ހަގީގީ ހާދިސާ ލައިފްސްޓައިލް

ހަގީގީ ހާދިސާ: އުމުރުން 18 އަހަރުގެ ކުއްޖެއް ޖިންނި އަވަލި ވާހަކަ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މިއީ މެދުރާއްޖެތެރޭގައި ދިރިއުޅޭ ޒުވާން އަންހެން ކުއްޖަކަށް ދިމާވި ބިރުވެރި ދުވަސްތަކެއްގެ ވާހަކައެވެ. މިވާހަކަ މި ގެނެސްދެނީ އަސްލު ނުގެއްލޭހެން އުނި އިތުރުތަކާ އެކުގައެވެ.

Ads by STELCO

މިއީ 2019 ވަނަ އަހަރު ހިނގާދިޔަ ހާދިސާއެކެވެ. މި އަންހެން ކުއްޖާއަކީ ކޮންމެ ރެއަކު ވެސް ދެނަމާދު ދޭތެރޭ އަތިރިމައްޗަށް ދިއުމަށް ލޯބިކުރާ އަންހެން ކުއްޖެކެވެ. އިތުރު ރައްޓެއްސެއް ނުލާ އެކަނި މާއެކަންޏެވެ. ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ރަށުން ބޭރު ކުއްޖަކާ ކަމުން ކޮންމެ ދުވަހަކު ވެސް އަތިރިމަތީގައި ހެދިފައި ހުރި ދިއްގާ ގަސްދޮށުގައި އިންނަނީ އޭނާގެ ލޯބިވެރިޔާއަށް ގުޅައިގެންނެވެ.

މިހެން މިގަސްދޮށަށް މިއަންހެން ކުއްޖާ ދާތާ ގާތްގަނޑަކަށް 2 މަސް ވަނީއެވެ. އެއްރޭ އެތަނުގައި އޭނާގެ ލޯބިވެރިޔާއާ ފޯނުކޯލުގައި އިންދާ ކުއްލިއަކަށް މާބާރަށް މީހަކު ދުވެފައި އަންނަ އަޑު އިވުމުން އޭނާ ފަހަތަށް ބަލާލީއެވެ. އެހެން ނަމަވެސް ފަހަތުން މީހަކު ފެންނާކަށް ނެތެވެ. އެހިސާބުން ކޮންމެ ވެސް ވަރަކަށް އޭނާ އެތަނުގައި އިންނަން ޖެހިލުން ވިއެވެ. އެހެންކަމުން މިސްރާބު ޖެހީ ގެއަށެވެ. ފޯނުން ވާހަކަ ދައްކަމުން ހިނގަމުން ދިޔައީ ގެއާ ދިމާއަށެވެ.

ގެއަށް އައިއިރު ގަޑިން ގާތްގަނޑަކަށް 9 ޖަހަނީއެވެ. ފޯނުކޯލު ކަނޑާލުމަށް ފަހު އޭނާ އަވަސް ވެގަތީ ފެންވަރަން ދާށެވެ. “ދެން” އަށް މި އަންހެން ކުއްޖާ ކިޔައިދީފައި ވާގޮތުން ފެން ވަރަން ހުރެ އިސްތަށިގަނޑު ހޫރާލި ވަގުތު ކޮންމެ ވެސް އެއްޗެއްގައި ޖެހުނުހެން އެ އަންހެން ކުއްޖާއަށް ހީވިއެވެ.

އެހެން ނަމަވެސް މާބޮޑު ކަމަކަށް ނުހަދާ ފެންވަރައިގެން ނިކުމެ ކޮޓަރިއަށް ވަނެވެ. ކޮޓަރީގައި އެ އަންހެން ކުއްޖާގެ އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮ ވެސް އުޅެއެވެ. އެހިސާބުން ކޮއްކޮ އޭނާ ގާތުގައި ބުނީ އޮޅައިގެން ހުރި ތުވާލީގައި ލޭ ހުރި ވާހަކައެވެ. ކޮއްކޮ ބެލި ބެލުމުގައި އޭނަގެ ބުރަކަށީގައި ވަކިތަކެއް ހުރި ކަމަށް އޭނާ ބުންޏެވެ.

އެހިސާބުން އޭނާއަށް ވީކިހިނެއް ކަމެއް އޭނާއަށް ވެސް ނޭނގޭކަމަށް އޭނާ ބުންޏެވެ. އެހެން ނަމަވެސް ދެން އަށް މައުލޫމާތު ދިން މި ހާދިސާ ގާތުން ދުއް މީހަކު ބުނެފައި ވަނީ އެހިސާބުން އޭނާ ތެޅިގަންނަން ފެށީ ކަމަށާއި، ރުގްޔާ ކުރުމުގެ ކަންކަން ފެށުމަށް ދާންދެން އެއްވެސް މީހަކަށް އޭނާ މައިތިރި ނުކުރެވުމުން ކޮޓަރީގައި އެއްސީ ކަމަށެވެ. އޭނާ ބޭނުންވީ އަތިރިއަށް ދާން ކަމަށް މައުލޫމާތު ދިން ފަރާތުން ބުނެފައި ވެއެވެ.

އޭނާ މައިތިރި ކުރެވޭ ވަރުވީ ގާތްގަނޑަކަށް އެރޭގެ އިރު އަރަން އުޅެނިކޮށް ކަމަށާއި، މުޅިން އެއްކޮށް ރަނގަޅުވީ ހަފްތާއެއްހާ ދުވަސް ވަންދެން ރުގްޔާ ކުރުމުން ކަމަށް ވެސް މައުލޫމާތު ދިން ފަރާތުން ބުނެފައި ވެއެވެ.

މި އަންހެން ކުއްޖާ ޖިންނި އަވަލާން މެދުވެރިވި ސަބަބެއް ގޮތުގައި ބުނީ ކޮންމެ ރެއަކު ވެސް އެ ގަސް ދޮށަށް ދާތީ އޭނާ ދެކެ ލޯބިވީ ޖިންނިއެއް ކަމަށާއި، އެރޭ އޭނާ ގައިގައި އަތްލާން އުޅެނިކޮށް އޭނާ މާއަވަހަށް ގެއަށް ދިއުމުން، އެ ޖިންނި ވެސް އޭނާ ފަހަތުން އެގެއާ ހަމައަށް ދިޔައީ ކަމަށެވެ. އަދި ފެންވަރަން ވަން ވަގުތު އޭނާއާ ކައިރިވީ ކަމަށެވެ. އަދި އެވަގުތު އިސްތަށިގަނޑު ހޫރާލުމުން ޖިންނި ގައިގައި ޖެހުނީ ކަމަށެވެ.

މިއީ ކޮންމެ ދުވަހަކު ދެނަމާދު ދޭތެރޭ އަތިރިމައްޗަށް ދިޔަ އަންހެން ކުއްޖަކަށް ދިމާވި ވާހަކައެވެ. މި ކުއްޖާ މިވާހަކަ “ދެން” އާ ހިއްސާ ކުރުމުގެ ބޭނުމަކީ މިކަމުން ކިޔުންތެރިން ޢިބްރަތް ހާސިލު ކުރާނެ ކަމުގެ އުއްމީދުގައި ކަމުގައި ބުނެފައި ވެއެވެ.

 

Ads by Ooredoo
  1. ވަރުން

    އެހެންވީމަ އޭ ދެނަމާދު ދޭތެރެ ތުޑިއައް ނުދަންވީ