ކޮންޓެކްޓު ޓްރޭސިންގެ ތެރެއިން ފާހަގަވެފައިވާ މީހަކު މަރުވެގެން ޓެސްޓު ކުރަނީ
ކޮންޓެކްޓު ޓްރޭސިންގެ ތެރެއިން ފާހަގަވެފައިވާ މީހަކު މަރުވެގެން ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފިއެވެ.
މިރޭ ވޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ތިނަދޫ ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އިއްޔެ މަރުވި އުމުރުން 95 ދުވަސްވީ މީހަކާއި، މިއަދު 78 އަހަރުގެ މީހެއްގެ ސާމްޕަލް ކޮވިޑަށް ޓެސްޓްކުރުމަށް ނަގާފައިވާކަމަށެވެ.
އަދި އެމީހުންނަކީ ނޭވާލާން އުނދަގޫތަކެއް ހުރި މީހުންކަމަށާއި، އެމީހާއަށް ފަރުވާދެމުން އައިސްފައިވަނީ ވެންޓިލޭޓަރުގެ އެހީގައިކަމަށް މަބްރޫކް ވިދާޅުވިއެވެ.
އަދި މިއަދު މާލެއިން 83 އަހަރުގެ މީހަކު މަރުވެފައިވާއިރު، އެމީހަކީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަކުރެވިފައިވާ މީހެއްކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. އޭނާއަކީވެސް އިތުރު ބަލިތަކަކަށް ފަރުވާ ހޯދަމުން އައިސްފައިވާ މީހެއްކަން ފާހަގަކުރައްވާ މަބްރޫކް ވިދާޅުވީ، މަރުވި މި ތިން މީހުންގެ ސާމްޕަލް ކޯވިޑް19 އަށް ޓެސްޓްކުރުމަށް ނަގާފައިވާކަމަށެވެ.
ނަމަވެސް އެ ތިން މީހުންގެ ކޭސްއަކީ ކޮވިޑް ކޭސްއަކަށް ވެދާނެތޯ ނޫންތޯ ބަލަމުން އަންކަމަށާއި، ސާމްޕަލްގެ ނަތީޖާ އަދި ނުލިބޭކަމަށް ވިދާޅުވިއެވެ. މަބްރޫކް ވަނީ ޓެގް ޓީމުން މިކަމުގެ އިތުރު މަޢުލޫމާތު މާދަމާ ދޭނެކަމަށްވެސް މަބްރޫކް ވިދާޅުވެފައެވެ.