ސީރިޔާއިން ރާއްޖެއަށް އައި މީހުން; ދެން އެ މީހުންނަށް ވާނީ ކިހިނެތް؟
އޭގެ ތެރެއިން ބައެއް މީހުން ދިޔައީ ފިރިމީހާއެކު އިންޑިއާއަށް ބޭސް ފަރުވާއަށެވެ. އަނެއް ބަޔަކު ދިޔައީ އަވައްޓެރި ލަންކާއަށް ޗުއްޓީ ހޭދަކޮށްލާށެވެ. ނަމަވެސް އެ ހިސާބުން މުޅި ދިރިއުޅުން ބަދަލުވާނެ ކަމެއް އެއިން އެކެއްގެ ހިތުގައި ވެސް ނެތެވެ. އަމާން އުފާވެރި މުޖުތަމައަކުން ނެރެ ހަނގުރާމަވެރި ބިރުވެރި މުޖުތަމައެއްގައި ދިރިއުޅުމުގެ ބޮޑުބައި ހޭދަކުރަން ޖެހިދާނެ ކަމަށް އެކަކު ވެސް އުންމީދެއް ނުކުރެއެވެ. މިއީ ސީރިއާގައި ކުރަމުން އަންނަ ދާޚިލީ ހަނގުރާމައަށް ދިޔަ ދިވެހިންގެ ތެރެއިން ގިނަ ބައެއްގެ ވާހަކަތައް ހުރި ގޮތެވެ. ބައެއް މީހުން ދިޔައީ އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ބަލާ, އެތަނުގެ ހަނގުރާމައަށެވެ. އަނެއް ބަޔަކީ ވާނުވާ ނޭނގި އެތަނަށް ދިޔަ އަނބިދަރިންނެވެ.
ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރަކީ ހަނގުރާމަވެރި ސަރަހައްދުތަކުގައި ތިބި ދިވެހިން ރާއްޖެ ގެންނަން އެކުލަވާލާފައިވާ ޓީމެވެ. ހޯމްލޭންޑް ސެކިއުޓީ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ މި ޔުނިޓްގެ މަސައްކަތް ކުރިޔަށްދަނީ މާލެއާ ކައިރީގައި އޮންނަ ހިންމަ ފުށީގައެވެ.
މިއަދު ސީރިޔާާއިން ގެނައި 5 އާއިލާއެއްގެ 21 ދިވެހިން ރާއްޖެ ގެނައުމުގެ ކުރިން ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރ (އެންއާރުސީ)އަށް ނޫސްވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ރާއްޖެ އަންނަ ބޭނުންވެފައިވާ މީހުން ދެނެގަންނަނީ ކިހިނެތް؟
މިއަދު މާލެ ގެނެވުނު 5 އާއިލާއިން ސީރިއާގައި ތިބީ ތުރުކީ-ސީރިއާ ބޯޑަރު ކައިރީ ސަރަހައްދެއްގައި ހުންނަ ރެފިއުޖީ ކޭންޕެއްގައެވެ. އެ މީހުން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަތާ މިހާރު ހަ މަސް ވަރު ވެދާނެއެވެ. އެ މީހުން ތިބި ސަރަހައްދަކީ ތުރުކީގެ ބާރު ހިނގާ ސަރަހައްދެކެވެ. އެހެންކަމުން ރައީސް ޑރ. މުޢިއްޒު ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައި އެ ދިވެހިން ރާއްޖެ ގެންނަން ފެސިލިޓޭޓްކޮށްދޭން ތުރުކީގެ ސަރުކާރުގައި ވަނީ އެދިފައެވެ.
ހަނގުރާމަވެރި ސަރަހައްދެއްގައި ތިބި ބަޔަކު ރާއްޖެއަށް އަންނަން އެދޭނަމަ ފުރަތަމަ ކުރަން ޖެހޭ ކަމަކީ އެ މީހުންގެ މައުލޫމާތު ފުލުހުންނާ ހިއްސާ ކުރުމެވެ. އެއީ ރާއްޖޭގައި ތިބި އާއިލާއިން ސިޓީގެ ޒަރިއްޔާއިން ނުވަތަ މައްސަލައެއްގެ ޒަރިއްޔާއިން ވިޔަސްހެވެވެ. ދެން އޮންނަ ކަމަކީ އެއީ ދިވެހިންކަން ޔަޤީން ކުރުމެވެ. ދިވެހިންކަން ޔަޤީން ކުރާނީ ރާއްޖޭގެ ޤައުމީ ޑޭޓާބޭސް އިން ފިންގަރޕްރިންޓް ދިމާކޮށްގެންނެވެ. ސީރިއާގައި ވިހާފައިވާ ކުއްޖެއްނަމަ, އެ ކުއްޖާއަކީ ދިވެހި މަންމައެއްގެ ދަރިއެއްތޯ ޔަޤީން ކުރާނީ ޑީއެންއޭ ޓެސްޓެއް ހަދައިގެންނެވެ. މިކަން ކުރުމަށް މިމީހުން ގެނައުމުގެ ކުރިން ފުލުހުންގެ ފޮރިންސިކް ޓީމެއް އެ މީހުން ތިބޭ ސަރަހައްދަށް ދެއެވެ.
އެ މީހުންނަކީ ދިވެހިންކަން ޔަޤީންވުމުން ދެން އޮންނާނީ ރާއްޖެއަށް ގެނައުމަށް ކުރަން ޖެހޭ މަސައްކަތް ފެށުމެވެ.
މިފަހަރު ދިވެހިން މިގެނައީ ތުރުކީ މަގުންނެވެ. ތުރުކީގެ ޤާނޫނު ބުނާ ގޮތުން ހަނގުރާމަވެރި ސަރަހައްދުތަކުން އަންނަ ފަރާތްތައް އާއްމުންނާއެކު ކޮމާޝަލް ފްލައިޓެއްގައި ނުގެންދެވެއެވެ. އެހެންވެ, ދިވެހި ސަރުކާރުން ވަނީ 1.8 މިލިޔަން ރުފިޔާއަށް ރާއްޖެއިން ފްލައިޓެއް ޗާޓަރުކޮށްގެން އެމީހުން ބަލާ ފޮނުވާފައެވެ. އެ މީހުން ބަލާ ދިޔަ ޓީމުގައި ފުލުހުންގެ އިތުރުން ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ނަފްސާނީ ބަލީގެ ފަރުވާ ދޭ މީހަކު ވެސް ހިމެނެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިޙްސާން ވިދާޅުވީ ހަނގުރާމަވެރި ސަރަހައްދުތަކުން އަނބުރާ އަންނަ ބޭނުންވާ 100އަށްވުރެ ގިނަ މީހުން އެބަތިބި ކަމަށެވެ.
ހަނގުރާމަވެރިއެއްތޯ, ޝިކާރައަކަށްވި މީހެއްތޯ ބެލުން
ހަނގުރާމަވެރި ސަރަހައްދުތަކުން ރާއްޖެ ގެންނަ ފަރާތްތައް ގެނެސް ބަހައްޓާނީ ޓެރެރިޒަމް މަނާ ކުރާ ޤާނޫނުގެ ދަށުން އުފައްދާފައިވާ ނޭޝަނަލް ރީއިންޓަގްރޭޝަލް ސެންޓަރުގައެވެ. ހިންމަފުށީގައި ހުންނަ މި ސެންޓަރުގައި ތައުލީމާއި ހުނަރު ދަސްކޮށްދޭ ކްލާސްތައް ހުރެއެވެ. މި ސެންޓަރު ހުންނަނީ ހަތަރު ބަޔަކަށް ބަހާލާފައެވެ. އެއީ އަންހެނުންނަށް, އަންހެން ކުދިންނަށް, ފިރިހެނުންނަށް, ފިރިހެން ކުދިންނަށް ވަކިން ބްލޮކެކެވެ.
އެހެންނަމަވެސް ފުރަތަމަ މި ސެންޓަރަށް ގެންގޮސް އާއިލާތައް ބަހައްޓާނީ ވަކިވަކިން ބްލޮކްތަކުގައެވެ. އަދި އެ މީހުންނަކީ ހަނގުރާވެރިންތޯ ނުވަތަ ހަނގުރާމައިގައި ޝިޔާރަވެރިއަކަށް ވެފައިވާ މީހެއްތޯ ބެލުމަށް އެންމެ ގިނަ ވެގެން 30 ދުވަހުގެ ތެރޭގައި އެސެސްމެންޓެއް ހެދޭނެއެވެ. އެ މީހަކީ ހަނގުރާމަވެރިއެއް ކަަމަށް ނިންމައިފިނަމަ, އެ ހިސާބުން އެ މީހަކު ހަވާލު ކުރާނީ ފުލުހުންނާއެވެ. އަދި އޭނާގެ މައްޗަށް ޖިނާއީ ތަޙްޤީޤެއް ހިންގޭނެއެވެ.
އެސެސްމެންޓުން އޭނާއަކީ ހަނގުރާމައިގެ ޝިކާރައަކަށް ވެފައިވާ މީހެއް ކަމަށް ނިންމައިފިނަމަ އެ މީހަކު ދެން ކުރިޔަށްދާނީ ރީހެބިލިޓޭޝަންއެވެ.
ހަނގުރާމަވެރިއެއްތޯ ނޫންތޯ, ރީހެބްގައި ހޭދަކުރާނީ ކިތައް ދުުވަސްތޯ ނިންމާނީ އެސެސްމެންޓްގެ މައްޗަށް ބިނާކޮށް ކްރިމިނަލް ކޯޓުންނެވެ.
18 އަހަރުން ދަށުގެ ކުއްޖެއްނަމަ އޮޓޮމެޓިކުން އެކުއްޖަކީ ވިކްޓިމްއެއް ކަމަށް ކަނޑައެޅޭނެއެވެ.
ރީހެބްގައި ކުޑަކުދިންނަށް އެ ކުދިންގެ އުމުރާ ގުޅޭ މިންވަރަށް ކިޔަވައިދޭނެއެވެ. އެ ސެންޓަރުގައި ކިޔަވައިދޭނީ ހިންމަފުށީ ސްކޫލުގެ ޓީޗަރުންނެވެ. އެކުދިން އަނބުރާ މުޖުތަމައަށް ނިކުންނައިރު އެ އުމުރުގެ އެހެން ކުދިންގެ ފެންވަރަށް ކިޔަވައިދެވޭތޯ މަސައްކަތްކުރާނެއެވެ.
އޭގެ އިތުރުން ކެއްކުން, ކޭކްއެޅުން, ފެހެން ފަދަ މަސައްކަތްތައް ބޮޑެތި މީހުންނަށް ދަސްކޮށްދޭނެއެވެ. އެފަދަ ކޯސްތައް އެތަނުގައި ހިންގާނެއެވެ. މަޤްސަދަކީ އަނބުރާ މުޖުތަމައަށް ނިކުންނައިރު އަމިއްލަ ފައިމައްޗަށް ތެދުވެވޭ ވަރަށް މަަސައްކަތާއި ހުނަރު ދަސްކޮށްދިނުމެވެ.
އެންމެ ފަހުން އެންއާރުސީގެ ރީހެބުން ނިކުތް އާއިލާއަކީ މަންމައަކާއި ތިން ކުދިންނެވެ. އެ ކުދިންނާއި މަންމަ މިހާރު އުޅެމުން އަންނަނީ މުޖުތަމައުުގައެވެ. އެއާއިލާ މުޖުތަމައަށް ދޫކޮށްލާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ. އެއީ އެއް އަހަރު ދުވަހުގެ ރީހެބް ޕްރޮގްރާމަކަށްފަހުއެވެ.
މުޖުތަމައަށް ދޫކޮށްލުމަށް ފަހު ވެސް ފަސް އަހަރު ވަންދެން ފުލުހުންގެ އިންޓެލްއިން އެ މީހުން މޮނިޓަރު ކުރާނެއެވެ. އަދި ގޯހެއް އުޅޭ ކަމަށް ހީވާނަމަ އަނބުރާ ރީހެބަށް ގެންނާނެއެވެ.
ސީރިއާ ހަނގުރާމައިގެ ކުރު ޚުލާސާއެއް
ސީރިއާގައި 2011ވަނަ އަހަރު އެ ޤައުމުގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރާ ދެކޮޅަށް ފެށި މުޒާހަރާތައް ބަދަލުވެ ހަނގުރާމައަކަށް ބަދަލުވެގެން ދިޔައީ އެ އަހަރުގެ މާރިޗް މަހުގެ ތެރޭގައެވެ. އަރަބި ޤައުމުތަކަށް އައި ޑިމޮކްރަސީގެ ރާޅުގައި ޖެހި, 'އަރަބް ސްޕްރިންގް' ސީރިއާއަށް ވެސް އައެވެ. ނަމަވެސް ސީރިއާގެ ސަރުކާރުން, ރޫސީންނާއި އިރާންގެ މަދަދުގައި ސަރުކާރާ ދެކޮޅަށް ތެދުވި ފަރާތްތަކާ ވަރުގަދަ ހަނގުރާމައެއް ކުރިއެވެ. ދެކޮޅުން ނިކުތް ހަނގުރާމަވެެރި ޖަމާއަތްތަކުގެ މަދަދުގާރުންނަށްވީ އެމެރިކާއިންނެވެ. އައިސިސް އުފަންވެ, ރަނގަޅަށް ހިންދެމިލީ އެމެރިކާގެ ބާރާއެކުގައެވެ. 2013 ވަނަ އަހަރާ ހަމައަށް އައިއިރު ސީރިއާގެ ބޮޑު ބައެއް ކޮންޓްރޯލް ކުރަމުން ދިޔައީ އައިސިސް އިންނެވެ. ޝަހާދަތުގެ ދެކަލިމެ ލިޔެފައިވާ ދިދައާއެކު އޭރު އައިސިސްއަކީ އިސްލާމް ދީނުގެ ހިމާޔަތުގައި ކަމަށް ބުނެ ނިކުމެ އޮތް ޖަމާއަތެކެވެ. އެ ޖަމާއަތާއެކު ޖިހާދަށް ދިއުމަށް މުސްލިމް އުންމަތަށް އޭރު އެ ޖަމާއަތުން އާއްމު ދައުވަތެއް ދިނެއެވެ. އެ ދައުވަތަށް ބައެއް ދިވެހިން ވެސް ފުރައިގެން ހަނގުރާމައަށް ދިޔައެވެ. ސީރިއާގެ ހަނގުރާމައިގައި މިހާތަނަށް ހަ ލައްކައަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. 6.9 މިލިޔަން މީހުންގެ ގެދޮރު ގެއްލި, މަގުމަތިވެފައިވާއިރު, 3.4 މިލިޔަން މީހުން ވަނީ ސީރިއާ ދޫކޮށް އަވައްޓެރި ތުރުކީއަށް ގޮސްފައެވެ. މިހާރު ވެސް ސީރިއާގެ ބައެއް ހިސާބުތައް ކޮންޓްރޯލް ކުރަމުން ގެންދަނީ ހަނގުރާމަވެރި ޖަމާއަތްތަކުންނެވެ.
ވ ފުރިހަމަ ލިޔުމެއް