ޖާބިރު އަތަކުން ރައީސް މައުމޫން ފައިސާއެއް ނުނަންގަވާނެ: އަނދުން ހުސެއިން
ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އަތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް 29 މިލިއަން ރުފިޔާ ނުނަންގަވާނެ ކަމަށް މަޖިލިހުގެ ހެންވޭރު ދެކުނުދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) މިއަދު ވިދާޅުވެއްޖެއެވެ.
ހުސެން މިހެން ވިދާޅުވީ ޖާބިރު އަތުން 29 މިލިއަން ރުފިޔާގެ ލޯނެއް މައުމޫން ނަގައި، އެ ލާރި ނުދައްކާތީ ޖާބިރު މީގެ ކުރިން ނުރުހުން ފާޅުކުރުމާ ގުޅިގެންނެވެ. ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ޖާބިރު ވިދާޅުވީ ދަރަންޏެއް މީހަކު ދައްކަން އޮތް ކަމަށްވާ ނަމަ، ދަރަނި ދައްކާ ނިންމަން ޖެހޭނެ ކަމަށެވެ.
ޖާބިރު ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހަށަހަޅާފައެވެ. އަދި އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައި މިހާރު އޮތީ ހުކުމް ކުރުމުގެ މަރުހަލާގައެވެ.
ޖާބިރު މިހެން ބުނުމާއެކު ހެސެން ވަނީ ނިޒާމީ މައްސަލައެއް ނަންގަވައި ވާހަކަ ދައްކަވާފައެވެ. އޭނާ ބުނި ގޮތުގައި މައުމޫން ދަރާ އޮތް ކަމަށް ޖާބިރު ވިދާޅު ވަނީ ކަނޑައެޅިގެން ގަވައިދާ ހިލާފަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މައުމޫންގެ ދިފާއުގައި ހުސެއިން ނުކުންނެވުމާ ގުޅިގެން ވަރަށް އުފާ ކުރައްވާ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.
"ހާދަ ލޯތްބެކޭ ޕީޖީގެ ނައިބު ލީޑަރު އެ ވަނީ މައުމޫން ދެކެ. އަޅުގަނޑު ހާދަ އުފާވެއޭ. އެ ނޫން މީހަކު މައުމޫން ދެކެ ލޯބިވި ތަނެއް އަޅުގަނޑު ނުއެއް ދެކެން. އެހެންވީމަ ކުއްލިއަކަށް އަޅުގަނޑު ހައިރާން ވެސް މިވީ،" ޖާބިރު ވިދާޅުވިއެވެ.