ސީރިއާގެ ހަނގުރާމައިން އައި މީހާ ޓެރަރިޒަމް ރީހެބް ސެންޓަރުގައި ބަންދު ކޮށްފި
ހިންމަފުށީގައި ހަދާފައި ހުންނަ، ޓެރަރިޒަމާއި ގުޅުންހުރި މީހުން ރީހެބިލިޓޭޓް ކުރާ ސެންޓަރުގައި އަލަށް މީހަކު ބަންދު ކޮށްފިއެވެ.
މިސެންޓަރަކީ ޓެރަރިޒަމާ ގުޅުން ހުރި މީހުން މުޖުތަމައަށް އަލުން ނެރުމުގެ ގޮތުން ރިހެބިލިޓޭޓް ކުރުމަށް އަޅާފައިވާ ސެންޓަރެކެވެ.
އެނގިފައިވާ ގޮތުގައި ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރުގައި ބަންދުކޮށްފައި ވަނީ ސީރިއާގެ ހަނގުރާމައިގައި ޓެރަރިސްޓް ޖަމާއަތަކާއެކު މަސައްކަތް ކުރުމަށް ފަހު އެނބުރި ރާއްޖެ އައި ކަމަށް ތުހުމަތު ކުރެވޭތީ އޮކްޓޯބަރު 15 ވަނަ ދުވަހުގެ ރޭ ހައްޔަރު ކުރި އުމުރުން 34 އަހަރުގެ ދިވެހި ފިރިހެން މީހާއެވެ.
އެމީހާ އެސެންޓަރުގައި ބަންދު ކޮށްފައިވާކަން ހާމަ ކުރަމުން ހޯމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން އިއްޔެއިން ފެށިގެން އެމީހާ ބަންދުކޮށްފައި ހުރީ އެ ގާނޫނުގެ ދަށުން އުފައްދާފައިވާ މަރުކަޒުގައި ކަމަށެވެ.
ސީރިއާ ގައި ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ފަހު އެމީހާ އެނބުރި ރާއްޖެ އައިސްފައި ވަނީ އެރޭގެ ވަގުތެއްގައެވެ.
އެމައްސަލައާއި ގުޅިގެން ހައްޔަރުކުރި ދިވެހި މީހާގެ ގެ ވެސް ފުލުހުން ވަނީ ބަލައި ފާސް ކޮށްފައެވެ. އެގޮތުން ފުލުހުން ބަލައިފާސް ކޮށްފައި ވަނީ ގަލޮޅު މަދަރުސާގެ ފުރަގަހުން އޮތް ގޯޅިއެއްގައި ހުރި ގެއެކެވެ.