ޚަބަރު

ސިންގަޕޫރާއި ބަންގްލަދޭޝްގެ ސަފީރުން ހިމެނޭހެން، ތިން މަޤާމަކަށް ބޭފުޅުން އައްޔަނު ކުރައްވައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ތިން މަޤާމަކަށް ބޭފުޅުން އައްޔަނު ކުރައްވައިފިއެވެ.

Ads by Sosun Fihaara

މިގޮތުން ރައީސް މިއަދު އައްޔަނު ކުރެއްވީ، ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ހ.ޖެހޭވައި އިބްރާހީމް ޝަހީބާއި، ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް މ.ޒީނާ ޝިރުޒިމަތު ސަމީރާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމަށް ގ. ޕެންޒީމާގެ ޢާއިޝަތު ޝާން ޝާކިރެވެ.

މިމަޤާމުތަކަށް ބޭފުޅުން އައްޔަނު ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.

ސިންގަޕޫރަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ޢައްޔަންކުރެއްވި އިބްރާހީމް ޝަހީބު އެންމެ ފަހުން ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމުގައެވެ. އަދި އެ މަނިކުފާނު ވަނީ އެ މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީކަމުގެ މަޤާމާއި، ޕަރމަނަންޓް ސެކްރެޓަރީކަމުގެ މަޤާމާއި، ޑިރެކްޓަރުކަމުގެ މަޤާމު ފަދަ އިސް މަޤާމުތައް ފުރުއްވާފައެވެ. ހަމަ އެއާއެކު ޝަހީބު ވަނީ މީގެ ކުރިން ސިންގަޕޫރުގެ ފަސްޓް ސެކްރެޓަރީ އެންޑް އެކްޓިންގ ހައިކޮމިޝަނަރ އޮފް މޯލްޑިވްސް ގެ މަޤާމު ވެސް އަދާކުރައްވާފައެވެ.

އިބްރާހީމް ޝަހީބަކީ ސިންގަޕޫރުގެ ލީ ކުއާން ޔިއު ސްކޫލް އޮފް ޕަބްލިކް ޕޮލިސީއިން މާސްޓަރސް އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެ މަނިކުފާނު ވަނީ އޮސްޓްރޭލިއަން ނެޝަނަލް ޔުނިވަރސިޓީ އިން ބެޗެލަރ އޮފް އާޓްސް އިން ޕޮލިޓިކަލް ސައިންސް އެންޑް ޑިވެލޮޕްމަންޓް ސްޓަރޑީޒް ހާސިލުކުރައްވާފައެވެ.

ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް އައްޔަނު ކުރެއްވި ޝިރުޒިމަތު ސަމީރު އެންމެ ފަހުން އަދާކުރައްވާފައިވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ އީސްޓް އެންޑް ސެންޓަރަލް އޭޝިއާ ޑިވިޝަންގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމެވެ. އަދި އެ ކަމަނާ ވަނީ މީގެ ކުރިން މޯލްޑިވްސް އެމްބަސީ އިން ޖަރމަނީގެ މިނިސްޓަރ ކައުންސެލަރގެ މަޤާމު ވެސް ފުރުއްވާފައެވެ.

ޝިރުޒިމަތު ސަމީރު މާސްޓަރސް އޮފް ސޯޝަލް ސައިންސް (ސްޓްރެޓެޖީ އެންޑް ޑިޕްލޮމަސީ) ހާސިލުކުރައްވާފައިވަނީ ނެޝަނަލް ޔުނިވަރސިޓީ އޮފް މެލޭޝިއާގެ އިންސްޓިޓިއުޓް އޮފް ޑިޕްލޮމަސީ އެންޑް ފޮރިން ރިލޭޝަންސް އިންނެވެ. އަދި އެ ކަމަނާ ވަނީ ޔުނިވަރސިޓީ އޮފް އީސްޓް ލަންޑަން އިން ބެޗެލަރ އޮފް އަރޓްސް އިން އިންޓަނޭޝަނަލް ބިޒްނަސް ހާސިލުކުރައްވާފައެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމަށް އައްޔަނު ކުރެއްވި ޢާއިޝަތު ޝާން ޝާކިރު މިއަދާ ހަމައަށް ހުންނެވީ ދިވެހިރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމުގައެވެ. އަދި އެ ކަމަނާ މީގެ ކުރިން ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ޖޮއިންޓް ސެކްރެޓަރީގެ މަޤާމާއި، މެލޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ހައި ކޮމިޝަނަރުގެ މަޤާމާއި، ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރގެ މަޤާމުގެ އިތުރުން ވެސް، އެ މިނިސްޓްރީގެ އެހެނިހެން އިސް މަޤާމުތައް ފުރުއްވާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!