ފަޚުރެއް ކަމަށް ދެކި މުސްލިމުން މެރި ޤާތިލް ، މިއަދު އިސްލާމްވެ ، މުޖުތަމަޢުގެ އިސް ޒިންމާ ނަންގަވައިގެން
ރިޗާޑް މެކްކިންނޭ ނުވަތަ އާންމު ނަމުން ނަމަ "މެކް" އަކީ އެމެރިކާގެ އިންޑިއާނާ ސުޓޭޓަށް ނިސްބަތްވާ މީހެކެވެ. ފިލްމް ބެލުމަށް ޝައުޤުވެރިވި މެކް ބޮޑުވަމުން ދިޔަ ދުވަސްވަރު މަޝްހޫރު އެކްޝަންތަރި ރާމްބޯގެ ފިލްމްތައް އޭނާގެ ޙަޔާތަށް ނުފޫޒު ގަދަކުރިއެވެ.
ރާމްބޯގެ ވަރުގަދަ ،ޖެހިލުން ކުޑަ ކެރެކްޓާއަކީ މެކްގެ ހުވަފެނީ ވަޒީފާއަށް ވިއެވެ. މިހުވަފެންތަކުގައި ކުލަ ޖެއްސުމަށް މިލިޓަރީއާއި އޭނާ ގުޅުނެވެ. މެރިން ސާޖެންޓްގެ މަޤާމަށް އޭނާ ވާޞިލްވިއެވެ.
މުސްލިމުންދެކެ އިންތިހާއަށް ރުޅި އަންނަ މެކް ، ދުށީމުސްލިމުން މެެރުމަކީ ފަޚުރެއްކަމުގައެވެ. އެގޮތުންމެދުއިރުމައްޗާއި ސޯމާލިއާއި އަދި ފިލިޕީންސްގައި މަސައްކަތް ކުރަމުން ދިޔައިރު މީހުން މަރަމުން ދާ އަދަދު އެގޭގޮތަށް އަތުގައި ޓެޓޫ ފާހަގަ ޖަހަމުން ދިޔައެވެ. ނަމަވެސް 26 ވަނަ މީހާއަށް ފަހު އޭނާ ޓެޓޫއިން ލިސްޓްކުރުން ހުއްޓާލިއެވެ.
މެދު އިރުމައްޗާއި ސޯމާލިއާ އަދި ފިލިޕީންސްގެ ''މިޝަން''ތައް ނިންމުމަށްފަހު އެނބުރި ޤައުމަށް ގޮސް ވަރުގަދަ ޕްލޭނެއް އޭނާ ރޭވިއެވެ. އެއީ އޭނާ ދިރިއުޅޭ ސަރަޙައްދު ، މަންސީގެ އިސްލާމީ މަރުކަޒު ގޮއްވާލުމެވެ. 200 އެއްހާ މީހުން މަރުވާނެ ކަމަށް ލަފާކުރި އެ ޕްލޭން ކުރިއަށް ގެންދަން އޭނާ ދެގޮތަކަށް ވިސްނިއެވެ. އެމަރުކަޒުތެރެއަށް ވަދެ ބަޑިޖަހާ މެރުން ނުވަތަ އައިއީޑީ (ބޮމެއް) ތައްޔާރުކޮށް މަރުކަޒުގެ ބޭރުގައި ހަރުކޮށް ގޮއްވާލުމަކީ އޭރު އޭނާ ވިސްނުމުގައި ހިނގި ކަންކަމެވެ.
"އަހަރެން ޖެހިލުމެއް ނުވި ، އަހަރެން ހުރީ ޖަލަށް ދާން ވެސް ތައްޔާރަށް، ހިތަށް އެރީ މިސްކިތް ގޮއްވާލުމަކީ އަހަރެންގެ މުޖުތަމަޢުއަށް އަހަރެންގެ ޤައުމަށް ކޮށްދެވޭނެ ރަނގަޅު ކަމެކޭ ، އަހަރެންގެ އަނބިމީހާ އަހަރެން ކުރަން އުޅުނު ކަންތަކާއި ބިރުގަތް. އަދި އެފްބީއައި އާއިވެސް ހުރީ ވާހަކަ ދައްކާފަ އަހަރެންގެ ނިޔަތާއި ބެހޭގޮތުން" މެކް ކިޔައިދީފައިވެއެވެ.
މެކްގެ ވިސްނުންތައް އެންމެ ފުރަތަމަ ބަދަލުވީ އޭނާގެ އަށް އަހަރަށްދާ އަންހެން ދަރިފުޅު ސްކޫލުން ނިމިގެން ގޮސް ކިޔައިދިން ވާހަކަ ތަކަކުންނެވެ.
ދަރިފުޅު ބުނީ ކުޑަ ފިރިހެން ކުއްޖަކު ގޮވައިގެން އޭނާގެ މަންމަ އައިސް ސުކޫލްގައި އިން ކަމަށާއި އެއަންހެންމީހާ އިނީ ސްކާފް އަޅާ އަދި ފައި ވެސް ނިވާ ވާފަދަ ހެދުމެއް ލައި ހަމައެކަނި ލޯ ފެންނަގޮތަށް ނިވާ ވެގެންކަމަށެވެ.
ދަރިފުޅުގެ ވާހަކަތައް އަޑުއަހާފައި މެކްގެ ހިތުގައި ''ޓެރެރިސްޓުން''ނަށް އޮތް ރުޅިގަނޑު ގަދަވިއެވެ. އަދި އެމުސްލިމު އަންހެންމީހާއަށް ގޯނާއެއް ކުރަން ނިންމިއެވެ. ނަމަވެސް ބައްޕައަކީ ބޮޑު މޮޔައެއް ފަދައިން ދަރިފުޅު އޭނާއާއި ދިމާއަށް ބަލާލިއެވެ. އަދި އެއަންހެންމީހާގެ ފަރާތުން އެއްވެސް ބިރުވެރިކަމެއް ނެތް ފަދައިން އެކުއްޖާ ބުންޏެވެ. "ބައްޕާއެވެ. އެކުއްޖާގެ މަންމައަކީ ވަރަށް ހެޔޮ މީހެކެވެ." ދަރިފުޅުގެ އެޖުމްލައާއިމެދު މެކް ވަރަށް ވިސްނާ ގޮއްވާލަން ރޭވި އައިއީޑީއިން ނެތި ފަނާކޮށްލަން ރޭވި މުސްލިމުންނަށް އިތުރު ފުރުސަތެއް ދޭން ނިންމިއެވެ. މުސްލިމުންނާއި ގުޅޭ މަޢުލޫމާތު ހޯދަން ނިންމިއެވެ.
އޭނާގެ މިސްރާބަކަށްވީ ގޮއްވާލަން ރޭވި މަންސީ އިސްލާމީ މަރުކަޒެވެ. އެތަނަށް ގޮސް ދޮރުހުޅުވާލުމާއެކު ހިނިތުންވުމާއެކު މީހަކު އޭނާއާއި ބައްދަލު ކުރިއެވެ. އަދި ''ތިބާއަށް އަހަރެންގެ ފަރާތުން އެހީއެއް ވެވިދާނެތޯ''ސުވާލު ކުރިއެވެ. އެހިނދު އިސްލާމްދީން ދަސްކުރަން ބޭނުންވާ ކަމަށް އެއްވެސް ޖެހިލުމެއް ނެތި މެކް ބުންޏެވެ. މެކްއަށް ޤުރުއާން ތަރުޖަމާއެއް އެ މަރުކަޒުން ދިނެވެ. އަދި އެފޮތް ކިޔެވުމަށާއި އެއްވެސް ސުވާލެއް އުފެދޭނަމަ އެހުމަށް ބުންޏެވެ.
" އަހަރެން ކިޔަވަން ފެށުން ، އަހަންނަށް ފެނުނީ އެފޮތުގައި ހުރިހާ ކަމެއް ވެސް އޮތްކަން ، މިއީ އަހަރެންގެ ލޯ ހުޅުވުނު ކަމެއް ، އެތައް ގަޑިއިރެއް ހޭދަ ކުރިން. ދިރާސާ ކުރުމުގައާއި ދަސްކުރުމުގައި. އަހަންނަށް ކުރިން ނޭނގޭ ވަރަށް ގިނަ ކަންކަން އެނގެން ފެށި. ޝަހާދަތް ކިޔާ މުސްލިމަކަށް ވާން އަމިއްލަ ނަފްސް ބޭނުންވާކަން އެނގުނު ހިސާބުން އަހަރެން މުސްލިމަކަށްވީ" ޤުރުއާން އުނގެނެން ފެށިތާ ދެމަސްފަހުން އިސްލާމްވި މެކް ބުންޏެވެ.
މެކް ބުނީ އޭނާއަށް އިސްލާމްދީނާއި މެދު ކުރިން ދެކެވުނީ މުޅިން ނުބައިކޮށް ކަމަށާއި އޭނާގެ މިހާރުގެ މަސައްކަތަކީ ''ނަފްރަތު''އާއި ދެކޮޅަށް މަސައްކަތް ކުރުން ކަމަށެވެ.
''އަހަންނަށް ވަރަށް ބައިވަރު ކަންތައްތައް ކުރެވިއްޖެ ،ވަރަށް ގިނަ ބަޔަކަށް ގެއްލުން ދެވިއްޖެ ، ނަމަވެސް އަހަރެން ދިރިއުޅެން ޖެހޭނީ އެ ހިތި ޙަޤީޤަތާއެކު ، އޭގެތެރެއިން މީހަކުގެ ކިބައިން މަޢާފް ހޯދިއްޖެނަމަ އެއީ އަހަންނަށް ލިބޭ ކާމިޔާބީއެއް '' އޭނާއަށް ކުރެވިފައިވާ ބޮޑެތި ކުށްތަކާމެދު ހިތާމަ ކުރަމުން މެކް ބުންޏެވެ.
މިއަދު އޭނާ އަކީ ގޮއްވާލަން އޭނާ ރޭވި މަންސީ އިސްލާމީ މަރުކަޒުގެ ރައީސެވެ. އަދި ބޯލް ސްޓޭޓް ޔުނިވާސިޓީގެ މުސްލިމް ސްޓޫޑެންޓްސް އެސޯސިއޭޝަންގެ ރައީސްގެ މަޤާމު ވެސް އަދާ ކުރާ މެކްގެ މިހާރުގެ ވަޒީފާއަކީ މުސްލިމް މުޖުތަމަޢަށް ޚިދުމަތް ކުރުމެވެ.