭރު ދުނިޔެ

އެއް އަހަރު ވަންދެން ފިނިކޮށްފައި ހުރި ނޫޑްލިސްތަކެއް ކައިގެން އާއިލާއަކަށް ބޮޑު ހިތާމައެއް

ޢާލިމް އަބްދުއްލަތީފް

ނޫޑްލީހަކީ ގިނަ ބަޔަކު ވަރަށް ލޯބި ކުރާ ކެއުމެކެވެ. އެހެން ނަމަވެސް ނޫޑްލިސް ކައިގެން އާއިލާއަކަށް މިފަހަރު މިވަނީ ބޮޑު ހިތާމައެއް ކުރިމަތިވެފައެވެ. އެެއް އާއިލާއެއްގެ 9 މީހަކު ވަނީ ނޫޑްލިސް ކައިގެން ކާނާވިހަވެ މަރުވެފައެވެ.

މިކަން ހިނގާފައިވަނީ ޗައިނާގައެވެ. ރިޕޯޓްތައް ބުނާގޮތުގައި މިމީހުން ކެއީ އެއް އަހަރު ވަންދެން ފިނި ކޮށްފައި ހުރި ނޫޑްލިސްތަކެކެވެ. ޗައިނާގެ ހެއިލޯންޖިއަންގްއަށް ނިސްބަތްވާ 12 މީހުންގެ މި އާއިލާއިން މި ނޫޑްލިސް ކެއީ އޮކްޓޯބަރު 5 ވަނަ ދުވަހުގައެވެ.

ނޫޑްލިސް ގިނަ ދުވަސްތަކެއް ވަންދެން އައިސް އަލަމާރީގައި ބެހެއްޓުމުގެ ސަބަބުން ކުނިވަސް ވެސް ދުވާ ކަމަށާއި އެހެންކަމުން އާއިލާގެ އެންމެ ހަގު 3 މީހުން އެ ނޫޑްލިސް ކާން ދެކޮޅު ހެދިކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެން ނަމަވެސް އާއިލާގެ ބާކީ 9 މީހުން ނޫޑްލިސް ކެއީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހަމަ އެހެންމެ ރިޕޯޓްތައް ބުނާ ގޮތުގައި އޮކްޓޯބަރު 5 ގައި 7 މީހަކު މިއާއިލާއިން ވަނީ ނިޔާވެފައެެވެ. އަދި އޭގެ ދެ ދުވަސް ފަހުން އިތުރު ދެމީހަކު ވަނީ މިއާއިލާއިން ނިޔާވެފައެވެ.

ޗައިނީޒް ހެލްތު ކޮމިޝަނުން ވަނީ އެގޮތަށް ފުރިޖުގައި ބަހައްޓައި އެހާ ގިނަ ދުވަސް ކުރުމަށްފަހު ނޫޑްލިސް ނުކެއުމަށް އިންޒާރެއް ވެސް ނެރެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!