ދާޚިލީ ހަނގުރާމައަށް ގޮސް ސީރިއާގައި ތާށިވެފައި ތިބި ދިވެހީން އަންނަ މަސް ނިމުމުގެ ކުރިން ރާއްޖެ ގެންނާނަން: ރައީސް ޞާލިޙް
ސީރިއާގެ ދާޚިލީ ހަނގުރާމައަށް ގޮސް އެ ގައުމުގައި ތާށިވެފައި ތިބި ދިވެހީސް އަންނަ އޮގަސްޓު މަސް ނިމުމުގެ ކުރިން ރާއްޖެ ގެންނާނެކަމަށް ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙު މިހެން ވިދާޅުވީ އެމަނިކުފާނުގެ ކެމްޕޭން ފެއްޓެވުމުގެ ގޮތުން ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ކޮމަންޑުއަށް ވަޑައިގެން އެ ރަށުގެ އެމްޑީޕީ މެމްބަރުންނާއިއެކު ބޭއްވި ބައްދަލުވުމުއްގައެވެ.
އެގޮތުން، ރާއްޖޭގައި ދީނީގޮތުން ހަރުކަށި މީހުން ނޫޅޭ ކަމަށް ކުރީގެ ސަރުކާރުތަކުން ބުނި ނަމަވެސް، އެއީ ރާއްޖޭގައި އޮތް ކަމެއްކަން މި ސަރުކާރުން ޤަބޫލުކުރައްވާކަމަށާއި، އިސްލާމް ދީނުގެ ޞައްޙަ އަޤީދާ އަންގައިދިނުމުގެ މަސައްކަތް ފެށްޓެވިކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު، 100އަށްވުރެ ގިނަ ދިވެހީން ސީރިއާގެ ހަނގުރާމައަށް ގޮސްފައިވާކަމަށާއި 70އަށްވުރެ ގިނަ ދިވެހީން ސީރިއާގައި މަރުވެފައިވާކަމަށެވެ. އަދި އެ ގައުމުގައި ތާށިވެފައި ތިބި ކުޑަކުދިންނާއި އަންހެނުން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރައްވާކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.
"އޮގަސްޓް ނިމުމުގެ ކުރިން ސީރިއާގައި ތިބި [ދިވެހި] ކުޑަކުދިންނާއި އަންހެނުން ގެނައުމުގެ މަސައްކަތް އަޅުގަނޑުމެން ކޮށް ނިންމާނަން،" ރައީސް ޞާލިޙް ވިދާޅުވި އެވެ.
ސީރިއާއަށް ދާޚިލީ ހަނގުރާމައިގައި ބައިވެރިވާން ދިޔަ ޢާއިލާއެއް (އުމުރުން 33 އަހަރުގެ އަންހެނަކާއި، އެ މީހާގެ 18 އަހަރު ނުފުރޭ ހަތަރު ދަރިން) މިދިޔަ އަހަރު މާޗް މަހުގައި ރާއްޖެ ގެނައުމަށްފަހު ނޭޝަނަލް ރީ-އިންގްރޭޝަން ސެންޓަރުގައި "އިދާރީ ގޮތުން ބަންދުކޮށްފައިވާކަމަށް މަޢުލޫމާތުލިބެއެވެ.
ހަމައެއާއެކު، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާއި އިންސާނީ ހައްގުތަކާއި މިނިވަންކަން ރައްކާތެރިކޮށް ކުރިއެރުވުމާ ގުޅޭ އދ.ގެ ސްޕެޝަލް ރެޕަޓުއާ ފިއޮނުއެލާ ނީ އައޮލެއިން ވަނީ ކުޑަކުދިން ހިމެނޭ ގޮތަށް، ހަނގުރާމަވެރި ސަރަހައްދުތަކުގައި ތިބި ދިވެހިންނަށް ދިމާވަމުންދާ ބިރުވެރި އަދި ފުރާނަ ނުރައްކަލަކަށް ހުށަހަޅޭ ހާލަތްތަކަށް އިޖާބަ ދިނުމުގެ ގޮތުން އަވަސް، ވަށާ ޖެހޭ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ގޮވާލައްވާފަ އެވެ.