"ކެމްޕޭން ކުރީ އަނިޔާ ނައްތާލުމަށް، އަނިޔާ އެހެދީ އިސްލާމީ ޝަރީޢަތަށް"

ބާ ކައުންސިލްގެ ގާނޫ ޑްރާފްޓްކުރީ ޝަރީޢާ ކިޔަވައިގެން ތިބި ވަކީލުންނަށް ހުއްދަ ނުދޭން ކަމަށް އެޓަރނީ ޖެނެރަލް ރިފްޢަތު ވިދާޅުވި ކަމަށް ޚަބަރު ފެތުރުމާއެކު އެކަމަށް ޖަމްއިއްޔަތުއް ސަލަފްގެ ރައީސް ޢަބުދުﷲ މުޙައްމަދު ފާޑު ވިދާޅުވެއްޖެއެވެ.
އޮންލައިން ނޫސް "މިއަދު"ގައި އެ ޚަބަރު ފެތުރުމާއެކު ޢަބުދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކަމަކީ އޭރު ވެސް އަދި މިހާރު ވެސް އިންކާރު ކުރަމުން ދިޔަ ކަންކަން ކަމަށެވެ. އަދި އެކަމުގެ ޒިންމާ ނަގާނީ ކޮންބައެއްތޯ ޢަބުދުﷲ ސުވާލު ކުރެއްވިއެވެ.
ޢަބުދުﷲ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ސްޕަރ މެޖޯރިޓީ އޮތް ، ވެރިކަން ހިންގާ ކޯލިޝަނުން ބޭނުން ނަމަ މިކަން އިޞްލާޙް ކުރެވޭނެ ކަމަށެވެ. އަދި ވެރިކަމަށް އަންނަން ކެމްޕޭން ކުރެއްވީ އަނިޔާ ނައްތާލުމަށް ކަމަށާއި ނަމަވެސް އަނިޔާ އެހެދީ އިސްލާމީ ޝަރީޢަތަށް ކަމަށް ޢަބުދުﷲ ވިދާޅުވެފައި ވެއެވެ.
އިސްލާމީ ޝަރީޢާ ކިޔަވައިގެން ތިއްބެވި ބޭފުޅުން ޝަރުޢީ ނިޒާމާ ފެޔަށް ޖެއްސުމަށް ، ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތު ސިޔާސީ އިދިކޮޅު ފަރާތްތަކުން ވެސް ކުރަމުން ދެއެވެ.