ލޮކްޑައުންގެ މުއްދަތު 14 ދުވަހަށް އިތުރު ކޮށްފި
މާލޭ ސަރަހައްދުގެ ލޮކްޑައުންގެ މުއްދަތު 14 ދުވަހަށް އިތުރު ކޮށްފިއެވެ.
މާލެއިން ކޮވިޑް-19 ފެނުމާ ގުޅިގެން މާލެ ސިޓީ ހިމެނޭ ސަރަހައްދުގެ މާލެއާއި ހުޅުމާލެއާއި ވިލިމާލެ ފުރަބަންދުކޮށްފައި ވަނީ މިމަހުގެ 15ވަނަ ދުވަހު ދެ ދުވަހުގެ މުއްދަތަކަށެވެ.
ނަމަވެސް ކޮވިޑް-19އަށް ފައްސިވާ މީހުން މާލެއިން ފެނުން އިތުރުވުމާގުޅިގެން މިމަހުގެ 17 ވަނަ ދުވަހު އިތުރު 14 ދުވަހުގެ މުއްދަތަކަށް މާލެ ސަރަޙައްދު ވަނީ ފުރަބަންދުކޮށްފައެވެ.
އަނެއްކާވެސް އިތުރު 14 ދުވަހަށް މާލެ ސަރަޙައްދު ފުރަބަންދު ކުރުމަށް މިއަދު މިވަނީ ނިންމާފައެވެ.
ޑިރެކްޓަރ ޖެނަރަލް އޮފް ޕްބަލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެރުނު އެނގުމުގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ މަގުމައްޗަށް ނުކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުމަށް އެންގި އެންގުމުގެ މުއްދަތު އިތުރު ކުރާ ކަމަށެވެ.
"ބުނެވިދިޔަ ގާނޫނުގެ 34 ވަނަ މާއްދާގެ (ރ) އާއި (ށ) ގެ ދަށުން، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ
ހައިސިއްޔަތުން އަހުރެންނަށް ލިބިދޭ ބާރުގެ ދަށުން، 2020 އެޕްރީލް 17 ވީ ހުކުރު ދުވަހު އަންގައިފައިވާ، ނަންބަރު 2020/37 އެންގުމުގެ މުއްދަތު، 14 (ސާދަ) ދުވަހުގެ މުއްދަތަށް އިތުރުކުރުމަށް ނިންމައި، އެކަން އަހުރެން އަންގަމެވެ،" މައިމޫނާ އަބޫބަކުރު ނެރުއްވި އަމުރުގައިވެ އެވެ.