ތުރުތުރު އަޅާ ބަލި ޖެހިގެން ރަޝިއާގެ ރައީސް އިސްތިއުފާ ދެއްވަނީ
ރަޝިއާގެ ރައީސް ލަޑީމިއާ ޕުޓިން ބަލިހާލަތު ހުރި ގޮތުން މަގާމުން އިސްތިއުފާ ދެއްވަން އުޅޭ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ޕުޓިން އިސްތިއުފާ ދެއްވަން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އަދި މި ނިންމުމަކީ ނާރުގެ ބައްޔެއް ކަމަށްވާ ޕާކިންސަންސް ޑިސީސް ނުވަތަ ތުރުތުރު އަޅާ ބައްޔަށް ޕުޓިން ފަރުދާ ހޯއްދަވަމުން ގެންދަވާތީ ނިންމާ ނިންމުމެކެވެ.
މޮސްކޯގެ ޕޮލިޓިކަލް ސައިޓިސްޓަކާ ހަވާލާދީ ޑެއިލީ މެއިލްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ޕުޓިންއަށް ވަނީ ތުރުތުރު އަޅާ ބަލި ޖެހިވަޑައިގެންފައެވެ. އަދި ބަލީގެ އަލާމާތްތައް ވެސް އެމަނިކުފާނުގެ ހަށިކޮޅުން ފެންނަ ކަމުގައި އޭނާ ބުނެފައިވެއެވެ.
އަދި އޭނާ އިތުރަށް ބުނެފައިވާ ގޮތުގައި ޕުޓިންގެ ލޯބިވެރިޔާގެ އިތުރުން ދެ އަންހެން ދަރިން ވެސް އަންނަނީ ޕުޓިން މަސްއޫލިއްޔަތު ތަކުން ދުރުވެވަޑައިގަތުމަށް އެދިލައްވަމުންނެވެ.
ނަމަވެސް ރަސްމީ އެއްވެސް އިދާރާއަކުން އަދި ޕުޓިންގެ ސަރުކާރުގެ އެއްވެސް ބޭފުޅަކު ވެސް މިކަން ޔަގީން ކޮށްދީފައެއް ނުވެއެވެ.
މީގެ ކުރިން ވެސް ޕުޓިން އަށް ތުރުތުރު އަޅާ ބަލި ޖެހިފައިވާ ކަމަށް އަޑުފެތުރުނެވެ. އެގޮތުން ބައެއް ޕުޓިންގެ ބަލީގެ އަލާމާތްތައް ފެންނަ ބައެއް ވީޑިއޯތައް ވެސް މީސް މީޑިއާގައި އާންމުވެ ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވެއެވެ.