ޚަބަރު

ކުޅުދުއްފުށީގައި ދިން ހަމަލާއާ ގުޅިގެން މީހަކު ހައްޔަރު ކޮށްފި

ހދ. ކުޅުދުއްފުށީ ފިހާރައެއްގެ ތެރޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދިން ކަމުގެ މައްސަލައިގައި މީހަކު ހައްޔަރު ކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަަލަކު ވިދާޅުވީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ މައްސަލައާއި ގުޅިގެން 28 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މާރާމާރީއެއް ހިންގާ، ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލާފައިވަނީ އެރަށު ބަރާބަރު" ފިހާރައިގެ ތެރޭގައި އެ ފިހާރައިގެ މުވައްޒިފަކަށެވެ.

ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލި ޒުވާނާ އަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކުޅުދުއްފުށީގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާކަމުގެ މައުލޫމާތު މިއަދު 11:41 ގައި ލިބިފައިވާ ކަމަށާއި އިތުރު މައުލޫމާތު ލިބުމުން ހިއްސާ ކޮށްދެއްވާނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!