ދުނިޔެ

ތުރުކީ ބިންހެލުން: 804 މީހުން ޒަޚަމްވެ، 26 މަރު!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ތުރުކީ، އިސްތަންބުލް: ތުރުކީ އާއި ގްރީސް އަށް އިއްޔެ އެރި ބާރުގަދަ ބިންހެލުމުގެ ސަބަބުން 26 މީހުން މަރުވެއްޖެކަމަށް ރިޕޯޓުތަކުން ދައްކައިފިއެވެ.

Ads by Sosun Fihaara

އަޖިއަން ކަނޑަށް އިއްޔެގެ ވަގުތެއްގައި އެރި 7.0 މެގްނިޓިއުޑްގެ ބިންހެލުމުގެ ސަބަބުން އެތައް އިމާރާތެއް ވެއްޓި، ސުނާމީއެއް ވެސް ވަނީ އަރާފައެވެ. ތުރުކީ ސަރުކާރުން ބުނެފައިވަނީ އެއީ "ކުޑަ ސުނާމީއެއް" ކަމަށެވެ.

ތުރުކީއަށް އެރި ބިންހެލުމުގެ ސަބަބުން ގްރީސް އަށް ވެސް ވަނީ އަސަރުކޮށް، އެޤައުމަށް ވެސް ސުނާމީއެއް އަރާފައެވެ.

ސީއެންއެން އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މިކާރިސާގައި ތުރުކީން 24 މީހުން މަރުވެފައިވާއިރު ގްރީސުން ފުރާވަރުގެ ދެ ކުއްޖަކު ވެސް ވަނީ މަރުވެފައެވެ. އެދެކުދިން މަރުވީ އެކުދިންގެ ގައި މައްޗަށް ފާރެއް ވެއްޓިގެން ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ތުރުކީގެ އިސްމީރް އަވަށުން އެކަނި ވެސް 20 ވަރަކަށް އިމާރާތް ވެއްޓިފައިވާ ކަމަށް އެއަވަށުގެ މޭޔަރ ޓަންކް ސޮޔަރ ވިދާޅުވިއެވެ. މިބިންހެލުމުގެ ސަބަބުން އެތައް އެއްގަމު އުޅަނދެއް ވެސް ހަލާކު ވެފައިވާއިރު، ބައެއް މީހުން ވެސް ގާތަކު ދަށުވެފައި ވެއެވެ.

މިކާރިސާގެ ސަބަބުން ތުރުކީން 804 އެއްހާ މީހުން ޒަޚަމްވެފައިވާ ކަމަށާއި އޭގެ ތެރެއިން ގިނަ މީހުން ސަލާމަތް ކޮށްފައިވަނީ ހެލިކޮޕްޓަރުގެ އެހީގައި މީހުން ހޯދައިގެން ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.

ތުރުކީއަށް އިއްޔެ އެރި މިބިންހެލުމާ ގުޅިގެން، އޭގެ ފަހުން ވެސް ބިންގަނޑަށް ގުޑުން އެރިކަމަށް އެޤައުމުގެ ޑިޒާސްޓަރ މެނޭޖްމަންޓުން ބުނެފައިވެއެވެ. އެގޮތުން 196 ފަހަރަށް ބިންގަނޑު ގުޑިފައިވާއިރު، އޭގެތެރެއިން 23 ފަހަރު ގުޑުން އަރާފައިވަނީ 4.0 މެގްނިޓިއުޑް ގެ ބާރުމިނުގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!