ދީން

އިޝާން އެބުނީ ރަނގަޅަށެވެ. ﷲ ތަޢާލާއަށް ކުއްތަންވުމުން މެނުވީ ޙަޤީޤީ އުފާވެރިކަން ތަޖުރިބާއެއް ނުކުރެވޭނެއެވެ.

ދެން އެމްވީ ، ދެން އޮންލައިން

މިއުޒިކު ކުޅުމާއި އަޑުއެހުމުގެ ޙުކުމް ނޭނގޭ މީހަކު މި ދިވެހި ފަސްގަނޑުގައި އެބައުޅޭހެއްޔެވެ. ލަވަޔާއި މިއުޒިކުގެ ދަންތުރާގައި ޖެހުމަކީ ކޮންކަހަލަ ކަމެއްކަން އެކިއެކި ދީނީ ޢިލުމުވެރިންގެ ދޫތަކުން އަބަދުވެސް ބަޔާންކޮށްދެއްވައެވެ. ކީރިތި ޤުރުއާނާއި، ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތާއި، ޞަޙާބީ ބޭކަލުންގެ ޒަމާނުން ފެށިގެން މިއަދާ ހަމައަށް ވަޑައިގެން ޢިލްމުވެރިބޭކަލުންގެ ބަސްފުޅުތަކުން އެއްވެސް އޮޅުމެއްއްނެތި މިކަން ސާފުވާން އެބައޮތެވެ.މިއުޒިކަކީ ޙަރާމް އެއްޗެއްކަމަށް ކީރިތި ޤުރުއާނާއި ސުންނަތުން އަދި އުއްމަތުގައި އުދެނުނު ބޮޑެތި ޢިލްމްވެރިންގެ ބަހަށް ރިޢާޔަތްކޮށް ދީނީ ދަންނަބޭކަލުން ކިޔައިދެއްވަމުން އެގެންދަވަނީއެވެ.

Ads by MWSC

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވެފައިވެއެވެ. "ހަމަކަށަވަރުން އެބޭފުޅުން (އެބަހީ :ހަތަރު މަޒްހަބުގެ އިމާމުން)ވަނީ ލަވަޔާ މިއުޒިކުގެ ސާމާނު ޙަރާމް ކަމާމެދު އިއްތިފާޤުވެލައްވާފައެވެ."

އަދި އެކަމުގެ ޙަރާމްކަމަށް އުއްމަތް އިޖްމާޢު ވެފައިވާކަމަށް ވިދާޅުވާ ޢިލްމުވެރިންގެތެރޭގައި އިމާމް ޤުރުޠުބީ، އިބްނު ރަޖަބް، އިބްނު ޞަލާޙް އަދި އިބްން ޙަޖަރު އަލްޙައިތަމީ -رحمهم الله-ފަދަބޭކަލުން ހިމެނެއެވެ.

ހިތާމައަކީ މިކަމާމެދު ވިސްނާ ފިކުރުކޮށް މިކަމުން ދުރުވުމަށް މަދު ބަޔަކު މެނުވީ މަސައްކަތް ނުކުރާކަމެވެ. އަދި މިކަމުގެ ސަބަބުން ﷲގެ ޙަޟްރަތުން ޢާންމުވެގެންވާ ޢުޤޫބާތެއް އަތުވެދާނެކަމަށް ބިރުވެތިނުވާކަމެވެ. މައިންބަފައިންގެ އަމިއްލައަތުން އަގުބޮޑެތި ރީތި ހެދުންތައް ލައްވައިގެން ދަރިން ނަލަ ހައްދާ ބީދައިން އެކުދިން ސުވަރުގެއަށް ދާން އޮތް މަގު ރީތިކޮށް ދައްކަންޖެހެއެވެ. ދަރިން ނަރަކައިގެ ޢަޛާބާއި، ﷲ ގެ ނުރުއްސަވާ ފާފަތަކާއި އެކަލާނގެ ޢުޤޫބާތާއި ދިމާލަށް ގެންދިޔުމަކީ އެކަންއެކުރާ ފަރާތްތަކުން ބިރުވެތިވާން ޖެހޭވަރުގެ ކަމެކެވެ. އެފަދަ ކަމަކީ ދަރިންނަށް ދެވޭ އެންމެ ބޮޑު އަނިޔާއެވެ.

ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތުކޮށް ނަރަކައިގެ ޢަޛާބުން ސަލާމަތްކުރުމަށް މަސައްކަތްކޮށް، ސުވަރުގެއަށް މަގުކޮށައިދީ، ހެޔޮމަގު ދައްކާ ބަޔަކަށްވުމުގެ ބަދަލުގައި މިއުޒިކުގެ ތެރެއަށް ވެއްދުމަކީ ޅަފަތުގައި ކުއްޖާ އަލިފާނަށް އެއްލާލާފައި ދަރިފުޅާ ނަމަނަމަ ނުފިހެއްޗޭ ބުނުންފަދަ ކަމެކެވެ. މިއުޒިކުގެ ދުނިޔޭގައި އުހުގައި ފިޔަޖަހަމުންދާ އެކިއެކި ފަންނާނުންގެ ދިރިއުޅުމާއި އެބައިމީހުންގެ ނިމުން އައިސްފައިވާގޮތް އަޅުގަނޑުމެން ދިރާސާކުރާނަމަ އެކަމުގައި ގިނަގުނަ ފިލާވަޅުތަކެއް ލިބުނީހެވެ.

ﷲ ތަޢާލާ ވަހީކުރައްވާފައިވެއެވެ.

أَفَأَمِنَ أَهْلُ الْقُرَ‌ىٰ أَن يَأْتِيَهُم بَأْسُنَا بَيَاتًا وَهُمْ نَائِمُونَ ﴿٩٧﴾ أَوَأَمِنَ أَهْلُ الْقُرَ‌ىٰأَن يَأْتِيَهُم بَأْسُنَا ضُحًى وَهُمْ يَلْعَبُونَ ﴿٩٨﴾ أَفَأَمِنُوا مَكْرَ‌ اللَّـهِ ۚ فَلَا يَأْمَنُ مَكْرَ‌ اللَّـهِإِلَّا الْقَوْمُ الْخَاسِرُ‌ونَ ﴿٩٩﴾ -سورة الأعراف ٩٧ ٩٩-

މާނައީ: ފަހެ ރަށްތަކުގެ އަހުލުވެރިން އެބައިމީހުން ރޭގަނޑުގައި ނިދާފައިތިއްބާ އެބައިމީހުންގެ ގާތަށް ތިމަންއިލާހުގެ ޢަޛާބު އަތުވެދާނެކަމާމެދު (ބިރެއްނެތި) އަމާންވެ ތިބީހެއްޔެވެ؟ ނުވަތަ ރަށްތަކުގެ އަހުލުވެރިން، އެބައިމީހުން ކުޅެކުޅެތިއްބާ ޟުޙާ ވަގުތުގައި އެބައިމީހުންގެ ގާތަށް ތިމަންއިލާހުގެ ޢަޛާބު އަތުވެދާނެ ކަމާމެދަކު (ބިރެއްނެތި) އަމާންވެ ތިބީހެއްޔެވެ؟ ފަހެ الله ގެ ރޭއްވެވުމާމެދު އެބައިމީހުން (ބިރެއްނެތި) އަމާންވެ ތިބީ ހެއްޔެވެ؟ ފަހެ ގެއްލެނިވެގެންވާ މީހުން މެނުވީ، الله ގެ ރޭއްވެވުމާމެދު (ބިރެއްނެތި) އަމާންވެގެންނެއް ނުތިބޭނެއެވެ.

ޒުވާންން ޢުމުރުގައި މިއުޒިކުގެ ތެރޭގައި މުޅިޙަޔާތް ވޭތުކޮށްލުމުގެ ކުރިން ވިސްނާލަމާ ހިނގާށެވެ. އަމިއްލަ ނަފުސާއި ސުވާލުކޮށްލަމާ ހިނގާށެވެ. މިއުޒިކުން ޙަޤީޤީ ހިތްހަމަޖެހުން ލިއްބައިދޭތޯއެވެ. ފުރާނައިގެ ކާނާއެއްކަމުގައި ފުދޭ ކޮއްތެއްކަމުގައި މިއުޒިކުވޭތޯއެވެ. މިއުޒިކު ކުޅުމާއި ލަވައިގެ ދުނިޔޭގައި އުދުހެމުން ދެވުނު ނަމަވެސް ނުތަނަވަސްކަމެއްގެ ތެރޭގައި އުޅެން ޖެހޭކަމުގެ ޝަކުވާއަކީ މިއަދު މިއުޒިކުގެ އަހުލުވެރިންގެ ޝަކުވާއެވެ. ﷲ ތަޢާލާއަށް ކުއްތަންވުމުން މެނުވީ ޙަޤީޤީ އުފާވެރިކަން ތަޖުރިބާއެއް ނުކުރެވޭނެއެވެ. ތަޖުރިބާ ކޮށްލައްވާށެވެ. ﷲ ތަޢާލާއަށް ކުއްތަންވެ ކޮށްލެވޭ އެންމެ ސަޖިދައެއްގެ މިންވަރުން ވެސް އުފާވެރިކަމުން އަހަރެމެންގެ ހިތްތައް އެކަލާންގެ ފުރާލައްވަވައެވެ. ﷲ ތަޢާލާއަށް ތަޤުވާވެރިވުމުން އެއިލާހު އަހަރެމެންގެ ހިތްތައް އުފާވެރިކަމުން ފުރާލައްވައެވެ. އިޝާން އެބުނީ ރަނގަޅަށެވެ. ހިތްތަކަށް ހަމަޖެހުން ލިބުން ހުށީ ﷲ ހަނދުމަ ކުރުމުންނެވެ. މިއީ އިލާހީ ބަސްފުޅެވެ.

ނޭނގިނަމަވެސް ނުވަތަ ޣާފިލުކަމުގައި ހުރެނަމަވެސް ﷲ ތަޢާލާ ޙަރާމުކުރެއްވި ފާފަތަކަށް އަރައިގަނެވިފައިވާނަމަ އެމީހަކަށްވަނީ އަވަހަށް ތައުބާވުމެވެ. މިއުޒިކު ކުޅުމާއި އަދި އަޑު އެހުމަކީ ބޮޑު ފާފައެކެވެ. ދުޢާއަކީ ﷲ ތަޢާލާ އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ އަހުލުންނާއި މުޖުތަމަޢު އަދި އެންމެހާ މުސްލިމުން ﷲ ތަޢާލާ ނުރުއްސަވާ އެންމެހާ ފާފަތަކުން ސަލާމަތްކޮށްދެއްވާ އަޅަމެންނަށް ކުރެވިފައިވާ ފާފަތައް ޢަފޫކުރެއްވުމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!