ޚަބަރު

ނޮވެމްބަރު 3 ގައި ދިވެހި ސިފައިން ދެއްކި ހިތްވަރަށް މަލާމާތް ކުރުމަކީ ހިތްދަތި، ގޮތްކުޑަ ކަމެއް: ހުސެން ވަހީދު

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ނޮވެމްބަރު 3ގައި ދިވެހި ސިފައިން ދެއްކި ހިތްވަރަށް މަލާމާތް ކުރުމަކީ ހިތްދަތި، ގޮތްކުޑަ ކަމެއް ކަމުގައި ކުރީގެ ކޮމިޝަަނަރ އޮފް ޕޮލިިސް ހުސެން ވަހީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ނޮވެމްބަރ 3 ، 1988 ވަނަ އަހަރު ކުރިމަތިވި އުދުވާނުގައި ދިވެހި ގައުމު ސަލާމަތްކުރީ އިންޑިއާ ސިފައިން ކަމަށާއި ދިވެހި ސިފައިން ތިބީ ފިލާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަޙުމަދު ޙަލީމް ، މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައި ވަނިކޮށް ޙުސައިން ވަޙީދު މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި އޭނާ ވަނީ ދިވެހި ސިފައިން ހިތްވަރުކޮށް ހަނގުރާމަ ނުކުރިނަމަ ވެދާނެ ގޮތަކާމެދު ވިސްނާލިންތޯ ސުވާލު ކުރައްވާފައެވެ.

3 ނޮވެމްބަރު 1988، ނަސްރުގެ ދުވަހަކީ ދިވެހި ތާރީހުން ފޮހެލެވޭނެ ދުވަހެއް ނޫން ކަމަށް ވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އަދި ހަމަ އެހެންމެ ހަނގުރާމައިގައި ހޭދަވި ފުރަތަމަ ވަގުތުކޮޅު ހިފަހައްޓާލުން ވަރަށް ބިރުވެރިވެފައި ނުރައްކާތެރި ވާނެ ކަމަށާއި ގަދަވުމާއި ބަލިވުން އޮންނާނީ އެވަގުތުކޮޅުގެ މައްޗަށް ބިނާވެފައި ކަމުގައި ވެސް ވިދާޅުވިއެވެ.

އެދުވަހު ދިވެހި ސިފައިން އަމާން ދޭ ދިދަ އެއް ނުނަގާ ފަތިހުން ފެށިގެން ރޭގަނޑު އިރާކޮޅާ ހަމައަށް ދާންދެން ވަޒަނަކަށް ފަހު ވަޒަނެއް ގޮއްވާ ނުލިނަމަ ވާނީ ކިހިނެތް ކަން ވަޒަން ކުރެވޭތޯ ވެސް ހުސައިން ވަހީދު ސުވާލު ކުރެއްވިއެވެ.

ރާއްޖެ އެރި މީހުންތައް މެރީ އެ ދިގު ވަގުތު ދިވެހި ސިިފައިން ބަދަލުކުރި ވަޒަންތަކުން ކަމަށް ވެސް ހުސެން ވަހީދު ވިދާޅުވިއެވެ. ހަަމަ އެހެންމެ ﷲ ގެ ރަހުމަތުން ފަތަހަ ލިބުނީ ދިވެހި ސިފައިން ކުޅަ ހިތްވަރުގަދަ ބުރަ މަސައްކަތުން ކަމަށާއި ދިވެހިންގެ ތެރެއިން ބަޔަކު ބައިވެރިވެގެން އެ ހިންގި އުދުވާނުން އަރައި ގަނެވުނީ ދިވެހި ސިފައިން ދެއްކި ހިތްވަރާއި ފަންވަރުން ކަމުގައި ފާހަގަ ކުރެއްވިއެވެ. ހަމަ އެހެންމެ ބޭރުގައި ތިބި ދުޝްމަނުންގެ އަދަދު ނޭނގި ގެންގުޅުނު ހަތިޔާރުގެ ބާވަތާއި މިންވަރު ނޭނގި ކުރި ޖިހާދު ފަސްއަޅާ ފޮހެ ނުލެވޭނެ ކަމުގައި ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އިންޑިއާ ސިފައިން ފޮނުއްވި ރަޖީވް ގާނދީ އަދި ކޮންގްރެސް ޕާޓީ އިން ވެދެއްވި އެހީތެރިކަން  ބަލައިގަނެ ވެދެއްވި އެހީ އަށް ދިވެހިން އަބަދުމެ ޝުކުރު ވެރިވާނެ ކަމަށާއި އެކުވެރި ބާރެއް ބޭރުގައި، އެތެރޭގައި ތިބި ސިފައިންނަށް އެހީތެރި ވުމަށް ތައްޔާރަށް އޮތުމުގެ ބަހެއް ވެސް އެފަދަ ދަނޑިވަޅެއްގައި ވާނީ އިތުރު ހިތްވަރަކަށް ކަމުގައި ވެސް ފާހަގަ ކުރެއްވިއެވެ.

"ދިވެހި ސިފައިންގެ ބަޑިތަކުގެ ކޮޅުން ނިކުތް ވަޒަނުން މާލޭގައި ހުރިހާ ބާޣީން މެރީ. އަދި ދިވެހިންތަކެއް ޝަހީދުވީ އެ ޓެރަރިސްޓުންނާއި ބަދަލު ކުރި ވަޒަން ތަކުން. އެދުވަހު ދިވެހި ސިފައިން ދެއްކި ހިތްވަރަށް މަލާމަތް ކުރުމަކީ ހިތްދަތި ކަމެއް، ގޮތްކުޑަ ކަމެއް" ހުސެން ވަހީދުގެ ޕޯސްޓުގައި ފާހަގަ ކުރެއްވިއެވެ.

ޝަހީދު ހުސެއިން އާދަމް ގޮއްވާލި ވަޒަނުން ސަމާލުކަން ހޯދާ ދިވެހި ސިފައިން ކުރީ ހަނގުރާމަ ކަމުގައި ފާހަގަ ކުރައްވަމުން ހުސެން ވަހީދު އެމަނިކުފާނުގެ ޕޯސްޓު ނިންމަވާ ލެއްވީ ފަސްގަނޑުގެ އަމިއްލަވަންތަކަން ދިފާޢު ކުރަން، ދިވެހިންގެ ދީނުގެ ހައްގުގައި ޝަހީދުވި އަބްތާލުންނަށް ސުވަރުގެ މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!