ޚަބަރު

ހުޅުމާލެ ޕަވާ ގްރިޑް ގުޅާލުމަކީ މާލޭގެ ކަރަންޓުގެ މައްސަލައިގެ ހައްލު: މުއިއްޒު

ރާއްޖޭގެ ވެރިކަން ކުރާ މާލޭގެ ކަރަންޓުގެ މައްސަލައަށް އޮތް ދާއިމީ ހައްލަކީ މާލެއާއި ހުޅުމާލެ ޕަވާ ގްރިޑް ގުޅާލުން ކަމުގައި ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރު ކަން ކުރެއްވިޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިފަދައިން ވިދާޅުވެފައި ވަނީ ވެރިރަށް މާލޭގެ ބޮޑުސަރަހައްދަކުން މިއަދު ހެނދުނު ކަރަންޓް ކެނޑުމާއި ގުޅިގެންނެވެ.

މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބްރިޖް ހުރަސްކޮށް މާލެއާއި ހުޅުމާލެ ޕަވާ ގްރިޑް ގުޅާލުމަށް މީގެ3 އަހަރު ކުރިން ފައްޓަވާފައިވާ މަޝްރޫ އަވަހަށް ނިންމުމާއި، މާލޭ އިންޑަސްޓްރިއަލް ވިލެޖުން ސްޓެލްކޯ އަށް 2018 ވަނަ އަހަރު ދީފައިވާ ބިމުގައި ގާއިމްކުރަން ހަވާލުކުރި ޕަވާހައުސް ގާއިމްކުރުމަކީ މާލޭގެ ކަރަންޓުގެ މައްސަލައަށް އޮތް ހައްލު ކަމަށެވެ.

މިއަދު މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑުމާ ގުޅިގެން ސްޓެލްކޯއިން ވިދާޅުވީ، ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް ވީއެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރިޔަށް ގެންދިޔަ ކަމަށެވެ.

މާލޭގެ ހުރިހާ ހިސާބުތަކަށް މިހާރު ވަނީ ކަރަންޓު ދެވިފައިކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!