ޚަބަރު

ބީއޯސީއަށް ޖަމާކުރަން ގެންދިޔަ ފައިސާ ފޭރެން އުޅުނު މައްސަލައިގަ އިތުރު މީހަކު ހައްޔަރުކޮށްފި

މަރްޔަމް ވަޙީދާ

ބޭންކް އޮފް ސިލޯން (ބީއޯސީ) އަށް "ރޫޓް" ފިހާރައިން ޖަމާކުރަން ގެންދިޔަ ފައިސާތައް ފޭރެން އުޅުނު ކަމުގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މިމައްސަލައިގެ ތުހުމަތުގައި އުމުރުން 21 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެމީހާ މިއަދު ހައްޔަރު ކޮށްފައިވާއިރު، މިމައްސަލައިގައި އުމުރުން 20 އަހަރުގެ ފިރިހެނަކު ވެސް ރޭގެ ވަގުތެއްގައި ވަނީ ހައްޔަރު ކޮށްފައެވެ.

ރޫޓް ފިހާރައިގެ 4.5 މިލިއަން ރުފިޔާ ފޭރެން އުޅުނު މައްސަލައިގެ ތުހުމަތުގައި މި ދެ މީހުން ވެސް ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

މިފޭރުމުގެ ހާދިސާ ފެންނަ ސީސީޓީވީ ފުޓޭޖެއް އާއްމުވެފައިވާއިރު، އެ ވީޑިއޯ އިން ފެންނަނީ ވޭނެއްގައި އައި ބަޔަކު ބީއޯސީ ކައިރިއަށް މަޑުކޮށްލުމުން، ހެލްމެޓެއް އަަޅައިގެން ސައިކަލުގައި އައި ބަޔަކު، ވޭނު ތެރެއިން ފައިސާ ފޮށިގަނޑު ނަގާ، ފޭރެން އުޅުނު މަންޒަރެވެ.

ރޫޓުގެ މުވައްޒަފުން ގަޔަށް ފޭރެން އައި މީހުން ސްޕްރޭ ޖަހާ ތަން ވެސް ފެނެއެވެ. ކުރިން އެއީ ޕެޕަރ ސްޕްރޭ ކަމަށް ބުނަމުން ދިޔަ ނަމަވެސް، އެއީ ބޮޑީ ސްޕްރޭކަން ފަހުން ވަނީ އެނގިފައެވެ.

ފޭރެން ދިޔަ މީހުންނަށް އެކަން ކާމިޔާބު ނުވީ، ބީއޯސީގެ ސެކިއުރިޓީން އެވަގުތު އެމީހުން ހުއްޓުވުމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!