ދީން

ދުވަސް ފެށުމަށް ﷲ ދެއްވާ އިނާމު ، ދުނިޔެއާއި ދުނިޔޭގައި ވާހާ ތަކެއްޗަކަށް ވުރެ ހެޔޮކަން ބޮޑު ދެރަކުޢަތް

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

މުސްލިމެއް ، ޔަހޫދީއެއް ، މަޖޫސީއެއްގެ ފަރަގެއް ނެތި ކޮންމެ މީހެއްގެ ވެސް އުއްމީދަކީ އެއް އުއްމީދެކެވެ. އެއީ ލުއި ފަސޭހަ ހިތްހަމަ ޖެހޭ ދިރިއުޅުމެއް ހޯދުމެވެ. ނަމަވެސް މި އަމާޒަށް ވާސިލްވުމުގައި އެކި ދީނުގެ އެކި މީހުން އިޚްތިޔާރު ކުރާ މަގު ބަދަލު ވަނީ ހިތްހަމަ ޖެހުން މާނަ ކުރާ ގޮތް ބަދަލުވުމާ އެކުގައެވެ.

Ads by Sosun Fihaara

ބައެއް މީހުންނަށް ހިތްހަމަ ޖެހުމަކީ އަގު ބޮޑެތި ދިރިއުޅުމެވެ. ލަގްޒަރީ އެޕާޓްމަންޓެއްގައި ދިރިއުޅެވިފައި އަގު ބޮޑު ކާރެއް އޮތުމެވެ. ބޭނުން ޚަރަދެއް ކޮށްލާނެ ފައިސާ ހުރުމެވެ.

ނަމަވެސް ޙަޤީޤީ ހިތްހަމަ ޖެހުމަކީ ހިތުގެ ތަނަވަސްކަމެވެ. ނެތުމުގެ ތެރެއިން އަހަރެމެން އުފައްދަވާ އަހަރެމެންނަށް ހުރިހާ ނިޢުމަތްތަކެއް މިންވަރު ކުރެއްވި އިލާހަށް ބޮޑަށް ކުއްތަން ވުމެވެ. އެއަށް ވުރެ ބޮޑު ހެޔޮކަމެއް ހިތްހަމަ ޖެހުމެއް އޮންނާނެތޯއެވެ.

މިދުނިޔޭގެ މުދާވެރިކަމާއި ޖާހާއި ޢިއްޒަތު ހޯދަން ކިތަންމެ ގަދަ އަޅާ މަސައްކަތް ކުރި ނަމަވެސް އެކަން ޙާޞިލް ވާނީ ﷲ ތަޢާލާ އެކަން މިންވަރު ކުރެއްވި އަޅަކަށެވެ. ވީއިރު އެއިލާހުގެ އަމުރުފުޅުތަކަށް ބޯނުލަނބާ ، މަސައްކަތް ކުރާ މީހުން މިކަމާ މެދު ވިސްނުން ހުއްޓެވެ.

ވިސްނަވާލައްވާށެވެ! އަހަރެމެން މި މަސައްކަތް ކުރަނީ ދުނިޔޭގެ އަރާމު ލިބި ގަންނާށެވެ. ނަމަވެސް ކޮންމެ ދުވަހެއް ފަށާއިރު ﷲ ތިބާއަށް ދެއްވާ ހެޔޮކަން ނިކަން ދެކިބަލާށެވެ. ފިކުރު ކޮށްލައްވާށެވެ. ދުނިޔެއާއި ދުނިޔޭގައި ވާހާ އެއްޗަކަށް ވުރެ ހެޔޮކަން ބޮޑު ދެރަކުޢަތެއް ދުވަސް ފަށާއިރު އެބައޮތެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. " ފަތިސްނަމާދުގެ އިހު ސުންނަތުގެ ދެރަކުޢަތް، ދުނިޔެއާ ދުނިޔޭގެ ވާހާ ތަކެއްޗަކަށްވުރެ ހެޔޮކަން ބޮޑުވެގެންވެއެވެ." رواه مسلم

ވީއިރު ﷲ ތަޢާލާ ދެއްވާފައިވާ މި ދީލަތިކަމަށް ފުރަގަސް ދީފައި ނުވަތަ މި ހެޔޮކަމަށް ފުރަގަސްދީފައި ދެން ހޯދާ ދުނިޔޭގެ އުފާވެރިކަމުގެ އަގަކީ ކޮބައި ހެއްޔެވެ؟ ދުނިޔެއާއި ދުނިޔޭގައި ވާހާ އެއްޗަކަށްވުރެ ބޮޑު ހެޔޮކަން ދޫކޮށްލައިފައި ދުނިޔޭގެ ކުޑަ މިންވަރެއް ހޯދަން އުޅުމުގެ މާނައެއް އެބައޮތް ހެއްޔެވެ؟

މިފަދަ ބޮޑު ހެޔޮކަމަކީ ސުންނަތް ދެރަކުޢަތުން ލިބޭ ކަމަކަށް ވީހިނދު ފަރުޟު ނަމާދުތަކުން ލިބޭނެ ހެޔޮ ދަރުމައާ މެދު އަދި ވިސްނަވާ ލައްވާށެވެ! ﷲ ތަޢާލާ ހަނދުމަކުރުން މަތީ ދުވަސް ހޭދަ ކުރެވޭނެ އިންތިޒާމް އިސްލާމް ދީނުގައި މިވަނީ ކަނޑައަޅުއްވާފައެވެ. ފަރުޟު ނަމާދުތައް ކުރުން މަތީ ދެމިތިބެއްޖެ ނަމަ އަހަރެމެންގެ ޢަމަލުތައް އިޞްލާޙް ވާނެއެވެ.

ވީމާ އަހަރެމެން މަސައްކަތް ކުރަންވީ އެއިލާހުގެ ލޯބިވެ ވޮޑިގެންވާ އަޅުންގެ ތެރޭގައި ވުމަށެވެ. އެއިލާހުގެ ދީލަތިވަންތަ ކަމުން ފުއްސެވުން ހޯދާ ހެޔޮކަންތަކުގެ ތަރާދު ބަރުކުރާ ބަޔަކަށް ވުމަށެވެ. ދުނިޔޭގެ އުފާވެރިކަން ހޯދަން މަސައްކަތްކުރާއިރު ﷲގެ އެންގެވުންތަކަށް ބޯލެނބުމާއެކު އެކަންކަން ކުރުމެވެ. ދުނިޔެއާއި އާޚިރަތުގެ ހެޔޮކަން ލިބޭ ހުށީ އޭރުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!