ބޮލީވުޑް މުނިފޫހިފިލުވުން

"ސައިޑް ރޯލުން ފެންނަ ތަރިންނަށް ސަމާލުކަމެއް ނުލިބޭ ކަމަށް، މަރުވުމުގެ ކުރިން އާސިފް ބުނި"

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ ކާމިޔާބު އެތައް ފިލްމުތަކެއްގައި މުހިންމު ރޯލްތަކެއް އަދާ ކޮށްފައިވާ އާސިފް ބަސްރާ (53އ.) ދަންޖެހިގެން އަމިއްލައަށް މަރު ވެއްޖެއެވެ.

Ads by Sosun Fihaara

އާސިފް މަރުވެފައި ވަނީ ހިމާޗަލް ޕްރަދޭޝް ގައި ހުންނަ އޭނަގެ ގޭގައި، ރޭގެ ވަގުތެއްގައި ކަމަށް ރިޕޯޓުތަކުން ބުނެފައި ވެއެވެ.

މަޝްހޫރު ފިލްމުތައް ކަމަށްވާ "ކްރިޝް 3"، "ހިޗްކީ"، "ކައި ޕޯޗޭ"، އަދި "ޖަބް ވީ މެޓް" ފަދަ ފިލްމުތަކުގައި ހަރަކާތްތެރި ވެފައިވާ އާސިފް މަރުވުމާ ގުޅިގެން ބޮލީވުޑް ފަންނާނުން ވަނީ މީސް މީޑިއާ މެދުވެރިކޮށް ހިތާމަ ފާޅުކޮށްފައެވެ.

ނަމަވެސް އާސިފް ގެ ގާތް ރަޙުމަތްތެރިއެއް ކަމަށްވާ ވިވޭކް އަގްނިހޯތުރީގެ ވާހަކަ ތަފާތެވެ.

އާސިފް ހަރަކާތްތެރިވި "ތާޝްކެންޓް ފައިލްސް" ޑައިރެކްޓު ކުރި ވިވޭކް ބުނީ، ބޮލީވުޑްގައި އާސިފް އަށް އެހާ ބޮޑު އަހައްމިއްޔަތުކަމެއް ނުލިބޭތީ އޭނާ އަބަދުވެސް އެވާހަކަ ދެއްކި ކަމަށެވެ.

"އެންމެ ފަހުން ދިމާވި ފަހަރު ވެސް ބުނި ދާއިރާގައި ބޮޑަށް ސަމާލުކަން ދީފައި ހުންނަނީ ލީޑް ރޯލުން ފެންނަ މީހުންނަށް އެކަންޏޭ. ސައިޑް ރޯލު ކުޅޭ އަދި ވިލަންގެ ރޯލް ކުޅޭ މީހުންނަށް ވެސް އެހާބޮޑު އަޙައްމިއްޔަތު ކަމެއް ނުދޭ ކަމަށް ވެސް ، އޭނަ ހުރީ އެކަމާއި ކަންބޮޑުވެފަ" ވިވޭކް ބުންޏެވެ.

ވިވޭކް ބުނީ އޭނާ އުޅުނީ، އޭނާ ދެން އެންމެ އަވަހަށް އުފައްދަން ތައްޔާރުވި "ކަޝްމީރް ފައިލްސް" ގައި ވެސް އާސިފް ހިމަނަން ކަމަށާއި، ނަމަވެސް ތަޤުދީރު ނިޔާކުރީ އެހެން ގޮތަކަށް ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!