ޕީއެސްއެމްގެ ކޮރަޕްޝަން މައްސަލަ އަނެއްކާ ވެސް ޕީޖީއަށް
ޕަބްލިކް ސާވިސް މީޑިއާ އިން މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް ހުޅުވުމަށްޓަކައި ހަދާ ނުނިމޭ އިމާރާތެއްގެ ދެ ފްލޯ ކުއްޔަށް ނަގައިގެން ކުލި ދައްކަމުން ދަނީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ އެ މައްސަލައިގައި ދައުވާކޮށް ދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން އިން ޕްރޮސެކިއުޓަރު ޖެނެރަލް އޮފީހުގައި އެދިއްޖެ އެވެ.
މި މައްސަލާގައި ދައުވާ ކުރުމަށް ފޮނުވާފައި ވަނީ ޕީއެސްއެމްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ކުރީގެ ޑިރެކްޓަރު މުހައްމަދު ހާޝިމްގެ މައްޗަށެވެ.
މި މައްސަލައަކީ 2016 ވަނަ އަހަރުވެސް އޭސީސީން ތަހުގީގު ކޮށްފައިވާ މައްސަލައެކެވެ. އަދި ދެ ފަހަރެއްގެ މަތިން ދައުވާ ކުރުމަށްޓަކައި ކުރިން ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލައެކެވެ.
އޭސީސީން ބުނީ ހ. ޖޯޖެޑްވިލާގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާ ކޮންމެ ފަންގިފިލާއަކަށް މީލާދީ ކޮންމެ މަހަކަށް 37،000 ރުފިޔާގެ ރޭޓުން ކުއްޔަށް ހިފާފައިވާއިރު އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާ އިން އެ އިމާރާތް ބޭނުން ކުރުމުގެ ހުއްދަ ދީފައި ނުވަނީސްކަ މަށެވެ.
އަދި އެ އެއްބަސްވުމުގައި ކުއްޔަށް ހިފި މުއްދަތު ގުނަން ފަށާނީ ޑިސެންބަރު 1، 2015 ގައި ކަމަށް ބަޔާންކޮށްފައި ވީނަމަވެސް އެ ތާރީހުގެ ކުރިން އިމާރާތް ޕީއެސްއެމް އިން ބޭނުންވާ މިންވަރަށް ފުރިހަމަކޮށް ހަވާލު ކޮށްފައި ނުވެއެވެ.