ކުޅިވަރު

މާފަރު ޒުވާނުން ދެކޭ ހުވަފެނުގައި ކުލަ ޖެހެނީ: ފުޓްބޯޅަ ދަނޑުގެ އަމަލީ މަސައްކަތް ފަށައިފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ނ.މާފަރަކީ ފުޓްބޯޅައިގެ ތާރީހެއް އޮތް ރަށެކެވެ. މޮޅެތި އެތައް ކުޅުންތެެރިންނެއް އުފެދިފައިވާ ރަށެކެވެ. ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ސާފް ޗެމްޕިއަންޝިޕްގެ ތަށި ދެ ފަހަރަށް އުފުލާލިއިރު، އެ ދެފަހަރު ވެސް ޓީމުގެ ކެޕްޓަން ބޭންޑު އެޅީ މާފަރުގެ ކުޅުންތެރިންނެވެ. އެއްބަނޑު އެއްބަފާ ދެބެއިންނެވެ. މުޅި ގައުމު އެ ދެ ދަރިއަކަށް ޓަކައި ފަޚުރުވެރިވާ، އައްސަދު އަބްދުލްޣަނީ އާއި އަކްރަމް އަބްދުލްޣަނީއެވެ.

Ads by MWSC

މާފަރުގައި މިއަދުވެސް ޒުވާން އެތައް ކުޅުންތެރިންނެއް އުފެދެމުން އެބަދެއެވެ. އެކި އުމުރުފުރާތަކުގެ ގައުމީ ޓީމުތަކަށް މާފަރުގެ ކުދިން ކުޅޭ މަންޒަރު ފެނެއެވެ. ރަށުގެ ދަނޑުތަކުން ވެސް ފެނިގެން ދަނީ ހުނަރުވެރި ޒުވާނުން ތަކެކެވެ. މޮޅު ކުޅުންތެރިން ތަކެކެވެ. ފެނިގެންދަނީ، އިތުރު "ގޯލްޑް ކެޕްޓަނުން" ތަކެއް އުފެދޭނެ ކަމުގެ އުއްމީދު ތަކެކެވެ.

މިއަދު މާފަރުގެ ޒުވާނުންނަށް ފެންނަމުންދަނީ އުފާވެރި މަންޒަރެކެވެ. އެ ޒުވާނުން ދެކެމުންދާ ހުވަފެންތަކުގައި ކުލަޖެހޭނެ ކަމުގެ މަލަމަތި މިއަދު ދަނީ ފެންނަމުންނެވެ. މިނިސްޓްރީ އޮފް،ޔޫތު ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން މާފަރުގައި ތަރައްގީ ކުރާ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކުރުމުގެ މަސައްކަތް އަމަލީ ގޮތުން ފަށައިފިއެވެ.

އެ މަސައްކަތް މީގެ އިއްޔެ ފަށާފައިވާއިރު، މަސައްކަތް ވަރަށް ހަލުވި ސްޕީޑެއްގައި ކުރިއަށް އެބަ ދެއެވެ. މި މަަސައްކަތް ކުރާ ކުންފުންޏަކީ މެކްސްޓަރ މޯލްޑިވްސް ޕވޓ ލޓޑ އެވެ. މި މަސައްކަތުގެ ޖުމުލަ އަގަކީ 1،711،305.26 (އެއް މިލިއަން ހަތް ލައްކަ އެގާރަ ހާސް ތިން ސަތޭކަ ފަސް ރުފިޔާ ސައްބިސް ލާރި) އެވެ.

މި މަސައްކަތް 35 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭކަން މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި މެކްސްޓަރ މޯލްޑިވްސް ޕވޓ ލޓޑ އާ ހެދިފައިވާ އެއްބަސްވުމުގައި ބަޔާން ކޮށްފައިވެއެވެ. މި މަސައްކަތް އައު އަހަރު ފެށޭ ހިސާބަށް ނިންމާލެވޭނެ ކަމަށް ލަފާ ކުރެވެއެވެ.

މާފަރުގައި ތަރައްގީ ކުރެވޭ ފުޓްބޯޅަ ދަނޑާއެކު މާފަރުގެ ފުޓްބޯޅައަށް އިތުރު ތަރައްގީތަކެއް އަންނާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އަދި އެއީ މާފަރުގެ ގިނަ ޒުވާނުންތަކެއް ދެކެމުން އަންނަ ހުވަފެނެކެވެ. ފުޓްބޯޅަ ދަނޑުގެ އަމަލީ މަސައްކަތާއެކު މާފަރުގެ ދަނޑުން ހުނަރުވެރި މޮޅު ކުޅުންތެރިންތަކެއް އުފެދިގެންދާނެ ކަމާމެދު ޝައްކެތް ނެތެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!