ރިޕޯޓް

114 އަހަރުވީ ދިވެއްސެއް,މިއީ ރާއްޖޭގައި ހުރި އެންމެ ދުވަސްވީ މީހާތަ؟

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ގިނަދުވަސް ވަންދެން ދުނިޔޭގައި އުޅުމަކީ ގިނަ ކަންކަމާ ކުރިމަތިލާން ޖެހޭނެ ކަމެކެވެ. ދިރިއުޅުމުގައި އެތައް ކަމަކުން ތަޖުރިބާ ލިބިގަނެވޭނެ ކަމެކެވެ. މި ދިވެހި ރާއްޖޭގައި ވެސް މިފަދަ އެތައް އިސް ރަށްވެހިންނެއް އުޅެއެވެ. ދަންނަވަން މިއުޅެނީ ހަމަ މިފަދަ ދިވެއްސެއްގެ ވާހަކައެވެ. އުމުރުން 100 އަހަރަށްވުރެ މަތީ ދިވެއްސެއްގެ ވާހަކައެވެ.

Ads by STELCO

އައިޑީކާޑުގައިވާ ގޮތުން ޢަބުދުއްރަހުމާން އުފަންވީ 1919 ވަނަ އަހަރުއެވެ. ނަމަވެސް ހއ. މުރައިދޫއަށް ނިސްބަތްވާ އަބުދުއްރަހުމާނާ ހަވާލާދީ އޭނާގެ ކާފަދަރިއަކު ބުނީ ކާފަ އުފަންވީ 1906 ގައެވެ. ދުނިޔޭގައި މިހާ ގިނަ ދުވަސް ވަންދެން އުޅުމަކީ ހާދަހާ ގިނަ ކަންކަމަކާއި ކުރިމަތިލާން ޖެހޭނެ އަދި އެހާމެ ބައިވަރު ކަންކަން ތަޖުރިބާ ކުރެވޭނެ ކަމެއްކަން އަބްދުއްރަޙުމާން އިބްރާހިމްގެ ޙަޔާތުން އަޅުގަނޑަށް ދަސްވެގެން ހިނގައްޖެއެވެ.

އަބްދުއްރަހްމާން އިބްރާހިމަކީ މުރާލި އަދި އެހާމެ ހިތްވަރުގަދަ ބޭފުޅެއްކަން އެނގިގެން ދަނީ އެބޭފުޅާ ކުރައްވާފައިވާ މަސައްކަތުގެ ސަބަބުންނެވެ. އާދޭހެވެ. އަބްދުއްރަޙްމާން އިބްރާހިމަކީ 1921 އަހަރުގައި ރަަށު ކަތީބުކަން ކުރައްވަން ފެއްޓެވި ބޭފުޅެކެވެ. 1921 ގައި ކަތީބުކަން ކުރެއްވުމަށް ފައްޓަވައި، ދެގޮތެއް ނުވެ އެމަގާމުގައި އެބޭފުޅާ ވަނީ 55 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ޚިދުމަތް ކުރައްވައިފައެވެ. އެއީ އެ ރަށުގެ ބޮޑު ކަތީބެވެ. ގިނަ ބަޔެއްގެ އިހްތިރާމާއި ގަދަރު ލިބިގެންދިޔަ ހިތްތިރި ވެރިއެކެވެ.

އަބްދުއްރަޙްމާން އޭނަގެ ބައެއް ކާފަ ދަރިންނާއި އެކު

އަބްދުއްރަޙުމާން އިބްރާހިމްގެ ސާބިތުކަމާއި ވަފާތެރިކަން ދައްކުވައިދޭ ހެއްކަކަށް އެބޭފުޅާގެ ޒަވާޖީ ޙަޔާތް ފުދެއެވެ. މުޅި އުމުރު ދުވަހު އަބްދުއްރަޙުމާން ކައިވެނި ބައްލަވައިގަތީ އެންމެ ފަހަރަކުއެވެ. އެކައިވެންޏަށް ވަނީ 12 ކުދިން ލިބިފައެވެ. އެހެން ނަމަވެސް މިހާރު ދުނިޔޭގައި ތިބީ 8 ކުދިންނެވެ. އަބްދުއްރަޙްމާންގެ ކާފަ ދަރިންގެ ޖީލުގެ އިތުރުން، މިހާރު އެދަރިފަސްކޮޅުން ވަނީ މުނިކާފަ ދަރިންނާއި، ހޫރު ކާފަ ދަރިންގެ ޖީލެއް ވެސް އުފެދިފައެވެ. "ދެން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އަބްދުއްރަޙްމާނަށް މުނިކާފަ ކިޔާ ޖުމުލަ 70 ދަރިން އެބަ ތިއްބެވެ. އަދި ކާފަ ދަރިންނަށް ބަލާލާނަމަ، ސީދާ އަދަދެއް ބުނަން ދައްޗެވެ.

އަބްދުއްރަހްމާން އިބްރާހިމަކީ ކަތީބުކަމުގެ އިތުރުން އެދުރު ބޭކަލެކެވެ. މިކަމުން ވެސް އަބްދުއްރަހްމާނަކީ ރައްޔިތުންނަށް ޚިދުމަތް ކުރައްވަން ޝައުގު ބެހެއްޓެވި ބޭފުޅެއްކަން ހާމަވެގެން ދެއެވެ. އެދުރުކަމޭ ދެންނެވުމުން ބައެއް ބޭފުޅުންނަށް އެއީ ކޮންކަމެއްކަން ނޭނގިދާނެއެވެ. ކިޔަވައިދިނުމުގެ އިތުރުން އިހުޒަމާނުގައި އަންހެނުން ވިއްސުމަށް ޓަކައި ކިޔެެވެލި ކިޔެވުމަށް ދާ ބޭފުޅުންނަކީ ވެސް އެދުރުބޭކަލުންނެވެ. އަދި އަބްދުއްރަޙްމާނަކީ ވެސް މިފަދަ ބޭފުޅެކެވެ. އެހެން ނަަމަވެސް ކަތީބުކަން ކުރައްވަމުން، ދެކަންތައް އެއްފަހަރާ ކުރެވެން ނެތުމުން އަބްދުއްރަޙްމާނަށް ޖެހިވަޑައިގަތީ ކަތީބުކަމުން އިސްތިއުފާ ދެއްވާށެވެ.

އެއަށް ފަހު އެދުރުބޭކަލެއްގެ ހައިސިއްޔަތުން ރަށުގެ ރައްޔިތުންނަށް އެހީތެރި ވެދިނުމުގައި އަބްދުއްރަޙްމާން ވަނީ ގިނަ ދުވަސްތަކެއް މަސައްކަތް ކުރައްވައިފައެވެ. މިދެކަންތައް އެކަންޏެއް ނޫނެވެ. އަބްދުއްރަޙްމާން އިބްރާހިމަކީ ތިލޭރުކަން ވެސް ކުރައްވަމުން އައި ބޭފުޅެކެވެ. އެކަމުންވެސް އެބޭފުޅާ ގެންދެވީ އޭގެ ބޭނުން ޖެހިފައިވާ ރަށުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ދުނިޔޭގައިވެސް ދިރިހުރި ކުތުބުޚާނާ އުޅޭނޭ ބުނާ އަޑު އަޅުގަނޑު އަހަމުއެވެ. ހަގީގަތުގައި އަބުދުއްރަހުމާން މިފަދަ މައުލޫމާތާއި، އޭރުގެ ތާރީޚީ ވާހަކައާ ބެހޭ ގޮތުުން މައުލޫމާތު މުއްސަނދި ބޭފުޅެކެވެ. އަދިވެސް އަބްދުއްރަޙްމާނާ ބެހޭގޮތުން ފޮރުވިފައިވާ އެތައް ވާހަކަތަކެއް ވާނެކަން ގައިމެވެ. އަޅުގަނޑުމެންނަށް ޢިބުރަތް ހާސިލު ކުރެވޭނެ އެތައް ވާހަކަ ތަކެއް ވާނެކަން ޔަގީނެވެ. އެހެން ނަމަވެސް އަބުދުއް ރަޙްމާންގެ ހާލަތަކީ އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި އެފަދަ ވާހަކަތައް ހިއްސާ ކުރުމަށް ދަތިވާނެ ދުވަސް ތަކެކެވެ. މި މައުލޫމާތުތަކަކީ އަބްދުއްރަޙްމާންގެ ދަރިއެއްގެ ފަރާތުން އަޅުގަނޑުމެނަށް ލިބިފައިވާ ކުޑަ މައުލޫމާތު ކޮޅެކެވެ.

އަބުދުއްރަހުމާނަކީ ދިވެހި ބޭސްވެެރިއެއް ވެސް މެއެވެ. އައިޑީކާޑުގައި އޮތް ގޮތުންނަމަ އޭނާގެ ރަސްމީ އުމުރަކީ 101 އެވެ. ނަމަވެސް އަބުދުއްރަހުމާން މަސައްކަތް ކުރެއްވި ދުވަސްވަރާއި އޭރުގެ ތާރީޚްތަކަށް ރިއާޔަތް ކުރާއިރު އޭނާގެ އުމުރަކީ 114 އަހަރެވެ. އެހެންކަމުން މިއީ ރާއްޖޭގައި ހުރި އެންމެ ދުވަސްވީ ދިވެއްސަށް ވުން ވަރަށް ގާތެވެ.

 

Ads by Allied Insurance
  1. ސަރޫ

    ހާދަ ޅައިރު ވެރިކަން ކުރަން ފަށާފައޭދޯ، 2އަހަރުގަވީމަ ވަރަށް ކުޅަދާނަ

  2. ދާމިސްް

    އަދި 114 ނުވެސްވޭ. ކަތީބުކަން ލިބުނު ދުވަސް އެބައޮތްތޯ ފަތްކޮޅު

  3. ކަނބުލޮ

    ކާފަ ދަރިން 70 ދޯ!! މުނިކާފަ ދަރިން އަދަދު ނޭނގެނީ ދޯ!! ރަނގަޅަށް ލިޔެބަލަ އޮޅުވާނުލާ!!!

  4. ބައިބޯ

    114 ނުވާނެ.