ހޯރަފުށީގައި ގެވެށި އަނިޔާ ލިބުނު އަންހެނަކަށް ފަރުވާ ދެނީ

ހއ. ހޯރަފުށީގައި ހިނގާ ދިޔަ ގެވެށި އަނިޔާގެ މައްސަލައެއްގައި، އަނިޔާ ލިބުނު އަންހެން މީހާއަށް ހދ. ކުޅުދުއްފުށީގައި ފަރުވާ ދޭން ފަށައިފިއެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭގައި ހޯރަފުށީގައި ހިނގި ގެވެށި އަނިޔާގެ މައްސަލައާ ގުޅިގެން ގުޅުން ހުރި މުއައްސަސާތަކާ އެކު ޖެންޑާ މިނިސްޓްރީން މަސައްކަތް ކުރަމުން ގެންދާ ކަމަށް އެމިނިސްޓްރީން ބުނެފައިވެއެވެ.
އަނިޔާ ލިބުނު ފަރާތުގެ ކުދިންގެ ރައްކާތެރިކަން ކަށަވަރު ކޮށްފައިވާ ކަމަށް ވެސް ޖެންޑާއިން ބުނެފައިވެއެވެ.
އޮންލައިން ނޫސް "ސަން" އިން ބުނެފައިވަނީ އަންހެން މީހާއަށް ފަރުވާ ދިނުމަށްޓަކައި އިއްޔެގެ ވަގުތެއްގައި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްއަށް ގެންގޮސްފައިވާ ކަމަށް ހޯރަފުށީ ކައުންސިލުން އެނޫހަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
އެއަށްފަހު ކޮވިޑާ ގުޅިގެން ރައްކާތެރި ކަމުގެ ފިޔަފަޅުތައް އަޅަން ޖެހޭތީ ކުޅުދުއްފުށީގައި ހުންނަ އޭނާގެ ގެއަށް، ދޫކޮށްފައި ކަމަށް ވެސް ކައުންސިލުން ބުނެފައިވެއެވެ.