ޚަބަރު

ފްރާންސްގެ އުފެއްދުންތައް ބޯއިކޮޓް ކުރުމަށް ރާއްޖޭގެ 34 މަދަނީ ޖަމިއްޔާއަކުން ގޮވާލައްވައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މާތް ނަބިއްޔާ މުޙައްމަދު (ޞޢޥ) އަށް ފުރައްސާރަ ކޮށްފައިވާތީ، އެކަން ކުށްވެރިކޮށް ފްރާންސްގެ އުފެއްދުންތައް ބޯއިކޮޓް ކުރުމަށް ރާއްޖޭގެ 34 މަދަނީ ޖަމިއްޔާއަކުން ގޮވާލައްވައިފިއެވެ.

Ads by MWSC

އެޖަމިއްޔާތަކުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކައުއިތުރު ނަބިއްޔާ (ޞޢޥ) އަށް، ޒަމާނުއްސުރެ ތަފާތު ގޮތްގޮތުން ފުރައްސާރަކޮށް އެކަލޭގެފާނުގެ މަތިވެރި ޠާހިރު ޝަޙްޞިއްޔަތަށް ބޭއަދަބީ ބަސްތައް ރައްދުކުރަމުން އެކި މީސްމީހުން އަންނަ ކަމަށާއި މިއީ އެކަލޭގެފާނު ދުނިޔޭގައި ހުންނަވަނިކޮށް ވެސް އަދި އަވަހާރަވުމަށްފަހު ވެސް އެކާފަރުން ކުރަމުން އަންނަ ފިނޑި ހުތުރު ޢަމަލެއް ކަމަށެވެ.

ރަސޫލާ (ޞޢޥ) އަށް އެބައިމީހުން ފުރައްސާރަ ކުރުމުގެ ސަބަބެއްކަމުގައި ވެފައިވަނީ ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވުނު ނަބިއްޔާ ގެންނެވި ޝަރީޢަތަށްވުރެ މޮޅު ނިޒާމެއް ގެނައުމަށް ނުކުޅެދުމާއިއެކު އަދި އެކަލޭގެފާނުން ގެންނެވި ޝަރީޢަތް ދުވަހެއް ދުވަހަކަށް ދުނިޔެއަށް ހަލުވިކަމާއެކު ފެތުރެމުން ގޮސް ދާދި ކުޑަ މުއްދަތެއްގެ ތެރޭގައި މުޅިދުނިޔޭގައި އިސްލާމުން ވެރިކަން ކޮށް، ޣައިރު މުސްލިމުންގެ ބާރާއި ނުފޫޒު ހިނގައިގަނެދާނެކަމުގެ ބިރު އެބައިމީހުނަށް (ފުރައްސާރަ ކުރާ ފަރާތްތަކަށް) ހީވުން ކަމުގައި ވެސް އެބަޔާނުގައިވެއެވެ.

"މާތް ﷲ ވަނީ އެކަލޭގެފާނުގެ ޤަދަރާއި މަޤާމް މަތިވެރި ކުރައްވާފައިކަމުގައި އެކަލާނގެ އެންމެފަހުގެ ޝަރީޢަތް ބާވައިލެއްވި ޤުރްއާނުގައި އިޢުލާންކުރައްވާފައެވެ. އެހެންކަމުން މާތް ނަބިއްޔާގެ އަބުރުފުޅަށް އަރައި، ފުރައްސާރަކުރި ކޮންމެ ފަހަރަކުމެ، އިހުނަށްވުރެ އެކަލޭގެފާނުންގެ ނަންފުޅު ދުނިޔޭގައި މަތިވެރިވެ، އިސްލާމްދީން ޢިއްޒަތްތެރިވެގެން ގޮސްފައި ވެއެވެ." ޖަމިއްޔާތަކުން ނެރުނު ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ފްރާންސްގެ ރައީސް އެމަނުއެލް މެކަރޯން ދާދިފަހުން ވަނީ ކައުއިތުރު ނަބިއްޔާ (ޞޢޥ) އަށް ނިސްބަތްކޮށް ކުރަހާފައިވާ ކާރޓޫނުތަކެއް އެޤައުމުގެ ސަރުކާރުގެ އޮފީސްތަކުގެ ބޮޑު ސްކުރީނުން އަޅުވާފައެވެ. އަދި އިސްލާމްދީނާމެދު ނަފްރަތްތެރިކަން ފެތުރުމަކީ ޚިޔާލު ފާޅުކުރުން ކަމަށް ތަކުރާރުކޮށް އޭނާ ވަނީ ސިފަކޮށްފައެވެ.

ފްރާންސުގެ ސަރުކާރުން ހިންގާފައިވާ ލާދީނީ ގޮތެއްފޮތެއް ނެތް ނާތަހުޒީބު އެ ޢަމަލު ކުށްވެރިކުރުމަށް  އަޅުގަނޑުމެން އަވަސްވެ ގަންނަންޖެހޭ ކަމަށް އެ 34 މަދަނީ ޖަމިއްޔާއިން ވަނީ ގޮވާލައްވާފައެވެ.

"އެޤައުމުގެ އުފެއްދުންތައް ބޮއިކޮޓުކޮށް، އެޤައުމުން އެ ޢަމަލުތައް ހުއްޓާލައި، މުސްލިމުންގެ ކިބައިން މާޢާފަށް އެދިފުމަށް ދާންދެން އެމީހުންނާއެކު ސިޔާސީ އަދި ވިޔަފާރީގެ އެއްވެސް ގުޅުމެއް ނުބޭއްވުމަށް ދިވެހި ސަރުކާރަށް އަޅުގަނޑުމެން މި ގޮވާލަނީ ދިވެހި ހުރިހާ މުސްލިމުންގެ ނަމުގައެވެ. އަދި މި ގޮވާލުމަށް ސަރުކާރުން އިޖާބަ ނުދިން ނަމަވެސް ކޮންމެ ދިވެއްސަކު ވެސް އަމިއްލަ ފަރުދީ ޒިންމާގެ ގޮތުން ފުރާންސުގެ އުފެއްދުންތައް އެކީ އެކަށް ބޮއިކޯޓު ކުރުމަށް ގޮވާލަމެވެ!" ރަސޫލާ (ޞޢޥ) އަށްޓަކައި ފްރާންސްގެ އުފެއްދުންތައް ބޯއިކޮޓް ކުރުމަށް އެދި އެޖަމިއްޔާތަކުން ވިދާޅުވެފައިވެއެވެ.

މާތް ނަބިއްޔާ (ޞޢޥ) ގެ ދިފާޢުގައި ދުނިޔޭގެ އެތައް މުސްލިމުންނެއް އަންނަނީ ފްރާންސްގެ އުފެއްދުންތައް ބޯއިކޮޓް ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!