ޚަބަރު

ރޫޓްގެ ފައިސާ ފޭރެން އުޅުނު މައްސަލައިގައި ބައިވެރިވި އިތުރު ތިން މީހަކު ހައްޔަރުކޮށްފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
ފޮޓޯ: ޕޮލިސް

ރޫޓް ފިހާރައިން ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ފޭރެން އުޅުނު މައްސަލައިގައި އިތުރު ތިން މީހަކު ހައްޔަރު ކޮށްފިއެވެ. ހައްޔަރު ކުރެވިފައި ވަނީ ހުސް ދިވެހިންނެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހު ބޭންކް އޮފް ސިލޯން (ބީއޯސީ) ކައިރިން މި ފައިސާތައް ފޭރެން މަސައްކަތް ކުރި ހަތަރު މީހަކު މީގެ ކުރިން ހައްޔަރު ކުރެވިފައިވާއިރު، އެމީހުންގެ ވަނަވަރު މިހާރު ވަނީ ފުލުހުން އާންމު ކޮށްފައެވެ.

މިއަދު ހައްޔަރު ކުރެވިފައިވާ ތިން މީހުންގެ ތެރޭގައި އުމުރުން 20 އަހަރުގެ މީހަކާއި 21 އަަހަރުގެ މީހަކާއި 30 އަހަރުގެ މީހެއް ހިމެނެއެވެ. އަދި މި ތިން މީހުންގެ ބަންދަށް ވެސް މިހާރު 15 ދުވަސް ވަނީ ޖަހާފައެވެ.

ރޫޓް ފިހާރައިން 4.2 މިލިއަނަށްވުރެ ގިނަ ރުފިޔާ، ވޭނެއްގައި ބީއޯސީ އަށް ގެންދަނިކޮށް، މިދިޔަ މަހުގެ 25 ވީ އާދިއްތަ ދުވަހު، ހެލްމެޓު އަޅައިގެން ދެ ސައިކަލެއްގައި ދިޔަ ބަޔަކު ވަނީ އެފައިސާ ފޭރެން މަސައްކަތް ކޮށްފައެވެ. އެމީހުންނަށް އެކަން ކާމިޔާބު ނުވީ، ވޭނު ތެރޭގައި ތިބި ރޫޓް ފިހާރައިގެ މުވައްޒަފުންތަކަކާއި ބީއޯސީ ގެ ސެކިއުރިޓީ ގާޑު އެމީހުން ހުއްޓުވުމުންނެވެ. އަދި މި ފޭރުން ހުއްޓުވުމުގައި އިސްކޮށް އުޅުނު ބީއޯސީ ގެ ސެކިއުރިޓީ ގާޑަށް ރޫޓްގެ ފަރާތުން ވަނީ 50،000 ރުފިޔާގެ ހަދިޔާއެއް ވެސް ދީފައެވެ.

ފޭރުން ހުއްޓުވުމުގައި އޭނާ ކުރި ހިތްވަރު ފާހަގަކުރުމުގެ ގޮތުން ފައިސާގެ އިނާމަކާ އެކު ރަމްޒީ ލިއުމެއް ވެސް ވަނީ ދީފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!