ޚަބަރު

އެމެރިކާއިން ދޮގު ޚަބަރު ފަތުރަނީ އެހެން ޤައުމުތަކާއި ޗައިނާއާ ދޭތެރެ ޖައްސަން: ޗައިނާ އެމްބަސީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް ޕޮމްޕިއޯ އިއްޔެ ރާއްޖެއަށް ކުރި ދަތުރުފުޅުގައި، ޗައިނާ އާއި ދެކޮޅަށް ދެއްކެވި ވާހަކަތައް ޗައިނާއިން ކުށްވެރި ކޮށްފިއެވެ.

Ads by MWSC

ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕޮމްޕިއޯ ދަނީ އޭނާ ދަތުރުކުރައްވާ ކޮންމެ ޤައުމެއްގައި ޗައިނާއާ ދެކޮޅު، ހަގީގަތެއް ނުހިފޭ ވާހަކަތައް ފަތުރަމުން ކަމަށެވެ.

އެވާހަކަތަކަކީ ޗައިނާ އާއި އެމެރިކާ އާއި ދެމެދު އުފެދިފައިވާ ހަމަނުޖެހުމެއްގެ ސަބަބުން، އެހެން ޤައުމުތަކާއި ވެސް ޗައިނާއާ ދޭތެރެ ޖެއްސުމުގެ ގޮތުން ޕޮމްޕިއޯ ފަތުރަމުން ގެންދާ ވާހަކަތަކެއްކަން ވެސް އެބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ. އަދި އެމެރިކާގެ އެޢަމަލު ޗައިނާއިން ވަނީ ކުށްވެރި ކޮށްފައެވެ.

"ކޮމިއުނިޓީ ޕާޓީ އޮފް ޗައިނާ (ސީޕީސީ) އިން ވެރިކަން ކުރަމުންދާ ޗައިނާގެ ދިދަ ފަޚުރުވެރިކަމާއެކު ވިހުރެމުންދަނީ އެހެން ޤައުމުތަކާއެކު އޮންނަ ސުލްޙަވެރިކަމަށާއި، ތަރައްގީ އާއި ގުޅުން ބަދަހި ކުރުމާއި، އެ ޤައުމަކަށް ވެސް ފައިދާވާނެ ގޮތްގޮތަށް ޢަމަލު ކުރަމުންދާ ޤައުމެއްގެ ގޮތުގައި. އަދި ދުނިޔޭގެ ތަރައްޤީ އަށް ވެސް ޗައިނާއިން މުހިންމު ދައުރެއް އަދާކުރޭ" ޗައިނާ އެމްބަސީގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން އެބަޔާނުގައި ބުނެފައިވަނީ ސީޕީސީ އަށް ޗައިނާ ރައްޔިތުން ކުރާ އިތުބާރު ވެސް 93 އިންސައްތައަށްވުރެ ބޮޑު ކަމަށް، ބައިނަލް އަގުވާމީ ދިރާސާތަކުން ވެސް ދައްކާފައިވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!