ޚަބަރު

"މި ސަރުކާރުން ބާޣީން ޣާޒީންނަށް ހަދައިފި"

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ނޮވެމްބަރު 3، 1998 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތެރިއެއްގެ ގޮތުގައި ހުރި ބާޣީ އަބްދުﷲ ލުތުފީ ފިލައިގެން ލަންކާގައި އުޅެނިކޮށް ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް އައުމުން އޭނާއަށް ހިޔާމަތް ދިން ކަމަށާއި އެއީ މި ވެރިކަމުން އެ ދުވަހުގެ ބާޣީންނަށް ޣާޒީންގެ ލަގަބު ދިނުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ ގޮތުގައި ފާހަގަަކުރާ ނޮވެންބަރު 3 ވަނަ ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ވަނަ ދުވަހު ދިވެހިންގެ ބަޔަކު އަޑީގައި ތިބެގެން ލަންކާގެ ތަމަޅަ ހަނގުރާމަވެރިންތަކެއް މާލެ އަރައި، ދިވެހިރާއްޖެ ހިފަން ހިންގި ޢުދުވާނީ ޙަމަލައިން ނަސްރު ލިބުމުގެ ޒިކުރާ އައުކުރާ ދުވަހެވެ.

މި ދުވަހާއި ގުޅިގެން މިއަދު ޖަމީލު ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވީ މީގެ 32 އަހަރު ކުރިން ދިވެހިންގެ އެތައް ބަޔަކު ޝަހީދުވެގެން ހޯދައިދިން ނަޞްރު ހަނދާން ކޮށްދެނީ ޚާއިންނުންނާމެދު ފާރަވެރިވުމަށް ކަމަށެވެ.

އަދި އެ ދުވަސް ދިވެހިންނަށް ބުނެދެނީ އެ ދުވަހު ތަމަޅަ ހަނގުރާމަވެރިން ރާއްޖެ ގެނައުމުގެ އަޑީގައި ތިބި ހާޖަރާގޭ ޢަބްދުﷲ ލުޠުފީއާއި ސަރަގު ނާޞިރާއި ސިފައިންގޭގެ ޗާޓު ކުރަހައިދިން ޝާހިދު ފަދަ ބާޣީންނާމެދު ޤައުމު އަބަދުވެސް ހޭލުންތެރިވެ، ފާރަވެރިވާން ޖެހޭކަން އެ ދުވަސް ހަދާންކޮށްދޭ ކަމުގައި ޑރ.ޖަމީލު ވިދާޅުވިއެވެ.

އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ބާޣީ ލުތުފީ ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާލީ ވެސް އެމްޑީޕީގެ ފުރަތަމަ ސަރުކާރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އެއީ ޖެނައަރީ 2010 ގައެވެ. އޭގެ ފަހުން ބާޣީ ލުތުފީ ފިލައިގެން އުޅެމުން ގެންދިޔައީ ސްރީލަންކާގައެވެ. އެ މައްސަލާގައި ޕްރެޝަރު ބޮޑުވެ ފަހުން ސަރުކާރުން ވަނީ އޭނާ ރާއްޖެ ގެނެސް ޖަލަށް ލައިފައެވެ. އަދި ފިލި މައްސަލާގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވެއެވެ. އެ މައްސަލައިގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި ފަށާފައިވެއެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!