ޚަބަރު

މަލީހު ވިދާޅުވީ އެމްޑީޕީގެ މެންބަރުންނަށް ގާނޫނު ނޭނގޭ ކަމަށް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމުގައި ހުންނެވި މުޙައްމަދު މަލީޙު ޖަމާލުގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދިނުމަށް އެދި އެމްޑީޕީ ޕާލަމަންޓްރީ ގްރޫޕަށް ހުށަހަޅާފައިވަނީ ގާނޫނުގައި އޮތް ގޮތަށް ނޫން ކަމަށް ދޭހަވާ ފަދަ ގޮތަކަށް މުޙައްމަދު މަލީޙު ޖަމާލު ވާހަކަދައްކަވައިފިއެވެ.

Ads by STELCO

މިނިސްޓަރ މަލީޙުގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދިނުމަށް އެދި އެމްޑީޕީގެ ޕީޖީއަށް ހުށަހަޅާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކައިލް ނަސީމްއެވެ.

އެގޮތުން 10 ބޭފުޅުންގެ ސޮއި އާއެކު ހުށަހެޅުއްވި މިމައްސަލައިގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ޓެލެކޮމް ސިނާޢަތު ފުރިހަމައަށް ރެގިއުލޭޓުކޮށް ފުރިހަމައަށް ހިންގުމަށް ކޮންމެހެން ބޭނުންވާ ޤަވާއިދުތަކެއްވާއިރު، އެޤަވާއިދުތައް ނުހެދި ލަސްވެގެން ދިޔުމަކީ ދިވެހި ދައުލަތަށާއި އެތަކެއް ރައްޔިތުންނަށް ގެއްލުންތަކެއް ކުރިމަތިވާ ކަމަކަށްވީ ހިނދު، އެޤަވާއިދުތައް ހެދުމަށް ޓެލެކޮމް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މުވައްޒަފުން ކުރެއްވި މަސައްކަތަށް މިނިސްޓަރުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ދެއްވާފައި ނުވާ ކަމަށާއި މަލީޙު އެކަމަށް ހުރަސް އަޅުއްވާފައިވާކަމަށް ވެސް މީކައިލް ވަނީ ފާހަގަ ކުރައްވާފައެވެ.

މެންބަރު މީކާއިލް މިކަން ހާމަކޮށް ކުރެއްވި ޓްވީޓު ރީޓްވީޓު ކުރައްވައި މިނިސްޓަރު މަލީހު ވިދާޅުވީ އެ މައްސަލައިގައި ހަވާލާދީފައިވާ ގާނޫނު އެ ބޭފުޅުން ޝަރަހަ ކުރައްވާފައިވަނީ ނުބައިކޮށް ކަމަށެވެ. އަދި އެކަން އިސްލާހު ކޮށްލުމަށް މަލީހު އިލްތިމާސްކުރެއްވިއެވެ.

"ތިޔަ މައްސަލަ ވައްދާ ކަމަށް ވާ ނަމަ ވައްދާނީ މިނިސްޓަރު ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ހައްގެއް ވީޓީވީ ޕްރޮގްރާމެއްގައި ބޭނުންކޮށް ގެން ކަމަށް ލިޔުއްވީމަ ރަނގަޅުވާނެ. ސީއޭއެމް (ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް) ހިނގާ ގޮތް އޮޅުންފިލުވާ" ކޮމިއުނިކޭޝަންސް އޮތޯރިޓީ ހިނގާ ގޮތް އެކުލެވޭ ޑައިގްރާމަކާއި ލިޔުމެއް ވެސް ހިމަނާފައެވެ.

މަލީހު އިޝާރާތްކުރެއްވި ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަށަވަރު ކޮށްދޭ މާއްދާއެވެ.

މަލީހު ވަނީ ދާދި ފަހުން ވީޓީވީ ޕްރޮގްރާމެއްގައި ސަރުކާރު ހިންގަންވީ ގޮތް މަޖިލިސް މެންބަރުންނަށް ނޭނގޭނެ ކަމަށް ވިދާޅުވެފައެވެ. މިކަމާ ގުޅިގެން އެމްޑީޕީގެ ގިނަ މަޖިލިސް މެންބަރުންގެ ނުރުހުން މަލީހު އަށް ވަނީ އަމާޒުވެފައެވެ. އަދި އިތުބާރު ނެތްކަމަށް ހުށަހެޅި ސަބަބަކީ މިއީ ކަމުގައި ވެސް ބެލެވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!